
"ސީއެންއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު މިރޭ ވިދާޅުވީ ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމީތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.
ޖާބިރު ވިދާޅުވީ ގައުމުގެ އިގުތިސާދީ އަދި މާލީ ހާލަތު ރަގަޅު ކުރުމަށްޓަކައި ބޭނުންވަނީ ރައްޔިތުންގެ އަތުން ލިބޭ ފައިސާކޮޅު ނަގަން ނޫން ކަމަށެވެ. އަދި ވިދާޅުވީ އިގްތިސާދީ ހާލަތު ކުޑަކުރުމަށް އެންމެ ރަގަޅު ގޮތަކީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުން ކަމަށެވެ.
ޖާބިރު ވިދާޅުވީ ގައުމަށް މިވަގުތު އެންމެ ފައިދާހުރި ގޮތަކީ އެކިއެކި ސިޔާސީ ބޭނުމުގައި އުފައްދާފައިވާ ސިޔާސީ މަގާމުތައް އުވާލުމަށްފަހު އެ ފައިސާ ގައުމުގެ ރިކަރެންޓަށް ހަރަދުކުރުން ކަމަށެވެ. އަދި ވީހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް ސަރުކާރުންވެސް ވިސްނުން ގެންގުޅުން ކަމަށެވެ.
ޖާބިރު ވިދާޅުވީ ޓެކްސް ފައިސާ ބޮޑުކުރުމަކީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަމިއްލަ ހިޔާލެއް ކަމަށެވެ. އަދި ވިދާޅުވީ މިފައިސާ ނެގުމަށް މިނިސްޓަރު ނިންމެވިކަމުގައިވިނަމަވެސް ރައްޔިތުންގެ އަތުން މި ފައިސާ ނެގޭނީ މަޖިލީހުން ފާސްކޮށް މަޖިލީހުގެ ރުހުން ލިބިގެން ކަމަށެވެ.
ދުނިޔޭގެ ބާޒާރަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިކަންކަމަށް ފިޔަވަޅު ނާޅައިފިނަމަ ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށްގޮސް ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ލަފާކުރެވޭ ފަދަ އިޝާރާތެއް އިއްޔެ ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވާފަ އެވެ.
މިނިސްޓަރު ވަނީ މިކަމަންކަމަށް ދުރާލައި ތައްޔާރުވުމަށްޓަކައި ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ ބާރަ ޕަސެންޓުން ސޯޅަ ޕަސެންޓަށް ބޮޑު ކުރުމަށްފަހު އެކަން އިއުލާނުކުރައްވާފަ އެވެ.