
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކެޔޮދޫ ދާއިރާގެ މެންބަރު ހުސެއިން ގާސިމް ސުވާލުކުރެއްވީ ޔޫތު މިނިސްޓްރީން ރަށްރަށުގެ ޕާކުތައް އެޅުމަށް ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށާއި، އެކަންކަމުގެ އަމަލީ މަސައްކަތް ރަށްރަށުގައި ނުފެށި ހުރީ ކީއްވެގެންތޯ އާއި ބެހޭ ގޮތުންނެވެ.
ގާސިމް ވިދާޅުވީ ޔޫތު މިނިސްޓްރީން ވަރަށް ގިނަ ރަށްރަށަށް ކުޑަ ކުދިންގެ ޕާކު ހެދުމާއި އައުޓުޑޯ ޖިމް ހެދުމަށް ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ.
މިނިސްޓަރު މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓްރީން 130 އަށްވުރެ ގިނަ ރަށަކަށް ކުޑަކުދިންގެ ޕާކު ހެދުމާއި އައުޓުޑޯ ޖިމް ހެދުމަށް ތަކެތި އެރަށްރަށުގެ ކައުންސިލް ތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް މަސައްކަތް ފަށާފައިވަނީ ޖުމްލަ 20 ރަށުގައި ކަމަށެވެ.
ޔޫތު މިނިސްޓްރީން ޕާކު އެޅުމަށް ރަށްރަށަށް ފޮނުވި ތަކެތި.. ފައިލް ފޮޓޯ
މިނިސްޓްރީން މިކަންކަމަށް ބޭނުންވާ ތަކެތި ރަށްރަށުގެ ކައުންސިލް ތަކާއި ހަވާލުކުރުމުން ގިނަ ރަށްރަށުގެ ކައުންސިލް ތަކުން މިހާތަނަށް މަސައްކަތް ނުފަށައި އެތަކެތި ގުދަންކޮށްފައި ބަހައްޓާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރު ފެށިގެން އައިއިރު ރަށްރަށުގައި ކުޑަކުދިންގެ ޕާކާއި އައުޓްޑޯ ޖިމް ނެތްކަން ފާހަގަކުރެވުމުން ސަރުކާރުން އިސްނަގައިގެން ކައުންސިލްތަކާއިއެކު މި މަސައްކަތް ކުރުމަށް އޭރު ނިންމީ ކަމަށެވެ.
މިނިސްޓަރު ވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި މި މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ފައިސާ ދިނުމަށް ބަޖެޓެއް އެކުލަވާލާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ޔޫތު މިނިސްޓްރީން ޕާކު އެޅުމަށް ރަށްރަށަށް ފޮނުވި ތަކެތި.. ފައިލް ފޮޓޯ
މިނިސްޓަރު މިއަދު ވިދާޅުވީ ކުޑަކުދިންގެ ޕާކު ތަކާއި އައުޓުޑޯ ޖިމް ނުހަދައި ހުރިހާ ރަށެއްގައި އަންނަ އަހަރު އެ މަސައްކަތް ފެށުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.