ads
ހއ.ދިއްދޫ..
އެއްގަލަކަށް ނޭރިގެން ހުއްޓުނު ދިއްދޫ ކައުންސިލު މަސައްކަތައް 4 މަހަށްފަހު ފަށައިފި
ހއ. ދިއްދޫ ކައުންސިލުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ހަތަރު ވަރަކަށް މަސް ފަހުން އަލުން މަސައްކަތްތައް ފަށައިފި އެވެ.

ދިއްދޫ ކައުންސިލްގެ މެޖޯރިޓީ އޮންނާނީ އެމްޑީޕީ އަށެވެ. ކައުންސިލްގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވަނީ ޕީޕީއެމްއަށެވެ. އަދި ނައިބު ރައީސް ނިސްބަތްވެވަޑައި ގަންނަވަނީ އެމްޑީޕީ އަށެވެ. އެންމެ މެމްބަރެއް ފިޔަވައި ދެން އެ ކައުންސިލުގައި ތިއްބަވަނީ ހުސް އެމްޑީޕީ މެމްބަރުން ނެވެ. 

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ ވަހީދު މިއަދު ވިދާޅުވީ، ކައުންސިލްގެ މަސައްކަތްތައް ނުފަށައި ލަސްވެފައި އޮތީ ކައުންސިލުން ނިންމަން ޖެހޭ ކަންކަމުގައި ކައުންސިލުގެ ރައީސް ބައިވެރިވެވަޑައިގަންނަވަން ޖެހޭ ކަމާ މެދު ހިޔާލުތަފާތުވުން އުފެދިގެން ކަމަށެވެ.

ދިއްދޫ ކައުންސިލްގެ ރައީސަށް ވޯޓުގައި ބައިވެރިނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސް ގަވައިދު ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ އިސްލާހު ހުށަހެޅުއްވީ، ނައިބު ރައީސް އަބްދުﷲ ވަހީދު އެވެ. އެ އިސްލާހު ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ހަ މެމްބަރުންގެ އަގުލަބިއްޔަތު ލިބިގެން ނެވެ.

އެމައްސަލާގައި ކައުންސިލުގެ ރައީސް އާއި މެމްބަރުންގެ ދެމެދުގައި އެއްބަސްވުމަކަށް ނައިސްގެން މިދިޔަ މާޗް މަހުން ފެށިގެން ވަނީ ކައުންސިލުން ނިންމަންޖެހޭ ނިންމުންތައް ފާސް ކުރުމަށް ބާއްވަންޖެހޭ ޖަލްސާތައް ނުބާއްވައި ކެންސަލްކޮށްފަ އެވެ. 

ހަތަރު ފަހަރެއްގެ މަތިން އެލްޖީއޭ އިން ވަނީ ކައުންސިލުގެ އިސްލާހު ބަދަލުކުރަން މީގެ ކުރިންވެސް އަންގާފަ އެވެ. ނަމަވެސް އެއީ ޑިމޮކްރެސީއާ ހިލާފުވުން ކަމަށް ބުނެ އެލްޖީއޭގެ އެ އެންގުމަށް ކައުންސިލުން އަމަލުކޮށްފަ އެެއްނުވެ އެވެ. 

ނަމަވެސް ވަހީދު ވިދާޅުވީ، ހަތަރު މަސް ފަހުން ކައުންސިލްގެ މަސައްކަތްތައް އަލުން ފަށައިގެން މިހާރު ކުރިއަށްދަނީ ކައުންސިލްގެ ރައީސްގެ ވެސް އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުންވެސް އަދި އެނޫން ގޮތަކުންވެސް އެއްވެސް ވަރެއްގެ ހިޔާލު ތަފާތުވުމެއްނެތި ކައުންސިލްގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ އެކުވެރިކޮށް ކަމަށެވެ. 

ކައުންސިލުން ނިންމަންޖެހޭ ބައެއް ކަންކަން މީގެ ކުރިން ނުނިމިގެން ދިއްދޫގައި މަގުހެދުމުގެ މަސައްކަތް ލަސްވެފައިވާތީ އެކަން ފާހަގަ ކުރައްވައި ވަހީދު ވިދާޅުވީ، މި ކަންކަމަށް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހުރިހައި އެހީތެރިކަމެއް ވީ އެންމެ އަވަހަކަށް މިވަގުތު ފޯރުކޮށްދެވިދާނެ ކަމުގެ ޔަގީންކަން މަސައްކަތްކުރާ ފަރާތައް އަރުވާ ކަމަށެވެ. 

"އާރުޑީސީ މަސައްކަތުގެ ސައިޓު ދިނީ މިދިޔަ މަހުގެ ކުރީ މަހު ސައިޓު ހަވާލުކޮށްފައިވާނީ. ދެންވެސް ކައުންސިލުން ނިންމަންޖެހޭ ކަމެއް ވިއްޔާ ވަގުތުން ނިންމައިދޭނަން ތަރައްގީއަށް ކުރެވޭ ކޮންމެ ކަމަކު ކައުންސިލް އޮންނާތީ ރައްޔިތުންނާވެސް އެއްކޮޅަށް." ވަހީދު ވިދާޅުވި އެވެ.

ދިއްދޫގައި މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. ނަމަވެސް މަސައްކަތް ނުފެށި ލަސްވެފައިވަނީ ކައުންސިލްގެ ނިންމުން ނިންމައި އާރުޑީސީ އަށް މަސައްކަތުގެ ސައިޓު ނުދީ ލަސްވުމުން ނެވެ. ދިއްދޫގައި މަގުހެދުމުގެ ޕްރޮޖެކްޓުގެ ސާވޭގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް