މިއަދު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ނަސީމް ހާޒިރުކުރުމުން، މެމްބަރުންނަށް ސުވާލުކުރަން ލިބުނު ފުރުސަތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، ކޮވިޑް-19 އާއި ގުޅިގެން އަލުން ރާއްޖެ ލޮކްޑައުން ކުރަން ޖެހިދާނެތޯ ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ލޮކްޑައުން ކުރުމަކީ އެއްވެސް އިރަކު ކުރަން ބޭނުންވާ ކަމެއް ނޫންކަމަށާއި، ރާއްޖޭގެ އިގްތިސޯދަށް ބަލާ މިވަގުތުވެސް އަދި ލޮކްޑައުން ކުރަން އެއްގޮތަކަށްވެސް ނުވިސްނަވާ ކަމަށެވެ.
މިނިސްޓަރު ނަސީމް ވަނީ ބަންދުވެފައި ހުންނަ މަޖިލިސް ފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަައް ވަރުގަދަކޮށް މާސްކު އެޅުން އިތުރުކުރުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިންވެސް އެދިވަޑައިގެންފަ އެވެ.
ލޮކްޑައުން ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް މިނިސްޓަރު ވިދާޅުވިއިރު، ރާއްޖޭގައި މިހާރު ދަނީ ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންނެވެ. އެޗްޕީއޭއިން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު، ތިންވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށާއި، ކޮވިޑުގައި ހާލުދެރަވެގެން އެޑްމިޓުކުރާ މީހުންގެ އަދަދުވެސް އިތުރުވެފަވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި މިދުވަސްވަރު ރަށްރަށަށް ދަތުރުކުރުން އިތުރުވެފަވާތީއާއި، އިވެންޓުތައް ބޭއްވުން މަދުކޮށް، ރައްކާތެރިކަމުުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮވިޑުގެ، ހަތަރުވަނަ ޑޯޒެއް( ދެވަނަ ބޫސްޓަ ޑޯޒް) ޖަހާށާ، ކުޑަކުދިންނަށް ތިން ވަނަ ޑޯޒް(ފުރަތަމަ ބޫސްޓަ ޑޯޒް) ޖަހަން ވެސް ވަނީ މިދިޔަ ހަފްތާއިން ފެށިގެން ފަށާފަ އެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ގޯސްވަމުންދާތީ، މާސްކުއެޅުމާއި، ދަތުރުކުރުމުގެ ކުރިން ވެކްސިން ޑޯޒްތައް ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.