
ސައުދީ ރިޔާދު ޑެއިލީ ނޫޙުގައި ރިޕޯޓްކޮށްފައިވާގޮތުގައި ރައީސް މަދީނާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އެއާޕޯޓުން މަރުހަބާ ދެންނެވީ މަދީނާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ސަލްމާން ބިން އަބްދުލް އަޒީޒްގެ އިތުރުން އެ ގަވަރުނޭޓުގެ އިސް އޮފިޝަލުންނެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދި އަރަބިއްޔާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ފުރާވަޑައިގެންފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން، މުހައްމަދު މަބްރޫކް އަޒީޒް އިއްޔެ ވިދާޅުވީ، ރައީސް ސޯލިހުގެ ދެ ކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގަންވަނީ، އެގައުމުން ދެއްވި ދައުވަތަކަށް ކަމަށާއި، މި ދަތުރުގައި ރައީސްގެ ދެކަނބަލުން ފިޔަވާ އިތުރު ބަޔަކު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރައިސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންވަނީ، ހައްޖު ޑެލިގޭޝަން ގޮތުގައި ނޫން ކަމަށާއި، ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގަންނަވަނީ، އަމިއްލަ ގޮތުން ކަމަށެވެ.
ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކުރީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. ބާކީ 100 ކޯޓާއަށް މީހުން ހޮވީ އާންމުކޮށް ހުޅުވާލައިގެންނެވެ.