އަލީ ހުސެއިން މިފަދައިން ވިދާޅުވީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ އަށް ގޮވައި އެގައުމުގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް އަޑުއުފުލަމުންދަނިކޮށް ރައީސް ގޮޓަބަޔާ ފިލައިގެން ރާއްޖެ އައިސް އުޅޭތީ އެކަމަށް ރައްދުދެއްވަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހެނދުނު "ސީއެންއެމް" އަށް ބުނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެެ. އަދި މިވަގުތު އެއްވެސް ދިވެހި ރައްޔިތަކާމެދު އެއްވެސް ކަންބޮޑުވުމެއްވެސް ނެތް ކަމަށެވެ.
ގޮޓަބަޔާ ލަންކާގެ އެއާޕޯޓުން ފުރިޔަ ނުދީ ހިފަހައްޓާފައިވަނިކޮށް ރާއްޖެ އައިސްފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. ގޮޓަބަޔާ ރާއްޖެ އައިސްފަވަނީ އަނބިކަބަލުން ލޯމާ ރާޖަޕަކްސާ އާއި ދެ ބޮޑީގާޑުންނާވެސް އެކުގަ ކަމަށްވެ އެވެ.
އަލީ ހުސެއިން ވިދާޅުވީ ލަންކާގެ މަޝްރަހުހޫނުވެ އެގައުމުގެ ރައްޔިތުން މުޒާހަރާކޮށް ބައެއް ސަރަހައްދު ތަކުގައި ކާފިއު ވެސް އިއުލާނުކޮށްފައިވާއިރު އެގައުމުގައި ގިނަ އަދަދެއްގެ ދިވެހި އާއިލާތައް ދިރިއުޅެމުން އަންނަ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ލަންކާގެ މިފަދަ ދާހިލީ މައްސަލައެއްގެ ތެރެއަށް ދިވެހި ސަރުކާރުން ވަދެ ގޮޓަބަޔާ އަށް ފިލުވަން މަސައްކަތްކޮށް ހިމާޔަތް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާމެދު އެއްވެސް ވަރަކަށް ބެލުމެއްނެތި ނިންމެވި ނިންމެވުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
ގޮޓަބަޔާ އަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓް ގުރޫޕުން ވަނީ ނިންމާފަ އެވެ. އަދި މިކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިންވެސް ވަނީ ކުއްވެރިކޮށްފަ އެވެ.
ގޮޓަބަޔާ ފިލައިގެން ރާއްޖެ އައުމުން އެގައުމުގެ ވެރިކަން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބޮޑިވަޒީރު ރަނިލް ވިކްރަމަސިންހަ އާއެވެ.
ލަންކާގައި މުޒާހަރާގެ ބައިވެރިން ވަނީ މިއަދު ރަނިލްގެ އިސްތިއުފާއަށް ގޮވައި ރަނިލްގެ އޮފީސްތެރެއަށް ވަދެގަނެފަ އެވެ. އަދި ވަނީ ލަންކާގެ ގައުމީ ޓީވީ ޗެނަލް ވެސް މުޒާހަރާގެ ބައިވެރިންގެ ބެލުމުގެދަށަށް ގެނެސް ބަންދުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ރައީސް ގޮޓަބަޔާ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށެވެ.
ލަންކާގެ ދާހިލީ މައްސަލަ ހޫނުވެ އެގައުމުގައި އަޑުއުފުލައި މުޒާހަރާ ކުރަމުން ދަނީ އެގައުމުގެ އިގްތިސާދީ ހާލަތު އެއްކޮށް ގޯސްވެ މު ގައުމު ބަނގުރޫޓު ވުމާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބައެއް ތަކެތިވެސް ލިބުމަށް ދަތިވުމާއި ހިސާބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.