
ޙައްޖުވެރިންނަށް ފަސޭހަކަމާއެކު އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ކަމާގުޅޭ މުއައްސަސާތަކާއެކު، ސަރުކާރުން ވަނީ ހަމަޖައްސާފި ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިރޭ ހައްޖުވެރިން ފުރާއިރު ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެ ފަރާތްތައް ދިރިއުޅޭ ސަރަޙައްދުތަކާ ކައިރިން ވަނީ ހާއްސަ ޕޮއިންޓްތަކެއް ކަނޑައަޅާ އެއާޕޯޓަށް ދިޔުމަށް ބަހުގެ ހިދުމަތްދޭން ނިންމާފައި ކަމަށާއި، ހައްޖާޖީންނަށް އެހީތެރިވުމައްޓަކައި ބަސް އޮންނަ ޕޮއިންޓްތަކުގައި އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތްތަކުން ތިބޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހައްޖުވެރިން ގެންދިއުމަށް މާލޭގައި 21 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 1 ގައި 4 ބަސް ސްޓޮޕް، ހުޅުމާލެ ފޭސް 2 ގައި 1 ބަސް ސްޓޮޕް ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން ހައްޖަަށްދާ މީހުންގެ ފުރަތަމަ ގުރޫޕް ސައޫދީ އެއާލައިނުން މިރޭ ފުރާނެ ކަމަށެވެ. އެގޮތުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މިރޭ 157 މީހުން މައްކާއަށް ފުރާނެ ކަަމަށް އެ މިނިސްޓްރީން ބުނެ އެވެ.