
މެމްބަރު ހަސަންލަތީފް ހުށަހެޅުއްވި އިސްލާހް ބޭރުކޮށްލުމަށް ލަފާދެއްވާފައިވަނީ މިވަގުތު ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއީ ކޮމިޓީގެ ތިއްބެވި މެމްބަރުންނެވެ. ކޮމިޓީ ޗެއަރކުރައްވަނީ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙަންމަދު ޝިފާއުއެވެ.
ކޮމިޓީގެ މުގައްރިރު ޝާފިއު——
އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުން——
ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހް ރައްޔިތުންގެ މަޖިލިހުގެ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމަށްފަހު ބޭރުކޮށްލަން ލަފާދެއްވިި ސަބަބު ދެނެގަތުމަކީ ކުޅިވަރުގެ ފަންނާނުންނަށް ބޭނުންތެރިކަމަކަށްވާނެ އެވެ.
ފަސްމަންޒަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުޅިވަރު ގާނޫނެއް ފާސްކުރީ 2015 ވަނައަހަރު އެވެ. ކުޅިވަރު ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ ދަފްތަރު ބެލެހެއްޓީ 2003 ވަނަ އަހަރު ފާސްކުރި، މިހާރު އުވާލެވިފައިވާ ޖަމިއްޔާތަކާބެހޭ ގާނޫނު، 2003/1ގެ ދަށުން މިނިސްޓްރީ އޮފް ހޯމްއެފެއަރްޒް ގައި ހުންނަވާ "ޖަމިއްޔާތަކުގެ ރަޖިސްޓްރާ" އެވެ. ފަހުން ފާސްކުރި 2015/30 ކުޅިވަރު ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގައި އޮތް ދަފްތަރު، ސްޕޯޓްސް މިނިސްޓްރީއަށް ބަދަލުކޮށް، މިމިނިސްޓްރީގައި ހުންނަވާ "ކޮމިޝަނަރ އޮފް ސްޕޯޓްސް" އާއި ވަނީ ހަވާލުކޮށްފަ އެވެ. މިގާނޫނުގެ ދަށުން މިވީ ހަތްއަހަރުތެރޭ، ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭކަަމީ އެންމެނަށްވެސް އެންގޭ ކަމަކެވެ.
ކުޅިވަރު ގާނޫނުގެ މަގްސަދު
ކުޅިވަރު ގާނޫނުގެ މަގްސަދަކީ، ކުޅިވަރު ކްލަބްތަކާއި، ނެޝަނަލް އެސޯސިއޭޝަންތައް ޑިމޮކްރަޓައިޒް ކުރުމެވެ. އެހެންނަމަވެސް، މިގާނޫނު ބޭނުންކޮށްފައިވަނީ މިމަގްސަދާ ސީދާ އިދިކޮޅަށެވެ. ކްލަބްތަކާއި އެސޯސިއޭޝަންތައް ސީދާ ކުޅިވަރު މިނިސްޓްރީގެ ދަށަށް ގެނެސް، އެޖަމިއްޔާތަކުގެ އިންތިހާބުތައް ކުޅިވަރު މިނިސްޓަރު ބޭނުންވާގޮތަށް ކޮންޓްރޯލްކުރުމަށެވެ. މިގާނޫނުގެ ދަށުން ފުރަތަމަ އައްޔަންކުރި ސްޕޯޓްސް ކޮމިޝަނަރުންގެ ޓްރެކް ރެކޯޑުތަކުންވެސް، މިކަން ކަށަވަރުކުރެވެ އެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އައްޔަންކުރި ފުރަތަމަ ކޮމިޝަނަރު އޮފް ސްޕޯޓްސް،އަހްމަދުނާޝިދު(ޓީސީޑޭވް)
ކުޅިވަރު ގާނޫނުގެ އަނެއް މަގްސަދަކީ، ސްޕޯޓްސް ކޯޕަރޭޝަނެއް މެދުވެރިކޮށް އިތުރު ކުޅިވަރުކުޅޭތަން ބިނާކޮށް، ދެމެހެއްޓެނިވިގޮތައްގައި ކުޅުންތެރިންނަށް ފޯރުކޮށްދިނުމެވެ. މިކަން ނުވަނީ ސްޕޯޓްސް ކޯޕަރޭޝަނަށް ދޭންޖެހޭ ފައިސާ، ސްޕޯޓްސް މިނިސްޓްރީން ނަގާ، ސްޕޯޓްސް މިނިސްޓަރުގެ މަސަލަހަތު އޮތްގޮތަށް ހަރަދު ކުރާތީ އެވެ. ފައިނޭންސް މިނިސްޓަރުވެސް މިގޮތަށް ފައިސާ ދޫކުރާތީ އެވެ.
ނަތީޖާއަކަށް ވީ 80 އަށްވުރެ ގިނަ ދަންޑު އަޅާ، ބޮޑު ހަރަދުކޮށް، ކުލަގަދަ ސްޕޯޓްސް އެވޯޑް ބޭއްވިނަމަވެސް، ސްޕޯޓްސް މެނެޖްމަންޓްގެ ގާބިލުކަން އުފެއްދިފައި ނެތުމެވެ. ދަނޑުތަކާ އެއްވަރަށް ފުޓުބޯޅަ ޓީމު ބައިވެރިވި ނަމަވެސް، ކުޅެން ލިބޭ މެޗްގެ އަދަދު މަދުކަމެވެ. މޮޅު ކުޅުންތެރިން އުފެދުމަށް ހުރަސްއެޅޭކަމެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މިއަދު ކަން އޮތްގޮތުން ފުޓުބޯޅަ ފަދަ ބައެއް ކުޅިވަރު ޖަމިއްޔާތަކުގެ މައްޗަށް ކަރަޕްޝަންގެ ގިނަ ތުހުމަތުތައްވެސް ކުރެ އެވެ. އެފްއޭއެމް މިއަދު އެވަނީ ދަރަނިވެރިވެފަ އެވެ. މަހަކު 1.3 މިލައިން ރުފިޔާގެ މުސާރަދޭންޖެހޭ ކަމަށް ބުނާ 70ވަރަކަށް މުވައްޒަފުން އޮތް އެފްއޭއެމް އިން މުވައްޒަފުންނަށް މުސާރަނުދެވިގެން އުޅޭތާ ދުވަސްތަކެއްވެއްޖެ އެވެ. އެންމެ ފަހުން ކްލަބްތަކެކޭ އެއްގޮތަށް އެފްއޭއެމް މިވަނީ ފީފާއަށްވެސް ދަރައިފަ އެވެ. މަޖިލިހާ ހަމައަށް މައްސަލަ ތިލަވެ، ގާނޫނަށް އިސްލާހެއް ހުށަހަޅަންޖެހުނީ ސަބަބުތަކެއް ނެތިއެއްނޫނެވެ.
މެމްބަރު ހަސަންލަތީފް ހުށަހެޅުއްވި އިސްލާހް ބަލައިނުގަތުމަށް، ހުދު އެމަނިކުފާނުގެ "ޑިމޮކްރެޓިކް" ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެމްބަރުން، ވަނީ ދެކޮޅުހައްދަވާފަ އެވެ. ހަސަންލަތީފްގެ އިސްލާހް ބިނާކުރައްވާފައި އޮތީ ދެކަމެއްގެ މައްޗަށެވެ. އެއްކަމަކީ ކުޅިވަރު އެސޯސިއޭޝަންތައް ގާނޫނުގެ ތެރެއަށް ވައްދާ، ޑިމޮކްރެޓިކް އުސޫލުން ހިންގާ ޖަމިއްޔާތަކަކަށް ހެދުމަށެވެ.
ދެވަނަ ކަމަކީ، ކުޅިވަރުކުޅޭ ތަންތަން ބިނާކޮށް، މިހާރަށްވުރެ ހަރަދުކުޑަކޮށް، ދެމެހެއްޓެނިވިގޮތެއްގައި، ބެލެހެޓުމެވެ. މިފަދަ އަސާސީ ދެ އިސްލާހް ބަލައިނުގަންނަން ކޮމިޓީން ނިންމި ނިންމުމަކީ ކުޅިވަރުގެ ފަންނާނުންނަށް ނުހަނު ހައިރާންކަމެއް ލިބުނުކަމަކަށްވާނެ އެވެ.
އިޖްތިމާއީ ކޮމިޓީން އާއްމު އިޖްރާއަތްތަކާ ހިލާފުވުން
އިސްލާހް ހުށަހެޅުއްވިތާ ދެއަހަރުފަހުން ޖޫން 6 ވީ ބުދަދުވަހު މަޖިލިހުގެ ތަޅުމަށް ގެނެސް ބޭރުކޮށްލުމަށް ފެންނަ ނުފެންނަ ވޯޓަށް އެހުމުގެ ޖަލްސާގައި، ބިލްގެ ސްޕޮންސަރ، އަލްއުސްތާޒު ހަސަންލަތީފް ފާހަގަކުރެއްވީ، ކޮމިޓީން އެބިލް ދިރާސާކުރެއްވި އިރު ބިލްގެ ސްޕޮންސަރަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދެއްވާ ކަމަށެވެ. މިއީ މަޖިލިސްގެ ރިޔާސަތުގެ ލޮލުގައި އަޅައިނުގަނެ ދާނެކަމެއް ނޫނެވެ.
ނަތީޖާއަކަށްވީ، އިޖްތިމާއީ ކޮމިޓީ، މަޖިލިހުގެ އިޖްރާއަތްތަކާ ހިލާފުވެއްޖެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުމެވެ. ޖޫން 15 ވީ ބުދަދުވަހު މަޖިލިހުގައި ވާހަކަފުޅު ދައްކަވަމުން، ހަސަން ލަތީފް ވިދާޅުވީ އެމަނިކުފާނު ހުށަހެޅުއްވި އިސްލާހާ ގުޅިގެން، އިޖްތިމާއީ ކޮމިޓީން ބިލް ދިރާސާކުރިއިރު، އެމަނިކުފާނުއަރިހު ސުވާލުވެސް ކޮށްލައްވާފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި، ހަމައެކަނި ކުޅިވަރު މިނިސްޓްރީއާއި އެސޯސިޭޝަންތަކުގެ ވެރިންގެ ރައުޔޫއެއް ހޯދުމަށްފަހު ގޮތް ނިންމެވީކަމަށެވެ.
ެމެމްބަރު ހަސަން ލަތީފް 15 ވަނަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 97 ވަނަ މާއްދާގެ ބ. ގައިބުނަނީ،
އިޖްތިމާއީ ކޮމިޓީއަށް، ބިލް ދިރާސާ ކުރުމަށް، ފުޅާ މެންޑޭޓެއް ލިބިފައިވެ އެވެ. ބިލްގެ ސްޕޮންސަރުގެ އިސްލާހަކީ ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ބަލައިގަންނާނެ އިސްލާހެއް ނޫންކަމަށް ކޮމިޓީީން ބުރަވީ، ދެތިން އެސޯސިއޭޝަނަކާ، އޮލިމްޕިކްކޮމިޓީގެ ވެރީންނާ މަޝްވަރާކޮށްލުމަށްފަހު، އެވެރިން ދެއްކި ދެތިން މާއްދާއަކަށް ބުރަވެ ކަމަށްވެ އެވެ. ކަމާބެހޭ ގޮތުން ގާނޫނީ ލަފައެއް ހޯދާވެސް ނުލަ އެވެ. ރާއްޖޭގައި އެތައް ފަންނެއްގެ ތަޖްރިބާކާރުން އުޅެ އެވެ. ސަސްޕެންޑް ކޮށްފައި އޮތް ނިޔުރޭޑިއަންޓް އާއި ވިކްޓަރީގެ ރައުޔޫއެއް ހޯއްދަވާލިނަމަވެސް، ކަމެއް ކުރެއްވިކަމަށް ވީހެވެ. އެހެން މެމްބަރަކަު ވިދާޅުވީ ކޮމިޓީން އިސްލާހް ބޭރުކޮށްލަން ނިންމީ ސްޕޯޓްސް މިނިސްޓްރީން އައި ފޯންކޯލަކަށް ކަމަށެވެ.
އިޖްތިމާއީ ކޮމެޓީގައި ތިއްބަވާ މެމްބަރުން
އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރު ކުރުން
އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރު ނުކުރެވޭކަމީ އެންމެނަށްވެސް އެނގޭކަމެކެވެ. މިއަދު އަޅުގަނޑުމެން މިތިބީ ޑިމޮކްރަސީއަކަށް ވެރިކަން ބަދަލުކުރެވުމުން ލިބޭ ކުރިއެރުންތަށް ބަލައިގަނެގެންނެވެ. ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ، ހުދުމުހުތާރު ޝަގާފަތެއްގެތެރެއިން އުފެދިފައިވާ ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބު ކަށަވަރު ކުރާނެ ލުއި ގޮތެކެވެ. މިއީ، ޑިމޮކްރެޓިކް ނިޒާމަކަށް ވެރިކަން ބައްޓަންކުރަމުންގެންދާ އެހެން ގައުމުތަކުގައިވެސް އާކަމެއްނޫނެވެ. އިންތިހާބުތައް ކަށަވަރުކޮށްދިނުމަށް ކުޅިވަރު ގާނޫނުގެ ދަށުން އައްޔަންކޮށްފައިވާ ސްޕޯޓްސް ކޮމިޝަނަރަކަށް ޖަމިްއޔާތަކުގެ އިންތިހާބުތައް، ކަށަވަރުކޮށެއް ނުދެވުނެވެ. އަދި ވޯޓު ހައްގުވާ ރާއްޖެތެރޭގެ ކްލަބްތަކަށް މި އަސާސީ ހައްގުވެސް ހޯދައެއް ނުދެވުނެވެ. މިމަހު ބޭއްވި އެފްއޭއެމް ގެ ކޮންގްރެސް އޮބްޒާބް ކުރިކަމެއް ކަށަވަރުކޮށެއް ނުދެވެ އެވެ. ކޮންގްރެސް ބޭއްވީ ސިއްރުން ނެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)
އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރުވުމަށް މެމްބަރު ކްލަބްތައް އެދުނުނަމަވެސް، ގިނަ ކްލަބްތަކަށް ވޯޓްލުމުގެ ހައްގު ލިބިފައެއް ނުވެ އެވެ. އެފްއޭއެމް ގެ ވޯޓް އޮންނަނީ ކުރިން ކަނަޑައެޅިފައިވާ އަދަދަކަށެވެ.
ހިންގާ ގަވާއިދުން ވޯޓްގެ އަދަދު ވަނީ 35 ކަމުގައި ކަނޑައަޅާފަ އެވެ. މާލެ ޒޯނަށް 26 ވޯޓް، މުޅި ރާއްޖެ އެކުލެވޭ ނުވަ ޒޯނަށް، 9 ވޯޓެވެ. މިނުވަ ޒޯނުން އެއްޒޯނަކީ މާލެ ޒޯންކަމުގައި ގުނާ މާލެއަށް އޮތް 26 ވޯޓްގެތެރެއަށް 27 ވަނަ ވޯޓް ހަމަކޮށް، ރާއްޖޭގެ ދެންއޮތް އާބާދީއަށް ދެނީ އެންމެ 8 ވޯޓެވެ.
2020ވަނަ އަހަރު ބޭއްވި ކޮންގްރެސްއެއް——
ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކީ އެފް.އޭ.އެމް ގެ އިންތިހާބުވެސް އިލެކްޝަންސް ކޮމިޝަނުން ހިންގުމަށެވެ. އިޖްތިމާއީ ކޮމިޓީން ދުށީ، މިގޮތަށް ފާސްކޮށްފިނަމަ، ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެކަމަށެވެ. ކޮމިޓީން ދެކެނީ، މިއީ ތިންވަނަ ޕާޓީއެއްގެ ނުފޫޒް ފޯރުވުންކަމަށެވެ. "ސަރުކާރުގެ ނުފޫޒު" ފޯރުވުންކަމަށެވެ! އަޖާއިބު ހައިރާނެވެ! ކޮމިޓީގެ އިއްޒަތްތެރި މެމްބަރުންވެސް މަޖިލިހަށް އިންތިހާބުވެފައި އެތިއްބެވީ (ސަރުކާރުގެ) ނުފޫޒުން އެއްކިބާވެފައިވާ އިލެކްޝަންސް ކޮމިޝަނުން ހިންގި އިންތިހާބަކުން ކަން ހަނދުމަފުޅު ނެތުނީތާ އެވެ!
އިލެކްޝަންސް ކޮމިޝަނުން އެފް.އޭ.އެމް. ގެ އިންތިހާބު ހިންގައިދޭނީ އެފް.އޭ.އެމް ގެ ހިންގާގަވާއިދުގައިވާގޮތަށް އަކުރުންއަކުރަށްކަމަށް ވާއިރު، މީ ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުންކަމުގައި މާނަކުރެވޭނެ ގޮތެއް ނެތެވެ. އިޖްތިމާއީ ކޮމިޓީގެ ނިންމުމުގެ ދިފާއުގައި، ފީފާ އާއި އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ، އަދި ބައެއް އެހެން ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުގެ ގާނޫނުތައްވެސް ހުށަހެޅުއްވި އެވެ. މިގާނޫނުތަކުގެ އިބާރާތް އިންގިރޭސިބަހުން މަޖިލިހަށް އިވުމަށްފަހު، އަލްއުސްތާޒް ހަސަން ލަތީޕް ފާހަގަކުރެއްވީ، އެއިން އެއްވެސް ގާނޫނެއްގައި، އެމަނިކުފާނުގެ ހުށަހެޅުމަށް ހުރަސްއެޅޭ އިބާރާތެއްވަރުވެސް ނެތްކަމަށެވެ.
ވޯޓާސް ލިސްޓް ޔަގީންކުރުން
އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ކަށަވަރުކޮށްދޭން ހަވާލުކޮށްފިނަމަ، ކޮންގްރެސްތައް ސިއްރުކުރާ އެފް.އޭ.އެމް ފަދަ ޖަމިއްޔާތަކަށް ދިމާވާނެ މައްސަލަތައް ވަރަށްވެސް ގިނަ ވެފައި ބޮޑުވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން އެފް.އޭ.އެމް ގެ ހިންގާގަވާއިދު ފުރިހަމައަށް ދިރާސާކުރާނެ އެވެ. އަދި އެއަށްފަހު ދަތި ސުވާލުތައް ކުރިމަތިކުރުވާނެ އެވެ.
ފުރަތަމަވެސް އެދޭނީ އެފް.އޭ.އެމް ގެ މެމްބަރު ކްލަބްތަކުގެ އިންތިހާބުތައް ހުރީ ފުރިހަމައަށް ކަން ކަށަވަރު ކޮށްދިނުމަށެވެ. ވޯޓާސް ލިސްޓް ސާފުވާނީ އެއިރުންނެވެ. އެއަށްފަހު 9 ޒޯންގެ މަންދޫބުން ކަނަޑައަޅާގޮތްވެސް އޮޅުންފިލުވަން ބޭނުންވާނެ އެވެ. ޒޯން ކްލަބްތަކުގެ ނަމުގައި ޕްރޮކްސީ ވޯޓް ދޭ މަންދޫބުން ސާފުވާންޖެހެ އެވެ. ކުރިއާ ހިލާފަށް، ދެން ޖެހޭނީ މިމަންދޫބުން ކަނަޑައަޅާގޮތް ލިޔެވިފައި އޮތްތޯ ބެލުމެވެ. މިކަމުގައި ހިންގާގަވާއިދު ހަނު ހުންނަކަމުގައި ފެނިއްޖެނަމަ، ޒޯން މަންދޫބުން ކަނަޑައަޅާގޮތް ގަވާއިދަށް އިތުރުކޮށް، އިސްލާހްކުރަންޖެހޭނެ އެވެ. މިހިސާބުން، ފުލް ވޯޓެއްގެ ހައްގު ހޯދަން ރާއްޖެތެރޭގެ ކްލަބްތައް ތެދުވާނެ އެވެ. އެފް.އޭ.އެމް އަށް މިއީ ފަސޭހަކަމަކަށް ނުވާނެ އެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިހާބަކާ ނުބެހޭނެ އެވެ. ބެހޭނީ ހަމައެކަނި ދެފުއްފެންނަ އިންތިހާބެއް ބޭއްވުމަށް ބޭނުންވާ އިޖްރާއަތްތައް ފުރިހަމައަށް ލިޔެވި، މެމްބަރުންނެކޭ އެއްފަދައިން، އެކޮމިޝަނަށްވެސް ހާމަވެ، ސާފުވެފައި އޮތުމަވެ. ބިތު ފަންގި ނެގޭނެ އެވެ!
ހިންގާ ގަވާއިދު އިސްލާހްކުރުން
އިލެކްޝަންސް ކޮމިޝަނަށް އެފް.އޭ.އެމް ގެ އިންތިހާބު ހިންގަން ހަވާލުކޮށްފިނަމަ، އެފް.އޭ.އެމް ގެ ހިންގާގަވާއިދުން ހުއްދަކޮށްގެން އުޅޭ، އާއްމު ގާނޫނުތަކާ ހިލާފު އެތައް ކަމެއް ފެންމަތިވާނެ އެވެ. މިސާލަކަށް އެފް.އޭ.އެމް ގެ ހިންގާ ގަވާއިދަށް އިސްލާހް ހުށަހެޅުމާބެހޭގޮތުން އޮންނަ 30 ވަނަ މާއްދާގެ 3 އާއި 4 ގައި ބުނަނީީ، ސިމްޕަލް މެޖޯރިޓީއެއްގެ ¾ އިން ހިންގާ ގަވާއިދު ބަދަލުކުރެވިދާނެކަމަށެވެ. ޖަމިއްޔާއެއްގެ ހިންގާގަވާއިދަކީ، އެޖަމިއްޔާގެ މެމްބަރުންނަށް އަސާސީ ހައްގުތަކެއްް، މިސާލަކަށް ވޯޓްލުމުގެ ހައްގު، ކަށަވަރު ކޮށްދޭ ވަސީލަތެކެވެ. ވީމާ ހިންގާގަވާއިދަށް ބަދަލެއް ގެނައުމަށް ގެންގުޅޭ އާއްމު ގާނޫނީ މިންގަނޑަކީ މުޅި ކޮންގެރެސްގެ ¾ އެވެ. ސިމްްޕަލް މެޖޯރިޓީއެއްގެ ހަތަރުބައިކުޅަ ތިންބައެއް ނޫނެވެ.
މިފަދަ ކަންކަމަކީ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން، ބެސްޓް ޕްރެކްޓިސް ކަމުގައި ދެކެއެވެ. އެޖަމިއްޔާތަކުންވެސް ބުނަމުން އެގެންދަނީ ކުޅިވަރަކީ މަދަނީ މުޖްތަމައު ބާރުވެރިކުރުވާ ހަރަކާތަކަށް ވާންޖެހޭނެކަމަށެވެ. ކަންކަން ނިންމަންޖެހޭނީ ތިންވަނަ ޕާޓީއެއް (ސަރުކާރު) ގެ ނުފޫޒުން އެއްކިބާވެ، ކްލަބްތަކާއި، ކުޅުންތެރިންގެ ހައްގުތަށް ކަށަވަރުކޮށްދެވޭނެ ވޯޓްގެ ނިޒާމަކުންކަމަށެވެ. މިސާލަކަށް، އަންހެން ކުޅުންތެރިންނާއި، ރެފްރީންނާއި، ކޯޗުންނާއި، ކުޅުންތެރިންނާއި، ފުޓްސަލް، އަދި ބީޗްވޮލީ އާއި، ޔޫތު އަދި ވެޓަރަން ކުޅުންތެރިންފަދަަ "އިންޓަރެސްޓް ގްރޫޕް" ތަކަށް ކުރިން ލިބިފައިވާ 9 ވޯޓް އުނިކޮށްލީ ހާޒިރުވެތިބި ސިމްޕަލްމެޖޯރިޓީގެ ¾ އިންކަމުގައި ވާނަމަ، އެއީ ހިންގާގަވާއިދުގެ ބާރުކަނޑުވާލުން ކަމުގައި ނޫނީ ނުވާނެއެވެ.
އިޖްތިމާއީ ކޮމިޓީގެ ނިންމުން
އިޖްތިމާއީ ކޮމިޓީން ނިންމެވީ ދަނޑު އަޅައިދޭ މިނިސްޓަރު ދަމަހައްޓަންކަމުގައި ގިނަބަޔަކު ދެކޭނެއެވެ. ކޮމިޓީ ކުރިމަތީ އޮތް އިސްލާހަކީ، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު ކަށަވަރުކޮށްދިނުމެވެ. ދަނޑު އެޅުން ކިތަންމެހާވެސް ރަނގަޅަވެ. އެކޮމިޓީން ދުށީ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ގާނޫނުން ލާޒިމްކުރުމަކީ، ތިންވަނަ ފަރާތެއްގެ ނުފޫޒު ފޯރުވުންކަމަށެވެ.
އާދޭހެވެ! އިންތިހާބު ހިންގަން ބޭނުންވާ ވޯޓާސް ލިސްޓް، ސްޕޯޓްސް ކޮމިޝަނަރަށް، ކަށަވަރުކޮށްދެވޭ މިންވަރަށް ލިޔެކިޔުން ހުރުމަށް އެދުމަކީ ނުފޫޒުފޯރުވުންކަމުގައި ކޮމިޓީއަށް ފެނުނުކަމީ ހައިރާންވާންޖެހޭކަމެކެވެ. އެއީ ޑިމޮކްރެޓިކް ޕާޓީއެއްގެ ސުޕަރ މެޖޯރިޓީއެއް އޮތް މަޖިލިހަކަށްވާތީއެވެ. އަދި ޗެއަރ ހިމަނައި، އެހާ ގާބިލް މެމްބަރުން ތިއްބެވި ކޮމިޓީއަކަށްވާތީއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ހުދު ކޮމިޓީގެ މެމްބަރުން އިންތިހާބުވެފައި އޮތް ސައްހަކަމަށްވުރެ ދަށް މިންވަރެއް ކުޅިވަރު ޖަމިއްޔާތަކަށް ފުދޭކަމަށް ދެކެނީ ކަމަށްވެސް ވެދާނެކަމެވެ. އެއިރުން ކަން ވީތޯ އެވެ؟
ވޯޓް ކަށަވަރުކުރުމަކީ ފުރަތަމަ ބަދަލެވެ. ހަސަން ލަތީފްގެ ދެވަނަ އިސްލާހަށް މަގުފަހިވާނީ ފުރަތަމަ ބަދަލު ގެނެވިގެން ނެވެ. އެއީ ކްލަބްތަކާ އެސޯސިއޭޝަންތަކުގެ މުބާރާތްތައް ސްޕޮންސަރކުރާނެ ވިޔަފާރިތަކަށްވެސް ޔަގީންކަން ލިބެނީ ކްލްބަތަކާ އެސޯސިއޭޝަންތަކުގެ ގާނޫނީ ސައްހަކަން ކަށަވަރުވެގެން ކަމުގައި ވާތީއެވެ. ވޯޓް ކަށަވަރުނުކުރެވޭ ކްލަބްތަކާ އެސޯސިއޭށަންތަކަކީ ވިޔަފާރިތަކަށް ރިސްކެކެވެ.
ސްޕޯޓްސް ކޯޕަރޭޝަނަށް ދޭންޖެހޭ ފައިސާ، ފައިނޭންސް މިނިސްޓްރީން، ސީދާ ސްޕޯޓްސް މިނިސްޓަރީއަށް ދޫކުރާކުރުން ދެމެހެއްޓުމަށް 35 މެމްބަރުން ވޯޓްދެއްވިކަމަކީ ހަމަ އެހާމެ ކަންބޮޑުވާ މައްސަލައެކެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.