ads
އއ. ފެންފުށި
7 ޖަމިއްޔާ އަކުން ފެންފުށީ ފަޅުގައި ރިސޯޓު އެޅުމާ ދެކޮޅު ހަދައިފި
އއ. ފެންފުށީ ފަޅުގައި އެއްވެސް ކަހަލަ މަޝްރޫއެއް ހިންގައިފިނަމަ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް ބުނެ ރާއްޖޭގެ މަދަނީ ހަތް ޖަމިއްޔާ އަކުން ބަޔާން ނެރެފި އެވެ.
Advertisement

މި ފަޅަކީ ސަރުކާރުން ޖުމްހޫރީ ޕާޓީގެ ލީޑާރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ފަޅެކެވެ. ސަރުކާރުން ގާސިމް އަށް މިފަޅު ދީފައި ވަނީ، ގދ. ކާޑެއްދޫ ހިންގަން ވިލާ ކުންފުންޏާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. 

މި ފަޅު ހިއްކުމަށް ވިލާއިން ނިންމުމާއި ގުޅިގެން، ޓްރާންޕޭރެންސީ މޯލްޑިވްސް އާއި އީކޯ ކާސް މޯލްޑިވްސް އާއި މޯލްޑިވްސް ރިސައިލެންޓް ރީފްސް އާއި ލޭންޑްސީ މޯލްޑިވްސް އާއި ސޭވް ދަ ބީޗް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އަދި ސޭވް މޯލްޑިވްސް އިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވަނީ ފަޅު ހިތްކައިފިނަމަ އެ ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ، އެކަން ނުކުރުމަށް އެދިފަ އެވެ. 

މި ފަޅަކީ، ހިމާޔަތް ކޮށްފައިވާ ސައުތު އަރި މެރިން ޕްރޮޓެކްޓަޑް އޭރިއާ (ސަންޕާ) އާއި އިންވެގެން އޮންނަ ފަޅަކަށް ވުމުން، ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މި ފަޅުގައި އެއްވެސް ކަހަލަ މަޝްރޫއުއެއް ކުރިއަށް ނުގެންދިއުމަށް ގޮވާލާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތައް އިސްކޮށް، ސަރުކާރުން ކުރާ ހުރިހާ މަސައްކައްތަކަކީ، އެ އަސާސްތަކުގެ މަށްޗަށް ބިނާކޮށް ކުރެވޭ ކަންކަމަށް ހަދަންޖެހޭ ކަމަށްވެސް ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

"ސަންޕާއަށް ލިބިދާނެ ގެއްލުމަކަށް ވެސް ބެލުމެއް ނެތި، އަދި ލިބިދާނެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރިއާލާ އަމިއްލައަށް އިސްނެގުމުގެ މަތިން އެއްވެސް ކަހަލަ ފިޔަވަޅެއް އެޅިކަން ނުވަތަ އަޅާނެކަން ވެސް ބަޔާން ކުރުމެއް ނެތި ފަޅު އެ ގޮތަށް ދިނުމުން ކަންބޮޑުވުން އެބަ އޮތް" ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖަމިއްޔާތަކުން ނެރެފައިވާ ބަޔާނުގައި ވަނީ، އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމުގެ ސަބަބުން ފެންފުށީ ރައްޔިތުންނަށާއި މިހާރު ހުރި ޓޫރިޒަމް ވިޔަފާރިތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެ ފަޅަކީ ފެންފުށި ރައްޔިތުން ގިނަ ބޭނުންތަކެއް ކުރަމުން އަންނަ ފަޅެއްކަމަށް ވާއިރު، ސަރުކާރުން އެ ފަޅު ދިނުމަށް ނިންމީ ފެންފުށީ ކައުންސިލުން އެކަމަށް ދެކޮޅު ހަދަމުން ގެންދަނިކޮށް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް