މި މައްސަލަ އަކީ ށ.ފޭދޫ ރެޑިއަމްގެ އާދަމް ކިޔާ މީހަކު އޭނާގެ އަންހެނުންނަށް 02 ޖޫން 2022 ވަނަ ދުވަހުގެރޭ 21:18 ހާއިރު ވަޅިއަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މައްސަލަ އެކެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ނިންމައި އާދަމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހުގަ އެވެ.
އާދަމްގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ ނުވަ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ގއ.ވިލިގިލީގައިވެސް 03 މޭ 2022 ވަނަ ދުވަހު ފިރިހެނަކު އޭނާގެ ކުރީގެ އަނބިމީހާގެ އިނގިލީގައި ދަތް އަޅައި ބުރި ކޮށްލައި އިތުރު ބަޔަކާއިއެކު މާރާމާރީ ހިންގި މައްސަލަ އަކާއި ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ އާޢި ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ އަލީ ހަސަން ކިޔާ މީހެކެވެ. އޭނާގެ މައްޗަށްވެސް ވަނީ ދައުވާކުރުމަށް ހުށަހަޅާފަ އެވެ.