ads
ވިކްޓްރީ އާއި ނިއުރޭޑިއަންޓް އަނބުރާ އައުމުން ދަނޑު ފުރާލެވިދާނެ ތޯއެވެ‌؟‌
މި ޖުލައި މަހުގެ 16 ވާ ހޮނިހިރުދުވަހަކީ، ނިއުރޭޑިއަންޓް އާއި ވިކްޓަރީ އަލުން ބައްދަލުކުރާ ދުވަހެވެ. މިދެކްލަބް އަނބުރާ އައުމުން ދަނޑު ފުރާލެވިދާނެތޯއެވެ؟ މިވަގުތު ކަންކަން ހުރިގޮތުން ދަނޑުފުރާލުމަކީ ދުރުކަމެކެވެ. ވެރިންގެ ގިނަ ބޭފުޅުން ދެކެނީ ދަނޑުފޯރި ގެއްލުނީ ޔޫރޮޕިއަން ލީގްތައް ލައިވްކޮށް ލިބެންފެށީމައި ކަމަށެވެ. ކުޅިވަރު ވަޒީރު މަހްލޫފްވެސް މިފަދައިން ވިދާޅުވެ އެވެ.

މިއީ ފަސޭހަ ވިސްނުމެކެވެ! ދަނޑުފޯރި ގެއްލުނީ، ޔޫރަޕިއަން ލީގްތައް ލައިވްކޮށް ލިބެން ފެށުމުން ނޫންކަމަށް ދެކޭ ބަޔަކުވެސް އުޅެ އެވެ. މިބައިމީހުން ދެކެނީ، ދަނޑުފޯރި ގެއްލުނީ ސަޕޯޓަރުންގެ ޝައުގުވެރިކަން ދެމެހެއްޓޭ ފެންވަރުގެ ޑޮމެސްޓިކް ލީގެއް ނެތުމުން ކަމަށެވެ. ރާއްޖެއަށް އައި ހަލުވި ބަދަލުތަކާ އެއްހަމައެއްގައި ފުޓުބޯޅަ "ރީއިންވެންޓް" ނުކުރެވުނީމާ ކަމަށެވެ.

ދުނިޔެއަށް ދަނޑުފޯރި ތައާރަފް ވުން

1940 ގެ އަހަރުތަކުގައި ރާއްޖެއަށް ފުޓުބޯޅަ ތައާރަފްކުރިއިރު، ފުޓުބޯޅަ ވަނީ ޔޫރޮޕާއި ލެޓިން އެމެރިކާގައި ދަނޑު ފުރާލާ ކުޅިވަރަކަށް ވެފަ އެވެ. ބޮޑެތި ސްޓޭޑިއަމްތައް ފުރާލައެވެ. އެއިރު ދުނިޔޭގައި ނެތީ ލައިވް ޓެލެވިޒަންއެވެ. ފުޓުބޯޅައިގެ ގަވާއިދުތައް ލިޔެވި، "ކޯޑިފައި" ކުރީ 1863 ގައި އިންގިރޭސިވިލާތުގެ ފުޓްބޯލް އެސޯސިއޭޝަނުން ނެވެ. ފީފާ އުފެދުނީ 1904 ގައެވެ.  އޫއެފާ އުފެދުނީ 1954 ގައެވެ. އޭޝިއާގެ ލީގްތައް އުފެދުނީ 1970 ގެ ފަހުންނެވެ. ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނެއް ގާއިމް ކުރެވުނީ 1982 ގައެވެ. އެފް.އޭ.އެމް އުފެއްދީ ސަރުކާރުން ނެވެ.

your image1863 ވަނަ އަހަރު އެންމެ ފުރަތަމަ ކުޅެވުނު ކަމަށް ބުނާ މެޗުގެ ކުރެހުމެއް

އިންގިރޭސި ވިލާތުގައި ފުޓުބޯޅަ އުފެދެމުން އައިދުވަސްވަރު، 1341 ގައި ލަންޑަން މޭޔަރު ފުޓުބޯޅަ ކުޅުން މަނާކުރިއެވެ. ފުޓުބޯޅަ ކުޅުން މަނާކުރީ އެއްތަނަކަށް ގިނަބަޔަކު އެއްވެ، އަޑުގަދަވުމުން، ހިސާބުގަނޑަށް ދުއްތުރާލަކަށް ވާތީއެވެ. ދަނޑުފޯރިއާއި ހެދިއެވެ! 

ފުޓުބޯޅައަކީ "އިމްޕޯޓް" ކުރި ކުޅިވަރެއް!

ދިވެހީންނާއި ހިސާބަށް ފުޓުބޯޅަ ފޯރީ "އިމްޕޯޓް" ކުރި ކުޅިވަރެއްް ގޮތުގަ އެވެ. އެއީ އެއިރު އެސޯސިއޭޝަން ފުޓްބޯލް އޮތީ ބައިނަލްއަގުވާމީ ކުޅިވަރެއްގޮތުގައި އުފެދި ފައްކާވެފައިކަމަށް ވާތީއެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ފުޓުބޯޅަ ކުޅޭތާ ގަރުނަކާ ގާތްކުރަނީ އެވެ. 

ރާއްޖެއަށް ފުޓުބޯޅަ އިމްޕޯޓްކުރީ ސަރުކާރުގެ އިސްނެގުމާއި އެކު ގައެވެ. މިގޮތުން، ސަރުކާރު އޮފީސްތަކުގެ މެދުގައި ފުރަތަމަ މުބާރާތް ބޭއްވީ 1946 ގައިކަމަށް ވެއެވެ. ސްރީލަންކާގެ ފުޓުބޯޅަ ކޯޗް، މައިކަލް ޑިސިލްވާ، ރާއްޖެގެނައީ 1952 ގައިކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކުރީގެ މަޝްހޫރު ކޯޗް އަބްޖީ ވިދާޅުވެއެވެ. 1970 ގެ އަހަރުތަކައް އަޅާލިއިރު، އިނގިރޭސިން ތިބި އައްޑުއަތޮޅުންވެސް ޓީމް ބައިވެރިވިއެވެ. އަދި ރާއްޖެއަށް ޒިޔާރަޔްކުރާ ބޭރުގެ މަނަވަރުތަކުގެ ޓީމްތަކާ ކުޅެން ލިބުނު މެޗްތަކުގެ ސަބަބުންވެސް ފުޓުބޯޅައިގެ ފޯރި އިތުރަށް ގަދަވިއެވެ. 

your imageރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ މެޗެއް، 2000 ވަނަ އަހަރު

އޭޝިއާ ސަރަހައްދުގައި ހޮންގްކޮންގް ފިޔަވާ ހުރިހާ ޕްރޮފެޝަނަލް ފުޓްބޯލް ލީގްތައް އުފެދިފައިވަނީ 1970 ގެ ފަހުންނެވެ. މިދުވަސްވަރަކީ ރާއްޖޭގައިވެސް މުބާރާތްތައް ފޯރިގަދަވި ދުވަސްވަރެކެވެ. ދަނޑު އޮތެވެ. ނެތީ "ސްޓޭޑިއަމް" އެވެ. ދަނޑު ފޯރި އުފެދުމާއި އެކު، އެހެން ގައުމުތަކެކެޭ އެއްފަދައިން "ގައުމީ ރޫހާއި" ދަނޑުފޯރިއާވެސް ގުޅުވެން ފެށިވެ. ސުލްހަވެރި ކަމާއިއެކު ވާދަކުރުމުގެ އަޙްލާގް، ފުޓުބޯޅަ މެދުވެރިކޮށް ރާއްޖެއަށްވެސް ތައާރަފް ކުރެވުނީއެވެ. މި ރޫހް އެންމެ ފަހުން ފައުޅުވީ މިދިޔަ އަހަރު ރާއްޖޭގައި ހޯޓްސް ކުރި ސާފް ޗެމްޕިޔަންޝިޕް ގައެވެ. 

ވެރިން އިމްޕޯޓްކުރި ކުޅިވަރު، ޕެޓްރަނޭޖް ނިޒާމަކުން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުކޮށްގެންނޫނީ ދެން ދަނޑުފޯރި އަބުރާ ހޯދޭނެގޮތެއް ނެތެވެ. ފުޓުބޯޅަ މެނެޖްމަންޓްވެސް ޖެހޭނީ ޑިމޮކްރަޓައިޒް ކުރާށެވެ. އެސޯސިއޭޝަން ޖެހޭނީ އިންތިހާބު ކުރާށެވެ. ކުޅިވަރު މެނެޖްމަންޓަކީ ފަންނީ ކަމެކެވެ. 

ދަނޑުފޯރީގެ 10 އަހަރު

ދިވެހިންގެ ތެރޭ ދަންޑުފޯރި އައުދަޔާ ހިލާފަށް ގަދަވާންފެށީ 1990 ގެ އަހަރުތަކުގަ އެވެ. އެއީ ގަލޮޅު ދަނޑުގެ ސިޑިބަރި ހެދެމުންދިޔަ ދިއުމާއި އެއްހަމައެއްގައި އެއްވަނަ ޑިވިޒަން ފުޓުބޯޅަ، ލީގެއްގެ ސިފައިގައި، އިތުބާރާއި އެކު ތަރުތީބު ކުރެވެންފެށީމަ އެވެ. އަށްޑިހައިގެެ އަހަރުތަކުގެތެރޭ މާލޭގައި ކުޅެމުންދިޔަ އެއްވަނަ ޑިވިޒަންގެ 8 ޓީމް ވާދަކުރަނީ "ގަދަ 4" އާއި "ބަލި 4" ގޮތުގައި ދެގްރޫޕަށް ބަހާލައިގެނެވެ. އެއްވަނަ ޑިވިޒަން ދެގްރޫޕަށް ބަހާލައިގެން ކުޅުމުގެ ބަދަލުގައި، އެހެން ގައުމުތަކެކޭވެސް އެއްގޮތަށް، އެއްވަނަ ޑިވިޒަނަކީ އެއް ގްރޫޕްގޮތުގައި ހަމަޖެއްސި ހިސާބުންފޯރި އިތުރުވި އެވެ. މިބަދަލު ގެނައީ ބަލި 4 ގެތެރެއިން މޮޅު ދެޓީމް ގަދަ 4 އަށް ޕްރޮމޯޓްކޮށް 6 ޓީމްގެ މާލޭ ލީގެއް އުފެއްދުމުންނެވެ. ބަލި ދެޓީމް ދެވަނަ ޑިވިޒަނަށް ރެލިގޭޓްކުރީއެވެ. އެއިރުވެސް އަތޮޅުޓީމްތައް ގަދަ އެވެ. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ މާލޭގެ އެއްވަނަޑިވިޒަންގައި ހިފަހެއްޓި އެވެ. މާލެ ކާރީގައި އޮތް ހުރާގެ ފެންވަރުވެސް ދައްކާލި އެވެ. 

އެއިރު އުފެއްދި އާ ފޯމިއުލާގެ ސަބަބުން އައި އަނެއް ބޮޑު ބަދަލަކީ، ކްލަބްޓީމްތަކަށް ބޭރުކުޅުންތެރިން ގެންނާންފެށުމެވެ. ފަށައިގަތީ ޝްރީލަންކާގެ މިސްކީން ފަދަ ކުޅުންތެރިންނާއި އެކުއެވެ. ބޭރު ކުޅުންތެރިންގެ ސަބަބުން އެއްވަނަ ޑިވިޒަން ކުޅުންތެރިންގެ ފެންވަރުވެސް، އަދި ދަނޑުފޯރިވެސް އިތުރަށް ގަދަވިއެވެ. އަދި ހަމަ މިދުވަސްވަރު، އިންވިޓޭޝަނަލް ފުޓުބޯޅަ މުބާރާތެއްވެސް ފަށައިގަތެވެ. ގައުމީޓީމަށް ސަރަހައްދީ ފެންވަރުގައި ކާމިޔާބުތައް ލިބެންފެށީވެސް މިދުވަސްވަރުއެވެ. 80 ގެ މެދުތެރޭ އިންޓަރސްކޫލް ފްޓުބޯޅަ ފެށުން ވީ ދަނޑުފޯރީގެ އިތުރު "ޑްރައިވަރ" އަކަށެވެ. އެއްވަނަ ޑިވިޒަނުން، ސްކޫލް ކުޅުންތެރިން ފެންނާން ފެށިއެވެ. ފޯރި ދިޔައީ އިންތިހާއަށް ގަދަވަމުންނެވެ.

އެތަށް ފަށަލައަކަށް ތަރުތީބުވެގެންދިޔަ ބަދަލުތަކުގެ ނާރެހަކަށް ވީ ދަނޑުފޯރި އެވެ. އެއިރު މާލޭގައި ދިރިއުޅުނު 80،000 އާބާދީއެއްގެ ތެރޭން 12،000 ބެލުންތެރިން ގަލޮޅު ދަނޑަށް ވަދެއެވެ. އެއިރު ރޭޑިއޯގެއިތުރުން  ޓެލެވިޒަންއިންވެސް ފުޓުބޯޅަ ލައިވް ކުރަން ފަށައިފި އެވެ. ދަނޑު ފޯރިއާއިއެކު ފުޓުބޯޅައިގެ "ނިޔު ނޯމަލް" އެއް އުފެދުނީއެވެ. މިހާރު މިދެކެވޭ ވާހަކައަކީ، މި ފޯރިގަދަ ނިއު ނޯމަލް ގެއްލުނީ ކީއްވެބާވައެވެ؟ ދަންޑުފޯރި ގެއްލުނީ ކީއްވެތޯއެވެ؟ ދިހަވަރަކަށް އަހަރަށް ދަނޑުފޯރި ދެމިގެންދިޔުމަށްފަހު ދަނޑުފޯރި ދައްވެ، ދަނޑަށް ފެންޖަހާ މީހުންނަށްވުރެ ބެލުންތެރިން މަދުވީ ކީއްވެތޯއެވެ؟ ދަނޑުފޯރި ދެމެހެއްޓެނިވިގޮތެއްގައި ތަރައްގީ ނުކުރެވުނީ ކީއްވެތޯއެވެ؟

your imageއޮކްޓޯބަރު 7 2021: މާލެ، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ސަޕޯޓަރުން

ވާލްޑްކަޕް، ލައިވް ޓީވީ އާއި ބޯތަށި ބެހެއްޓުން

ފުޓުބޯޅަ ވާލްޑްކަޕެއް ރާއްޖޭގައި ފުރަތަމަ ލައިވް ކުރީ 1986 ގައެވެ. ޓީ.ވީ.އެމް ގެ ބޯތަށި އަތޮޅުތެރޭ ބަހައްޓަންފެށީ 1994 ގައެވެ. އެ ބޯތަށިތަކަށް ގްލޯބަލް ބީމް ލިބެންފެށީ ނުވަދިހައިގެ ފަހުކޮޅު އެވެ. ޔޫރޮޕިއަން ޗެމްޕިޔަންޝިޕެއް ޓީވީ އިން ލައިވްކުރީ 2004 ގައެވެ. ފުރަތަމަ ޕްރައިވެޓް ޓީވީ ސްޓޭޝަން ހުޅުވީ 2008 ގައެވެ. ފުޓުބޯޅަ އެސޯސިއޭޝަން، ފީފާއިން މަޖުބޫރުކޮށްގެން އިންތިހާބުކުރުވީ ވެސް 2008 ގައެވެ.

ރާއްޖޭގެ މީޑިއާ ޑީރެގިއުލޭޓްކުރަންފެށުމާއި ގުޅިގެން، ނުވަދިހައިގެ ފަހުކޮޅު އިންޑިއާގެ ފުޓްޕްރިންޓުން ގްލޯބަލް ބީމް ސަބްސްކްރިޕްޝަން ލިބެންފެށި އެވެ. އަދި 2006 ހާހިސާބުގައި އަތޮޅުތަކުގައި ޑިޝްބެހެއްޓުމަށް ޑިމާންޑް ބޮޑުވެގެންދިޔައެވެ. ކޭބަލްޓީވީ ފެށުނީ ޖޭ-ސެޓް ކިޔާ ކުންފުންޏަކުން 350 ސަބްސްކްރައިބަރުންނާއިއެކު 1999 ގައެވެ. 2000 ވަނަ އަހަރު، މިކުންފުނި މީޑިއާ ނެޓް އާއި މަރޖް ކުރީ 1،000 ސަބްސްކްރައިބަރުންނާއިއެކުއެވެ. އެހެންނަމަވެސް މީޑިއާނެޓުން ބުނަނީ މާޖްކުރީ 2005 ގައި ކަމަށެވެ، އަދި މިއަދު މި ފެންނަ ފުޅާމިނަށް ޔޫރޮޕިއަން ލީގްތައް ލިބެންފެށީ 2011 ހާހިސާބުން ނެވެ. އަޅުގަނޑުމެން މިކިޔާ ދަންޑުފޯރި، މީގެ ދިހަ އަހަރުކުރީން ވަނީ ގެއްލި ގޮސްފައެވެ.

your imageބޯތަށި ބެހެއްޓުމުން ރަށެއްގެ ބަޔަކު އޮފީސް ދޮށަށް އެއްވެފައި.---

ދަނޑުފޯރި ގެއްލުން 

ދަނޑުފޯރި އުފެދި ފައްކާކުރުމުގައި ބޮޑުދައުރެއް ކުޅުނީ ސަރުކާރުންނެވެ. ފުޓުބޯޅަ އިމްޕޯޓްކުރި ސަރުކާރުން ނެވެ. އެއިރު އެފް.އޭ.އެމް އަކީ އިންތިހާބު ކުރާ އެސޯސިއޭޝަނެއް ނޫނެވެ. 90 ގެ އަހަރުތަކުގައި އެފް.އޭ.އެމް ގެ ހިންގުން އޮތީ އެތަށް އަހަރަކުން މަރުކަޒުކުރެވިފައިވާ "ޕެޓްރަނޭޖް" ނިޒާމައެއްގެ ދަށުގައެވެ. އެއީ 1982 ގައި އެކުލަވާލި ކުރު ގާނޫނެއްގެ ރޫހާއެއްގޮތަށް، އިންތިހާބު ކުރުމުގެ ބަދަލުގައި އައްޔަންކޮށްފައިވާ ވެރިން ގެ ދަށުގައެވެ. ލިޔެވިފައި އޮންނަ ގަވާއިދުތައް ތިލަވެފައި ލުޔެވެ. ކަން ނިންމަނީ "ޕޭޓްރަން" އެވެ. އެއީ އެއިރުގެ މިނިސްޓަރެވެ. މިނިސްޓަރ އުމަރު ޒާހިރުގެ ޕެޓްރަނޭޖް ދަށުން ފުޓުބޯޅަ ތަރައްގީ ކުރިއެވެ. މުބާރާތްތައް އެއިރަށް އެންމެ ރަނގަޅު ފޯމިއުލާއަކަށް ހިންގަން ދޫކޮށްލިއެވެ. ކްލަބްތައް ބެލެހެއްޓީ "ރަޖިސްޓްރާ" އެއް ނޫނެވެ. މިނިސްޓަރެވެ. ނަމެއްގައި ނަމަވެސް، ރަޖިސްޓަރާއެއް އުފެދުނީ، މާ ފަހުން، 2003 ގައެވެ. އެފަދަ  ކޮމިޝަނަރެއް އުފެދުނީ އަދި އެއަވުރެ ފަހުން، 2015 ގައެވެ.

ޕެޓްރަނޭޖް ނިޒާމް ގެދަށުން އުފެއްދި ދަނޑުފޯރި، އެ ނިޒާމްގެ މުއްދަތު ހަމަވެގެންދިޔުމުގެ މާކުރީން ހުލިވެ ހިގައްޖެއެވެ. ޔޫރޮޕްގެ ލީގްތައް ގިނަބަޔަކަށް ލައިވްކޮށް ލިބެންފެށީ 2011 އާއިހިިސާބުންނެވެ. މީޑިއާނެޓްގެ ވެބްސައިޓްގައިވާގޮތުން 2005 ވަނަ އަހަރުންފެށިގެން މިއަދާއިހަމައަށް ރާއްޖޭގެ 164 ރަށަށް، އާދެ 90 އިންސައްތަ ރަށަށް ކޭބަލްޓީވީ ގެހިދުމަތް ފޯރުކޮށްދެވެ އެވެ.

އެފް.އޭ.އެމް، އެނިޒާމެއްގެ ދަށުގައި އޮތް ޕެޓްރަނޭޖް ނިޒާމުން ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވުމުގެ އަޑުތައް 2003 ގައި ގުގުމާލިއެވެ. ޑިމޮކްރަސީއަކަށް ވެރިކަން ބަދަލުކުރަން ގެންނަންޖެހޭ ގާނޫނީ ބަދަލުތައް، ތަފާތު ވެރިކަމުގެ ދައުރުތަކުގައި ގެނެވުނު ނަމަވެސް، އެކަންކަން މިދަނީ ތަމްފީޒް ނުކުރެވިގެނެވެ. ދަނޑުފޯރި ގެއްލުނީ އިސްލާހް ކުރަންޖެހުނުކަންކަން އިސްލާހް ނުކުރެވުމުންނެވެ. އެސޯސިއޭޝަންގެ އިންތިހާބު ކަށަވަރު ނުކުރެވުމުންނެވެ. ދިވެހިންގެ ސިޓިންގްރޫމްތަކަށް ޔޫރޮޕްގެ ލީގްމެޗްތައް ލައިވް ކޮށް ލިބެންފެށުމުންނެއް ނޫނެވެ. ލީގް ލައިވް ލިބެންފެށިއިރު ދަނޑުފޯރިވަނީ ހުލިވެފައެވެ. ދަނޑުފޯރި ގެއްލުނީ ޑޮމެސްޓިކް ލީގް، ޒަމާނާއެއްގޮތަށް "ރީއިންވެންޓް" ނުކުރެވުނީމައެވެ.  

އެފް.އޭ.އެމް ގެއިންތިހާބާއި ދަނޑުފޯރި

އެފް.އޭ.އެމް ގެ އިންތިހާބީ ފުރަތަމަ ދައުރު ފެށުނީ ތިރީސް އަހަރު ދެމިގެންދިޔަ ޕެޓްރަނޭޖް ނިޒާމް، ޑިމޮކްރެޓިކް ނިޒާމަކަށް ބަދަލުވުމުގެ އެންމެ ހަތަރު މަސްދުވަސް ކުރީން، ޖުލައި 2008 ގައެވެ. ވީމާ އެފް.އޭ.އެމް ވާނީ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރަށްވުރެވެސް ދޮށި ޑިމޮކްރެޓިކް ޖަމިއްޔާއަކަށެވެ. އެހެންނަމަވެސް، ފީފާއިން މަޖުބޫރު ކުރުވި އިންތިހާބުގެ ފޮނި މީރުކަން ދިވެހިންނަށް ލިބޭގޮތެއް ނުވިއެވެ. ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ކުޅިވަރު އެޑްމިނިސްޓްރޭޓަރުން ޑިމޮކްރަސީއަށް އަހުލުވެރި ނުވުމަކީ އެއްކަމެވެ. ވީމާ، އިންތިހާބުކުރެވުނު އެފް.އޭ.އެމް އަށް ދަނޑުފޯރި އަނބުރާ ނުގެނެވުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. އެއީ ހަމަ އެކަނި އެފް.އޭ.އެމް ގެ ޒިންމާއެއްވެސް ނޫނެވެ. ސަރުކާރުގެ ޒިންމާއެއްވެސް މެއެވެ.

މިވަގުތުވެސް ކަން ހިނގާގޮތަކީ، ބާތިލްވެފައިވާ، ޕެޓްރަނޭޖް ނިޒާމް ދެމެހެއްޓުމެވެ. މިސާލަކަށް، ދާދިފަހުން ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހްތައް ބޭރުކޮށްލީ މަޖިލިސްގެ 35 މެމްބަރު ވޯޓް ދެއްވައިގެނެވެ. ޑިމޮކްރެޓިކް ނިޒާމެއްގައި ލިބެންހުރި ކުރިއެރުންތަކަށް ވިސްނާލުމެއްނެތި، ކުރީގެ ޕެޓްރަނޭޖް ނިޒާމް ދެމެހެއްޓުމަށް މަޖިލީހުގެ "މެޖޯރިޓީ" ނިންމުމުން، ދަނޑުފޯރި އާލާކުރެވޭނެކަމަކަށް ނުފެނެއެވެ. ދަނޑު އަޅާދިނުމާއި، ކޮންޓްރެކްޓްތަކުގެ ފައިދާއަށް ބަލައިގެން މިނިސްޓަރަކު މަގާމުގައި ދެމެހެއްޓުމަކީ ދަނޑުފޯރި އުފެއްދޭނެ ގޮތެއް ނޫނެވެ.

އޭޝިއާގެ އެހެން ގައުމުތަކުގައިވެސް، ޔޫރޮޕިއަން ލީގްތައް ލައިވް ޓީވީން ބެލިނަމަވެސް، ޑޮމެސްޓިކް ލީގްތައް ބަލަން ދަނޑަށް ވަދެއެވެ. ރަށާއި، ސިޓީގެ ދަނޑު ތައް ފުރާލައެވެ. މިކަމަކީ މިއަދު ދުނިޔޭގެ "ނިޔު ނޯމަލް" އެވެ. ޖަޕާނާއި ކޮޮރެއާ، ވާލްޑްކަޕްގައި ވިދަންފެށިއިރު، ފެޓްރަނޭޖް ނިޒާމްގެދަށުން އެސޯސިއޭޝަން ހިންގާ ޗައިނާ އާއި އުތުރު ކޮރެއާފަދަ ގައުމުތަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ވާލްޑަކަޕުގައި ހިފަހައްޓައެއް ނުލެވެއެވެ. ޕެޓްރަނޭޖް ނިޒާމަކީ މުއްދަތު ހަމަވެފައިވާ ނިޒާމެއްކަން ދެނެގަންނަނަން ޖެހެއެވެ. ދިވެހި ދަނޑުފޯރި ގެއްލުނީ މުއްދަތު ހަމަވެފައިވާ ނިޒާމެއްގެ ދަށުގައި އެފް.އޭ.އެމް ދަމަހައްޓާދޭތީއެވެ. 

ނިއު އާއި ވިކްޓަރީ އަލުން ބައްދަލުކުރާމެޗް 16 ޖުލައި ގައި

މުއްދަތު ހަމަވެފައިވާ ޕެޓްރަނޭޖް ނިޒާމެއްގައި ފުޓުބޯޅައިގެ ދަނޑުފޯރި ނެތިގެން ދިޔަތާ އެތައް އަހަރެއްވެއްޖެއެވެ. އެހެންނަމަވެސް ސަރުކާރުން އަދިވެސް އެދަނީ މިނިޒާމް ދަމަހައްޓަމުންނެވެ. އެފް.އޭ.އެމްގެ އިންތިހާބު ސައްހަކުރުމާ، ސަރުކާރުގެ މަޖިލީސް މެޖޯރިޓީ ދެކޮޅަވެ. އަދި ދަނޑު އަޅަންޖެހެނީވެސް ހަމައެކަނި މިނިސްޓަރެވެ. 

ނިޔު އާއި ވިކްޓަރީ އަލުން ބައްދަލުކުރާމެޗަކީ ދަނޑުފޯރީގެ ހަނދާންތައް އާލާކުރުމުގެ ފުރުސޮތަކަށް ހެދިދާނެކަމަކަށް ބައެއް ބޭފުޅުން އުއްމީދުކުރާނެއެވެ. އެހެންނަމަވެސް މިކަން ވާތަނެއް ނުފެނެއެވެ. މުއްދަތު ހަމަވެފައިވާ ހުދުމުހުތާރު ނިޒާމެއްގެ ދަށުގައި އެފް.އޭ.އެމް ތާށިކޮށްފައި  އޮންނަހާހިނދަކު، ދަނޑުފޯރި އާލާވުމަކީ ނާދިރު ކަމެކެވެ.

ލާމަރުކަޒު ކުރެވި، ޓްރާންސްޕޯޓް ނިޒާމަކަުން ރާއްޖެ ގުޅުވާލެވި، ލައިވް ޓީވީ ހިތަކަށް ލިބިފައިވާއިރު، ފުޓުބޯޅަ މިއޮތީ އަދިވެސް މާލެއަށް ހަނިވެފައެވެ. ކްލަބްތަކާއި، އެސޯސިއޭޝަންގެ ހިންގުން ހަރުދަނާކުރަން، ސަރުކާރުން ވަނީ ނުކުޅެދިފައެވެ. ފުޓުބޯޅަ ކުރިއެރުވުމުގެ ނަމުގައި މިއަދު ކުރާ ކަމަކީ ދަނޑު އެޅުމެވެ. ކޮންކްރީޓް ތަރައްގީގެނައުމަށް ހައްޓަކު ހެއެއް ނެތެވެ. ދަނޑު އެޅުން މިއޮތީ މިނިސްޓަރާއި، މަޖިލިސް މެމްބަރުންނާ ދޭތެރޭ ހިނގާ ކޮންޓްރެކްގެ ގޮތުގައެވެ. ދަނޑު ފޯރި ގެއްލުނީ ޔޫރަޕިއަން ލީގްތައް ލައިވްކޮށް ލިބެންފެށީމައޭ އެބުނަނީ މި ހަގީގަތް ފޮރުވާށެވެ.

your image2018 ވަނަ އަހަރުގެ މާލޭ ލީގުގައި ނިއު އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އެފްއޭއެމް

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް