
"މުޖުތަމައުގެ އަމާން އަމާންކަމަށް" ހާއްސަކޮށްފައިވާ މިއަދުގެ ހުތުބާގައި ބުނީ، އީމާންކަމަށްފަހު، އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއިއެކު މުޖުތަމައުގައި އަމާން އަމާންކަން ގާއިމުވެފަ އޮތުން ކަމަށެވެ.
އަމާން އަމާންކަމާއި ނުލާ ކުރިއެރުމެއް ނުލިބޭނެކަމަށާއި، އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާ ކަމަށް ހުތުބާގައި ބުންޏެވެ. އަމާން ވެއްޓެއްގައި ނަފުސުގެ ރައްކާތެރިކަން އޮންނާނެ ކަމަށާއި، އަނބިދަރިންނާއި، މުދަލުގެ މައްޗަށް ކަންބޮޑުވާން ނުޖެހޭނެކަން ފާހަގަކޮށްފަ ވެއެވެ. އަދި އަބުރާއި، އިއްޒަތާ މެދު ބިރުގަންނަން ނުޖެހުމާއި، ހައްގުތަކުން މަހްރޫމުވެދާނެތީ، ފިރުކުރާކަށް ނުޖެހޭނެކަން ވެސް ފާހަގަކޮށްފަ ވެއެވެ.
މިއާ ހިލާފަށް އަމާންވެއްޓެއްގައި އަފުރާދުން ގާބިލުކަން ހުރި ދާއިރާތަކުގައި ތަރައްގީ ވާނެ ކަމަށާއި، މޮޅެއް ދެރައެެއްނެތި ކުރިއަރާ ދާނެ ކަން ހުތުބާގައި ފާހަގަކުރި އެވެ. މަސްވެރިކަމާއި ދަނޑުވެރިކާމާއި، ފަތުރުވެރިކަމުގެ އިތުރުން އެކި ސިނާއަތްތަކުން ފަންނާއި ހުނަރުގެ ދާއިރާތައް ފުޅާވެގެން ދާނެ ކަން ފާހަގަކުރެއްވި އެވެ. ބޮޑެތި ވިޔަފާރީތަކާއި ކާރުހާނާތައް އުފެދި ވަޒީފާތައްވެސް އުފެދިގެން ދާނެކަން ފާހަގަކުރެއްވި އެވެ.
ދިވެހިންނަކީ މުސްލިމުންނަށް ވީތީ އެކަމަށް މާތްﷲ ޝުކުރުވެރިވާންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ، އިސްލާމުދީނަކީ މުޖަތަމައުގެ ހުރިހާ އަފްރާދުންނަށް އަމާންކަން ހޯދާދިނުމަށް ނުހަނު ބޮޑު އިސްކަމެއް ދީފައިވާ ދީނެއް ކަމަށެވެ.
އެގޮތުން މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށްފަހު އެރަށުގައި ރަސޫލާ އުފެއްދެވި ދައުލަތުގެ ބިންގާއެޅުއްވީ އަމާންކަމުގެ މަތީގައި ކަމަށާއި، އުފާވެރި އަމާން ވެއްޓެއް އުފެއްދެވުމަށް މުހާޖިރުންނާއި، އަންސާރުންގެ މެދުގައި އަހުކުރެއްވިކަން ހުތުބާގައި ފާހަގަކުރި އެވެ. އޭގެ ސަބަބުން އެދެބައިމީހުންގެ މެދުގައި އެކުވެރިކަމާއި ލޯތްބާއި ކުލުނު އުފެދުނުކަންވެސް ފާހަގަކުރި އެވެ.
ހުތުބާގައި ފާހަގަކޮށްފާ ވާގޮތުން، އާމާން ކަމަކީ ކޮންމެ މީހެއްގެ ވެސް ހައްގެކެވެ. މީސްތަކުންނަށް އަމާންކަން ހޯދަވާދެއްވުމަށް މި އުންމަތުގެ ރަސޫލާ ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގަތެވެ. އެކަމަށްޓަކައި ހަނގުރާމަ ކުރެއްވި އެވެ. މައްކާ އާއި މަދީނާ އަކީ އަމާން ދެރަށްކަމުގައި ހެެއްދެވި އެވެ.
އަދި ދުނިޔޭގައި އަމާންކަން ގާއިމުކުރުމަށްޓަކައި ހުތުބަތުލް ވަދާއުގައި އިންސާނީ ހައްގުތަކަކީ ކޮބައިކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވިކަން ފާހަގަކޮށް ހުތުބާގައި ބުނީ މިއަދު ވަނީ އެ ހުތުބާއިން އިބްރަތާއި ދަރުސްތައް ހާސިލުކުރަން ޖެހިފަ ކަމަށެވެ.
ދިރިހުރުމުގެ ހައްގާއި، މިނިވަންކަމުގެ ހައްގަކީ އިންސާނަކަށް ލިބިގެންވާ އެންމެ އަސާސީ ދެ ހައްގުކަމަށްވާއިރު، އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަނީ ކިތައް މުސްލިމުންތޯ ހުތުބާގައި ވަނީ ސުވާލު އުފައްދާފަ އެވެ.
ހުތުބާގައި ބުނީ އެއީ ރަހުމެއް ހުރި ކޮންމެ މީހަކު ކަރުނަ އަޅާ ރޯންޖެހޭވަރު ކަންކަން ކަމަށާއި، އަމިއްލަ ބިމުގައި އަމާންކަމާއިއެކު ދިރިއުޅުމުގެ ހައްގުނުލިބޭ އެތައް ބަޔަކު އެބައުޅޭކަން ހުތުބާގައި ފާހަގަކުރި އެވެ.