ads
އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) މާލޭގެ މަގުމަތީގައި..
މާލޭގެ މަގުހެދުމުގައި ކޮރޮޕްޝަނޭ ކިޔައިގެން މުއިއްޒު ހައްދަވަނީ ދޮގު: މޫކޭ
މާލޭގެ މަގު ހެދުމުގެ މަސައްކަތުގައި ކޮރޮޕްޝަންގެ އަމަލު ހިންގާ ކަމަށްބުނެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހައްދަވަނީ ހުސްދޮގު ކަމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލްގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ އަމީނީ މަގު ރަނގަޅު ފެންވަރެއްގައި ހެދުމަށް ސިޓީ ކައުންސިލުން އާރުޑީސީ އާ މީގެ ކުރިން އެއްބަސްވެސް ވެފައިވާ ކަމަށެވެ.  

މުއިއްޒު ވިދާޅުވީ އާރުޑީސީ އާއިކު ސިޓީ ކައުންސިލުން އެއްބަސްވެފައިވާނީ 39 މިލިއަން ރުފިޔާ އަށް ކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ސިޓީ ކައުންސިލުން އަތުލައި އާރުޑީސީ އާ ޕްލޭނިން މިނިސްޓްރީ ގުޅިގެން ހިންގާ ގޮތަށް މިހާރު ހަމައްސާފައިވާ ކަމަށާއި މަގު ހެދުމުގެ އަގުވެސް 84 މިލިއަން ރުފިޔާގެ އަގަކަށް ހަދައި ދެގުނަ ބޮޑު ކޮށްފައިވާ ކަމަށެވެ. 

މުއިއްޒު ވިދާޅުވީ މި ކަމަކީ ސަރުކާރުން ހިންގާ ބޮޑު ކޮރޮޕްޝަނުގެ އަމަލެއް ކަމަށެވެ. 

މިކަމަށް ރައްދު ދެއްވައި "ސީއެންއެމް" އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މޫކޭ ވިދާޅުވީ އަމީނީ މަގު ހެދުމަށް މާލޭ ސިޓީ ކައުންސިލާއެކު އާރުޑީސީން އެއްވެސް ދުވަހަކު އެއްބަސްވެފައި ނުވާނެ ކަމަށެވެ. މޫކޭ ވިދާޅުވީ ސިޓީ ކައުންސިލުން އެދިގެން އަމީނީ މަގު ހެދުމަށް ބީއޯކިއު އެއް އާރުޑީސީން ކައުންސިލަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެއްވެސް އެއްބަސްވުމެއް ވެފައި ނުވާނެ ކަމަށެވެ. 

"އަމީނީ މަގު ހަދަނީ އާރުޑީސީންނޭ ކިޔައިގެން މިއަދު މުއިއްޒު އެހެދީ ހުސް ރޯ ބުހުތާނު ދޮގު. ސިޓީ ކައުންސިލުން އެދުނު ބީއޯކިއު ގެންނަން، އެކަން ކޮށްދިނިން، މަގުހަދާނެ ވާހަކަވެސް ދެކެވިފަ ހުރީ އެކަމަކު އެއްވެސް ވަރަކަށް އެއްބަސްވެފައެއް ނުވަން." މޫކޭ ވިދާޅުވި އެވެ.

މޫކޭ ވިދާޅުވީ އަމީނީ މަގަށްދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް ކައުންސިލުން ބޭނުންވީ މަގު ހެދުމުގައި ވަރަށް ތުނި ތާރު ފަށަލައެއް އެޅޭނެ އަގެއް ކަމަށެވެ. 

"ތާރު އަޅައިގެން ކުރާއިރު އަގަށް ބޮޑެތި ބަދަލުތަކެއް އަންނާނެ. އެހެންވީމަ މުއިއްޒު އެދުނީ ތާރު ފަށަލައެއް އަޅާލެވޭނެ މިންވަރު ކޮށްދޭން. ކިހިނެއްތޯ ދާއިމީ ހައްލު ގެންނަނީ މިވަރުން." މޫކޭ ވިދާޅުވި އެވެ.

އަމީނީ މަގުގެ މައްސަލައަށް ހައްލެއް ނުހޯދި މުއިއްޒު މިނިސްޓަރު ކަމުގައި ހަތް އަހަރުވެފައިވާތީ މޫކޭ މިއަދު ވަރަށްބޮޑަށް މުއިއްޒު އަށް ފާޑުވިދާޅުވި އެވެ. މޫކޭ ވިދާޅުވީ ހަތް އަހަރު ދުވަހު މިނިސްޓަރު ކަމުގައި ނުކުރެވުނު މަސައްކަތް އާރުޑީސީން ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި ނިންމާލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ. 

"މުއިއްޒު މިނިސްޓަރު ކަމުގައި ހަތް އަހަރު. މަގެއް ނުހެދުނު، އާރުޑީސީން މި ނިންމަނީ ކުރިއަށް އޮތް ހަތް މަސްދުވަހުގެ ތެރޭގައި." މޫކޭ ވިދާޅުވި އެވެ.

މާލޭގެ މަގުތައް ހެދުމަށް އާރުޑީސީން ސިޓީ ކައުންސިލާއެކު މީގެ ކުރިން އެއްބަސްވެގެން ކޮށްފައިވާ މަސައްކަތްތަކަށް ލިބެންޖެހޭ 13 ވަރަކަށް މިލިއަން ރުފިޔާ ނުލިބި ހުރިކަން މޫކޭ މިއަދު ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެފައިސާ ނުލިބުމުން ކުންފުންޏަށް ބޮޑެތި ދަތިތަކާއިވެސް ކުރިމަތިލާންޖެހުނު ކަމަށެވެ. 

އާރުޑީސީން އިއްޔެ ވަނީ 84 މިލިއަން ރުފިޔާ އަށް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތާއި ހަވާލުވެ ޕްލޭނިން މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

މި ޕްރޮޖެކްޓް ނިންމަންޖެހެނީ ހަތް މަސް ދުވަހުގެ ތެރޭގަ އެވެ. 

އާރުޑީސީން ވަނީ މާލޭގެ ޖުމްލަ 15 މަގެއްގައި ތާރު އެޅުމަށް ނިންމާފަ އެވެ. އެ މަގުތަކަކީ އަމީނީ މަގު، ޗާންދަނީ މަގު، ކަނބާ އައިސާ ރަނި ހިނގުން، ޝަހީދު ޢަލީ ހިނގުން، ޢިއްޒުދީން މަގު، ހަނދުވަރީ ހިނގުން، މުރަނގަ މަގު، ހަވީރީ ހިނގުން، މާވެޔޮ މަގު، މުއިވެޔޮ މަގު، ރައްދެބައި ހިނގުން، ލިލީ މަގު، އަލިކިލެގެފާނު މަގު، ލޮނުޒިޔާރަތް މަގު އަދި ސޯސަން މަގެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް