ads
އިއްޒުއްދީން ސްކޫލް
އިއްޒުއްދީން ސުކޫލުގެ އިމާރާތް ބޭނުންކުރުން ހުއްޓުވަން އަމުރެއް ނުދިން
ކުރީގެ އެމްއީއެސް ހުރި އިމާރާތުގައި ހިންގަމުން އަންނަ އިއްޒުންދީން ސުކޫލު އެ އިމާރާތުގައި ހިންގުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
Advertisement

ދެހާސް ނަވާރަވަނަ އަހަރު އެ އިމާރާތުގައި އިއްޒުއްދީން ސުކޫލް ހިންގަން ފަށާފައި ވާއިރު، އެ އިމާރާތް އަލުން ހޯދުމަށާއި، އެކަމާއި ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ވަނީ މީގެ ކުރިން ދައުވާ ކޮށްފަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އެތަން އެ ކުންފުންޏާއި ހަވާލު ނުކުރެވޭނެ ކަމަށެވެ. 

މާލޭ ހައި ޕްރައިވެޓް ލިމިޓެޑުން އެދުނު ގޮތާއި ހިލާފަށް ސިވިލް ކޯޓުން މައްސަލަ ނިންމުމުން، އެ ކުންފުނިން ވަނީ ސިވިލް ކޯޓުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ އެ އިމާރާތުގައި އެއްވެސް ކަމެއް ނުކުރުމަށާއި އެ އިމާރާތުގައި ހިންގަމުން އަންނަ އިއްޒުއްދީން ސުކޫލްއަށް އިތުރު ދަރިވަރުން ނުވެއްދުމުގެ ވަގުތީ އަމުރަކަށްވެސް އެދިފަ އެވެ. 

މި މައްސަލައާއި ގުޅިގެން ދައުލަތުން ވަނީ، ކޯޓުގައި މާލެ ހައިގެ ފަރާތުން އެދުނު ކަންކަމަކީ މި މައްސަލާގައި އެ ކުންފުނިން ކުރިން ދައުވާކޮށް، ސުޕްރީމް ކޯޓުގެ މަރުހަލާއިން ނިމި ނިހާއީ ހުކުމުގެ ދަރަޖަ ލިބުނު ގަޒިއްޔާތަކުގައިވެސް އެ ކުންފުނިން އެދިފައިނުވާ ކަންކަން ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ އިމާރާތް އަނބުރާ ހޯދުމުގެ ހައްގު މާލެ ހައިއަށް ނޯންނާނެ ކަމަށެވެ. 

އެހެން ނަމަވެސް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމުގައި ވަނީ، އެ އިމާރާތް ބޭނުން ނުކުރުމަށް އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާފަ އެވެ. އަދި އެފަދަ އަމުރެއް ނެރެފިނަމަ ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ. 

"އެ އިމާރާތް ބޭނުންކުރުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރެފިނަމަ، އެތަނުގައި ހިންގަމުން އަންނަ އިއްޒުއްދީން ސުކޫލްގެ ދަރިވަރުންނަށާއި، އެތަނުގެ މުވައްޒަފުންނަށް ބޮޑު ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑު. އެތަން ބޭނުން ނުކުރުމަށް އަމުރެއް ނެރުނުނަމަވެސް، މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް އިއާދަ ނުކުރެވޭނެވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ނުފެނޭ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.

މި ނިންމުމަކީ އެމްއީއެސް އިމާރާތުން މާލެ ހައި ނެރުނީ ރަނގަޅަށް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ބަދަލު ހޯދުމަށް ސިވިލް ކޯޓުގައި މާލެ ހައިގެ ފަރާތުން ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވުމުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައާ ގުޅިގެން އެ ކުންފުނިން ހޯދަން އެދުނު އަމުރަކާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުމެކެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް