ކައުންސިލުގެ ރައީސް އިސްމާއިލް އިބްރާހިމް މިއަދު "ސީއެންއެމް" އަށް ވިދާޅުވިގޮތުގައި، އެރަށަށް އުދައިގެ އަސަރު މަޑުމަޑުން ގަދަވާން ފެށީ ރޭ 10:00 ހާއިރު އެވެ. ނަމަވެސް ގާތްގަނޑަކަށް ދަންވަރު 02:00 ޖަހާކަށްހާއިރު، އަރަންފެށި އުދަޔަކީ މިހާތަނަށް އޭނާގެ ހަޔާތުގައިވެސް އެރަށަށް އަރާތީ މީގެ ކުރިން ފެނިފައިނުވާވަރުގެ ބާރުމިނުގައި އަަރަން ފެށި އުދައެއްގެ ގޮތުގައި އިސްމާއިލް ސިފަކުރެއްވި އެވެ.
އޭރު އަރަން ފެށިއުދަ ނިމުމަކަށް އައީ ފަތިހު 05:00 ހާއިރު ކަމަށް އިސްމާއިލް ބުންޏެވެ. ނަމަވެސް އޭރު ރަށުގައި އުދައިގެ އަސަރުނުކުރާ އެއްވެސް ގެއެއް ހިކި ފަސްކޮޅެއްވެސް ނެތެވެ. ހެނދުނުވީއިރު އަޑިން ވެސް ފެން އަރަން ފެށިކަަމަށް އިސްމާއިލް ބުންޏެވެ. މިހެންވަނީ މޫދުގެ ލޮނުގަނޑު ރަށުގެ ފެންފަށަލައާއި އެއްވަރުވުމުން ނެވެ. އެމްއެންޑީއެފްގެ ޓީމުން ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް އަޑިން ފެން އަރާތީ ފެންގަނޑު ހިންދަން ދަތިވެފަވާކަމަށް އިސްމާއިލް ވިދާޅުވި އެވެ.
މިވަގުތު ދިޔަވަރު ކުޑަވަގުތެއް ކަމަށްވުމުން އުދައެެރުން ހުއްޓިފައިވިޔަސް މެންދުރާއި ހަމަޔަށް ދާއިރު އުދައަރާފާނެތީ ކަންބޮޑުވުން އެބައޮތްކަމަށް އިސްމާއިލް ވިދާޅުވި އެވެ. މެޓުން މިއަދު އުދައަރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓުނެރެފައިވާ އަތޮޅުތެރޭގައި ވެސް ތ. އަތޮޅު ހިމެނެ އެވެ.
ރޭ ދަންވަރު ވަރަށް ބޮޑަށް އުދައަރަމުންދިއުމުން ރަށުގެ ކުދިބޮޑު އެންމެން ނިދިން މަހްރޫމުވެ، ބިރުވެރިކަމެއްގައި މުޅި ރޭ ހޭދަކުރިކަން ވެސް އިސްމާއިލް ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގެ ރަށްރަށަށް އަރަމުންމިދާ އުދަޔައަކީ އާދަޔާ ހިލާފު ބާރުމިނުގައި އަރަމުންދާ އުދައެއްގެ ގޮތުގައި އޭނާ ފަހާގަކުރި އެވެ.
އެމްއެންޑީއެެފުން މިއަދު ހެނދުނު ބުނިގޮތުގައި ތިމަރަފުއްޓަށް އުދައިގެ އަަސަރުކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރުމަށް އެމްއެންޑީއެފުގެ ޓީމުތައް އެރަށުގައި ދަނީ ހަރަކާތްތެރިވަމުން ނެވެ.