މި އަހަރުގެ އަލްހާ އީދާ ގުޅިގެން ޝިފާ ޝޯ ދިނުމަށް އެންމެ ފުރަތަމަ ދިޔައީ ކ. ދިއްފުއްޓަށެވެ. އެ ރަށަށް ޝިފާ ދިއުމުން، އެ ރަށުގެ ގިނަ ބަޔަކު ވަނީ އޭނާއަށް ސްޓޭޖްމަތިން މަރުހަބާ ކިޔާފައިވާއިރު މި ކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ މީސް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ޝިފާ ވަނީ ހިތަދު އަށް ދިއުމުގެ ދަތުރު ކެންސަލްކޮށްފަ އެވެ.
އާންމުންގެ މެދުގައި މަގުބޫލުކަމެއް އޮތް ފިލްމީ ދާއިރާގައި ވެސް ހަރަކާތްތެރިވަމުން އައި ޝިފާ އަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވާން ފަށާފައި މިވަނީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ އާއި އިތުރު އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް މީސް މީޑިޔާގައި ދައުރުވާން ފެށުމާއި ގުޅިގެެންނެވެ.
މިކަމާއި ގުޅިގެން ޝިފާ ބުނެފައިވަނީ އެއީ ބަޔަކު އޭނާގެ އަގު ވައްޓާލުމަށް ފަތުރައިގެން އުޅޭ ދޮގު ވާހަކަ އެއް ކަމަށެވެ. އަދި ލީކުވެފައިވާ ވީޑިއޯތަކަކީ ފޭކު ވީޑިއޯތަކެއް ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ސްޓޭޖްމަތިން މަރުހަބާ ކިއުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ރަމީޒްވެސް ވަނީ ވިދާޅުވެފަ އެވެ.
ޝިފާ އިތުރު އަންހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް ދާދި ފަހުން މީސްމީޑިޔާގައި ލީކު ވުމާއި، ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޝިފާގެ އިތުރުން ބިދޭސީ ފިރިހެނަކާއެކު ރާއްޖޭގެ ހައި ޕްރޮފައިލްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯ ތަކެއްގެ މައްސަލަތަކެއްވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.