ads
ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހުގެ ދެކަނބަލުން މާދަމާ ހައްޖަށް ފުރާ ވަޑައިގަންނަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް، މާދަމާ ސައުދީ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ، ރައީސް ސޯލިހުގެ ދެ ކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގަންވަނީ، އެގައުމުގެ ރައީސް ދެއްވި ދައުވަތަކަށް ކަމަށާއި، މި ދަތުރުގައި ރައީސްގެ ދެކަނބަލުން ފިޔަވާ އިތުރު ބަޔަކު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. 

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައިސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންވަނީ، ހައްޖު ޑެލިގޭޝަން ގޮތުގައި ނޫން ކަމަށާއި، ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ، އަމިއްލަ ގޮތުން ކަމަށެވެ. 

ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާއިރު، ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ސައުދީ އަށް ރޭ ވަނީ ފުރާފަ އެވެ. 

ރާއްޖެއިން ހައްޖަށް ދިޔަ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ފަރާތްތަކާއި، ސޯލިހް ވަނީ ރޭ ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓު ގައި ބައްދަލު ކުރައްވައިފަ އެވެ. 

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް