ads
ޑރ. މުހައްމަދު އިޔާޒް---ފޮޓޯ: އަވަސް
އިސްލާމިކް މިނިސްޓްރީގެ ޒިންމާތައް މިނިސްޓްރީން އަދައެއް ނުކުރޭ: އިޔާޒް
އިސްލާމިކް މިނިސްޓްރީން އެ މިނިސްޓްރީގެ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާ ކުރަމުން ނުދާކަމަށް، އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެ އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެ އިއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖޭގައި ފާހަގަ ކުރި ޔޯގާ ޑޭ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމީ، އެ މިނިސްޓްރީން އަދާ ކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާ ކުރަމުން ނުދާ ކަމުގެ ހެއްކެއް ކަމަށެވެ. 

"ދިވެހިރާއްޖޭގައި ހިނގާ އެންމެހައި މުންކަރާތްތައް މަނާކުރުމުގެ އެންމެ އިސްފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވީ ހިނދު, ޔޯގާ އޭ ކިޔައިގެން ބޭއްވި ބޮޑު މުންކަރާތް ހުއްޓުވަން މަސައްކަތްކޮށްފައިނުވާކަމީ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރާކަމުގެ ހެއްކެއް. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ!" އިޔާޒްގެ ޓުވީޓްގައި ވިދާޅުވި އެވެ.

އިޔާޒް މިފަދައިން ވިދާޅުވެފައި ވާއިރު، ޔޯގާ ޑޭ ހަރަކާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން އިސްލާމިކް މިނިސްޓްރީން ވަނީ އެ ހަރަކާތް ހުއްޓުވުމަށް އެދި ފުލުހުންނަށް ސިޓީއެއް ފޮނުވާފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން އިސްލާމިކް މިނިސްޓްރީން ވަނީ އެ ސިޓީ އަކީ މިނިސްޓްރީގެ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ ސިޓީއެއް ކަމަށް ބުނެފަ އެވެ. އަދި އެ ހަރަކާތް ހުއްޓުވަން ފުލުހުންނަށް އަންގާފައި ނުވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އިސްލާމިކް މިނިސްޓްރީއަށް ފާޑުވިދާޅުވެ، އިޔާޒް ޓުވީޓް ކުރައްވާފައި ވާއިރު، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަކީ އަދާލާތު ޕާޓީގެ ބޭފުޅެކެވެ. 

ޔޯގާ ޑޭ ގެ ހަރަކާތާއި ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ގުޅިގެން އިޔާޒް ވަނީ ސަރުކާރަށް ކުރަމުން އަންނަ ތާއީދު އަނބުރާ ގެންދިއުމަށް ވިސްނަމުން ގެންދަވާކަމަށްވެސް ވިދާޅުވެފަ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް