ads
އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ވާހަކަ ދައްކަވަނީ
ނޫސްތަކަށް ދޭ ފައިސާގެ ތަފްސީލު ދޭން މިފްކޯއަށް އަންގައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އަމިއްލަ ފަރާތަކުން މައުލޫމާތު ހޯދުމަށް ހުށަހެޅި މައްސަލައިގައި އެ މައުލޫމާތު އެ ފަރާތައް ފޯރުކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން މިފްކޯއަށް މުއްދަތެއް ދީފި އެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އަޙުމަދު އާހިދު ރަޝީދު މިރޭ ވިދާޅުވީ މިފްކޯ އިން ސާފުކުރަން ބޭނުންވާ މައުލޫމާތެއް ސާފު ނުކުރެވުމުން އެކަން ބަލައި ދިނުމަށް އެ ކޮމިޝަނަށް ހުށަހެޅި ކަމަށާއި، އެކަމުގައި މިފްކޯއަށް އަންގަންޖެހޭ އެންގުންތައް އެ ކޮމިޝަނުން މިއަދު އަންގާފައިވާ ކަމަށެވެ. 

އާހިދު ވިދާޅުވީ މައުލޫމާތު ބޭނުންވާ ފަރާތައް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ފުރުސަތު ދީފައިވާ ކަމަށެވެ. 

"އެއީ އަމިއްލަ ފަރާތަކުން މިފްކޯއިން ސާފުކުރަން ބޭނުންވި މައުލޫމާތެއް. އެކަމަކު އެ މައުލޫމާތު މިފްކޯއިން ނުލިބުމުން ކޮމިޝަނަށް ހުށަހެޅީ. މިފްކޯއަށް ވާނީ މިއަދު އަންގާފަ އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެމައުލޫމާތު އެފަރާތައް ފޯރުކޮށްދިނުމަށް." އާހިދު ވިދާޅުވި އެވެ.

އަމިއްލަ ފަރާތަކުން މިފްކޯއަށް ހޯދުމަށް ހުށަހެޅި މައުލޫމާތަކީ އެ ކުންފުނިން މީޑިއާތަކާ އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ކަމެވެ. އެއީ މީޑިޔާތަކުގައި މިފްކޯއިން ސްޕޮންސާ ކުރުމުން އެ ކުންފުނިންދޭ ފައިސާގެ ވާހަކަ އެވެ. މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތުތަކަށް އެދުނީ "ދިޔަރެސް" ނޫހުން ނެވެ.

މިފްކޯއިން އެ މައުލޫމާތު ފޯރުކޮށްނުދިން ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ މައުލޫމާތަކީ ކުންފުނީގެ ވިޔަފާރި އާ ގުޅުންހުރި ސިއްރު ހިމެނޭ މައުލޫމާތު ކަމަށްވުމުން އެފަދަ މައުލޫމާތު ފޯރުކޮށް ނުދެވޭނެ ކަމަށެވެ. 

މިފްކޯއަށް ދީފައިވާ މުއްދަތުގައި އެފަރާތަށް މައުލޫމާތު ފޯރުކޮށް ނުދެވިއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތާއިބެހޭގޮތުން ސީއެންއެމްއިން ސުވާލުކުރުމުން އާހިދު ވިދާޅުވީ މަގުބޫލު އުޒުރެއްނެތި މައުލޫމާތު ފޯރުކޮށްނުދީފިނަމަ އެޅިދާނެ ފިޔަވަޅުތަކެއްވެސް ހުންނާނެ ކަމަށެވެ. ނަމަވެސް މިހާލަތުގައި އަދި ފިޔަވަޅު އެޅުމުގެ ބަދަލުގައި ބޭނުންވަނީ މައުލޫމާތު ހޯދަން ބޭނުންވާ ފަރާތައް އެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. 

"މައުލޫމާތު ނުދީފިނަމަ އެޅޭނެ ފިޔަވަޅު ހުންނާނެ. އެކަމަކު މި ބަލަނީ އިހަށް އަޅާނެ ފިޔަވަޅަށްވުރެ ބޮޑަށް މައުލޫމާތު ބޭނުންވާ ފަރާތައް އެ މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތަކަށް." އާހިދު ވިދާޅުވި އެވެ.

އާހިދު ވިދާޅުވީ އެ ކޮމިޝަނުން މިފްކޯއަށް ދީފައިވާ މުއްދަތުގައި އެ މައުލޫމާތު ފޯރުކޮށް ނުދީފިނަމަ މައުލޫމާތު ހޯދަން އެދުނު ފަރާތުން ދަށު ކޯޓަކަށް މި މައްސަލަ ހުށަހެޅިދާނެ ކަމަށެވެ. އަދި ވިދާޅުވީ މި މުއްދަތުގައި މިފްކޯއިން މި މައުލޫމާތު ދިނުމަށް އިންކާރުކޮށް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް