ads
ވަލެއްގެ މެދުތެރޭ އަޅާފަވާ ޓާފުދަނޑެއް، ޓާފުތަކެއް ބޭނުންނުކޮށް ހަލާކުވާން ދޫކޮށްލެވިފަ
ދަނޑު އެޅުމާއި، ފުޓުބޯޅައިގެ ނާޖާއިޒް ފައިދާ ނެގުން‌؟‌
ރާއްޖެއަށް ފުޓުބޯޅަ ތައާރަފްކުރީ ސަރުކާރުން ނެވެ. ފުރަތަމަ ފުޓުބޯޅަ މުބާރާތް ބޭއްވީ 1946 ގައި ސަރުކާރުގެ އޮފީސްތަކުގެ މެދުގައިކަމަށްވެ އެވެ. އަދި އެއަށްފަހު މާލޭގެ ކޮންމެ އަވަށަކަށް ދަނޑެއް ކަނޑާ، ހެންވޭރު ދަނޑަކީ "ރަސްމީ ދަންޑު" ކަމުގައި ހަމަޖެއްސި އެވެ. ހެންވޭރު މީހުން ކުޅެން ކެނޑި ވައިލެޓް ފެހި ދަނޑުގައި މިހާރު އެހުރީ އޭ.ޑީ.ކޭ ހޮސްފިޓަލް އެވެ. މައްޗަންގޮޅި ދަނޑުގައި މިއަދު އެހުރީ ޖަމާލުއްދީން ސްކޫލެވެ. މާފަންނު ބިސްބުރު ގެ އިރު އުތުރަށް އޮތް ދަނޑުން މިހާރު އެވަނީ ގޯތި ދީފަ އެވެ.

ގަލޮޅު ދަނޑު ރަސްމީ ދަނޑު ގޮތުގައި ހަމަޖެއްސީ 1974 ގައެވެ. ހެންވޭރާއި، މައްޗަންގޮޅި، އަދި މާފަންނު ދަނޑު ގެއްލުނުނަމަވެސް، އަށްޑިހައިގެ އަހަރުތަކުގައި މާލޭގައި ހިއްކި ބިމުން އަނެއްކާވެސް ދަނޑަށް ޖާގަލިބުނެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޯޅަދަނޑު "ސްޓޭޑިއަމް" އަށް ބަދަލުވެއްޖެ އެވެ. މިބަދަލާއިއެކު ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ސްޓޭޑިއަމް އަޅައިފި އެވެ. ފަނަރަވަރަކަށް އަހަރުފަހުން "ޓާފްދަނޑު" ވިޔަފާރިއަކަށް ވެއްޖެ އެވެ. ސިޔާސީ ހަތިޔާރަކަށްވެސް ވެއްޖެ އެވެ. ކުއްލިއަކަށް ސްޕޯޓްސް މިނިސްޓަރ ބަދަލުވީ ދަނޑު އެޅުމުގެ ވިޔަފާރިވެރިއަކަށެވެ. ދަނޑުއެޅުމުގެ ވިޔަފާރި ފުޅާވެ ރަށްރަށުގެ ވަލުތެރެ ހާވާލައިފައިވެސް ދަންޑު އަޅާ ކަމަށް ވެއެވެ.  

ކ. ގުރައިދޫގައި ސަރުކާރުން އެޅި ޓާފްދަނޑު ހުޅުުވުމުގެ ރަސްމިއްޔާތުގައި، މިއަހަރުގެ ޖޫންމަހުގެ 20 ވަނަ ދުވަހު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ، މިފަދަ 85 ދަނޑު އެޅޭތީ "ހިތްހަމަ ޖެހޭ" ކަމަށެވެ!

ފުޓުބޯޅައިގެ އުމްރާނީ ތަރައްގީގައި މިނިސްޓަރާއިއެކު އެފް.އޭ.އެމް ގެ ވެރިންވެސް އަވަދިނެތި އުޅުއްވަ އެވެ. އެފް.އޭ.އެމް ގެ މިވަގުތުގެ މަސައްކަތަކީ މާލެއިން ގެއްލުނު ދަނޑުތައް އަނބުރާ ލިބުނު ހިއްކި ބިމުގައި ފިހާރައާއި ގުދަނާއި، ގަރާޖް އަދި އޮފީސް އިމާރާތް އެޅުމެވެ. 

އަދި ފީފާއިން އަޅައިދިން އެފްއޭއެމް ހައުސް ތަޅާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ އުސްމިނަށް އެތަން ނެގުމެވެ. އެފްއޭއެމް ގެ ރައީސް ބައްސާމް އަދީލް މި އިމާރާތްތައް ސިފަކޮށްދެއްވަނީ ފުޓުބޯޅައިގެ މުސްތަގްބަލްގޮތުގައެވެ. 

your imageއެފްއޭމް 20 ބުރިއަށް ނެގުމުގެ މަޝްރޫއުއަށް ސްކައިވިންޑް ގްލޯބަލް ކުންފުންޏާއެކު އެފްއޭއެމްއިން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ؛ އެފްއޭއެމް

your imageހިއްކި ބިމުގައި ފިހާރައާއި ގުދަނާއި، ގަރާޖް އަދި އޮފީސް އިމާރާތް، އެޅާ އެކުވެނި ދަނޑުގެ ކޮންސްޓްރަކްޝަން ސައިޓު----ފޮޓޯ: ހާމިދު ޢަބްދުލް ޢަފޫރު/ސީއެންއެމް 

ކުޅިވަރުގެ މަގްސަދު ގެއްލުން     

ކުޅިވަރު ތައާރަފްކުރީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ގޮތުންވެސް ދިވެހީން ދުޅަހެ ބަޔަކަށް ހެދުމަށެވެ. އަދި  ބައިނަލްއަގުވާމީ މައިދާނުގައިވެސް ވާދަވެރި "ގަދަ" ބަޔަކަށް ހެދުމަށެވެ. ތާރީހް ދިރާސާކުރައްވާ މުހަންމަދު ޝާތިރު، 2021 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު "ރާއްޖެ" އޮންލައިން ނޫހުގައި ލިޔުއްވާފައިވަނީ، މިދިޔަ އަހަރަކީ ރާއްޖެއަށް ފުޓުބޯޅަ ތައާރަފް ކުރެވުނުތާ 75 އަހަރު ފުރުނުއަހަރު ކަމަށެވެ. އަދި ކުޅިވަރު (ފުޓުބޯޅަ) ތައާރަފްކުރަން މެދުވެރިވި ހާލަތާއި، މަގްސަދަށްވެސް އަލިއަޅުވާލެއްވި އެވެ.

"1945 ގައި ބޮޑުހަނގުރާމަ ނިމި، ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުން، ދިވެހިރާއްޖެ ސަލާމަތްވެ ފެށުނު ރަށްވެހިކަމާއި ތަހުޒީބާއި އިޖުތިމާއީ ގައުމީ އަދި ބައިނަލްއަގުވާމީ ހަރަކާތްތަކުގެ ތެރެއިން (ކުރިކެޓު ފިޔަވައި) ބައިނަލްއަގުވާމީ ކުޅިވަރުތައް ރާއްޖެއަށް ތައާރަފުވުމުގެ ތެރެއިންނެވެ."  

މަގްސަދު ތަފްސީލްކޮށްދެއްވަމުން ލިޔުއްވާފައިވަނީ؛ 

"މިޒަމާނުގައި ބައިނަލްއަގުވާމީ ގޮތުން، ސީދާ ގައުމުތައް ބައްދަލުވެ ވާދަކުރާ މައިދާނަކީ ނުވަތަ ދަނޑަކީ ކުޅިވަރުގެ ދަނޑެވެ. ވީމާ ގައުމީ ގޮތުން، ބައިނަލްއަގުވާމީ ގޮތުން ކުޅިވަރަށް ދެވިފައިވާ މަގާމު ވަރަށްވެސް މައްޗެވެ. އަދި ހަށިގަނޑަށް ބޭނުންވާ ކަސްރަތުގެ ހަރަކާތްތަކަކަށްވުމުގެ އިތުރުން، ކުޅިވަރުގެ ސަބަބުން ޒުވާނުންގެ ޖޯޝް ވަރުގަދަވުމާއި، އެކުވެރިވުމުގެ މަތިވެރި ސިފަވެސް އިތުރުވެ އެވެ."

75 އަހަރުގެ ތަޖްރިބާއިން ދެނެގަނެވުނީ ފުޓުބޯޅައިގެ ދަނޑުފޯރިއަކީ ދިވެހި ގައުމީ ރޫހް ރަމްޒުކޮށްދޭ ހަރަކާތަކަށް ވެއްޖެ ކަމެވެ. އެންމެ ފަހުން މި ރޫހް ތަޖްރިބާކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު މާލޭގައި ހޯސްޓްކުރި ދެކުނުއޭޝިއާގެ ފުޓުބޯޅަ މުބާރާތުގައި، އިންޑިއާ އާއި ދިވެހިރާއްޖެ ކުޅުނު މެޗުން ނެވެ. ދިރި ތިއްބެވި ހުރިހާ ރައީސުން މިމެޗްބައްލަވާލައްވަން ދަނޑަށް ވަޑައިގެންނެވި އެވެ. 

ގައުމީ ޓީމް "މޮޅަށް ކުޅެ" ބަލިވުން

މިފަހަކަށްއައިސް ގައުމީ ފުޓުބޯޅަ ޓީމް އަބަދުވެސް "މޮޅަށް ކުޅެ" ބަލިވަނީއެވެ! މޮޅު ގައުމީ ޓީމެއް އުފެއްދެނީ، ވާދަވެރި ޑޮމެސްޓިކް ލީގެއް ގާއިމް ކުރެވިގެނެވެ. ދަނޑު ފުރާލެވިގެނެވެ. އެހެން ނަމަވެސް މިއަދު ދަނޑަށް މީހަކު ނުވަންނަތާ ފަނައަހަރު ވެއްޖެ އެވެ! ކުޅިވަރު ތައާރަފްކުރުމުގެ އަސްލު މަގްްސަދުވެސް މިވަނީ ގެއްލިފަ އެވެ. ސަރުކާރުން ކުޅިވަރު ސިޔާސަތު ތަމްފީޒުކުރަމުން ގެންދަނީ ދިމާ އިދިކޮޅަށެވެ. 

ވާދަވެރި ޑޮމެސްޓިކް ލީގެއް، ހޯމް އެންޑް އަވޭ އުސޫލަށް، މުޅި ރާއްޖެއަށް ހުޅުވާލުމުގެ ބަދަލުގައި މަޖިލިސްގެ ބައެއް މެމްބަރުންނާއި، ވަޒީރުންގެ ފޯކަސް ހުރީ ދަންޑު އެޅުމުގެ ވިޔަފާރިއަށެވެެ. އެވަގުތެއްގައި ތިއްބެވި އެފް.އޭ.އެމް ގެ ވެރީންނާއި ގުޅިގެން ދަނޑު އެޅުމުގެ ވިޔަފާރި ފުޅާ ކުރުމަށެވެ. ފުޓުބޯޅަ މެދުވެރިކޮށް ކުޅުންތެރިންނާއި ކްލަބްތައް ބާރުވެރިކޮށް، އިޖްތިމާއީ ތަރައްގީ ހޯދުމުގެ ބަދަލުގައި، އިގްތިސާދީ ފައިދާއާއި، ސިޔާސީ ބޭނުންތަކަށް ދަނޑު އެޅުމަށް އިސްކަންދީގެނެވެ. މިއަދު ކުޅިވަރު މިނިސްޓަރަކީ އެތައް ސަތޭކަ މިލިއަން ރުފިޔާގެ ދަނޑު އެޅުމުގެ ޕްރޮޖެކްޓް ހިންގާ ބޭފުޅެކެވެ. ފުޓުބޯޅައިގެ ނާޖާއިޒް ފައިދާ ނެގުމުގެ މަގްސަދުގައެވެ!

ފުޓުބޯޅަ އިގެ ނާޖާއިޒް ފައިދާނެގުން  

ރާއްޖޭގައި ފުޓުބޯޅަ "ކޮންޓްރޯލް" ކުރަނީ ސަރުކާރުން ނެވެ. ފީފާ އަކުން ނޫނެވެ. ކޮންޓްރޯލް ކުރުމޭ މިދަންނަވަނީ، ފުޓުބޯޅަ ކުޅުމަށް ހުރަސްއެޅުމެއްނޫނެވެ. ކޮންޓްރޯލް ކުރުމޭ މިދަންނަވަނީ، ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާ އެތައް ވަސީލަތެއް ހުރީ ހަމައެކަނި ސަރުކާރުގެ އަތްމަތީގައި ކަމަށް ވާތީ އެވެ. ބިންކުޑަ ގައުމެއްގައި ބަންޑާރަ ބިންތަކުގައި ދަނޑުއެޅެނީ ސަރުކާރުން އެކަމަށް ތާއީދުކޮށް، ހުއްދަދިނީމަ އެވެ. ދަންޑުއަޅާ ބަލަހައްޓާދެނީވެސް ސަރުކާރުން ނެވެ. ދަނޑު ފުރާލީމާ ސެކިޔުރިޓީ ބަލަހައްޓައިދެނީވެސް ސަރުކާރު ހަރަދުގައި ފުލުހުން ނެވެ. ކްލަބްތަކާ އެސޯސިއޭޝަންތަކަށް ގާނޫނީ ހައިސިއްޔަތު ދީ، ރަޖިސްޓްރީކޮށް، ރާއްޖޭގައި ހިންގުމުގެ ހުއްދަދެނީވެސް ސަރުކާރުންނެވެ. ކުޅިވަރު ކޮންޓްރޯލް ކުރަނީ ސަރުކާރުން ކަމުގައި ދަންނަވަނީ މިހެން ވީމަ އެވެ. މިޒަމާނަކީ ސަރުކާރުތަކުން ކުޅިވަރަށް ބޮޑު ހޭދައެއް ކުރާ ޒަމާނެކެވެ. 

ކަން މިހެން އޮތްއިރު، ގާނޫނޫނުގެ އިންތަކުން ބޭރުން ފުޓުބޯޅައިގެ ނާޖާއިޒް ފައިދާ ނަގަން "ގާތްބަޔަކަށް" ދޫކޮށްލުމަކީ ކުޅިވަރުގެ މަސްލަހަތު ފުށުއަރާ ކަމެކެވެ. މިސާލަކަށް، ކްލަބް މެނެޖްމަންޓް އާއި ކޯޗުންނާއި، ކުޅުންތެރީންނާއި، ރެފްރީންނާއި މެޗްޑައިރެކްޓަރުން ތަމްރީންކޮށް މުބާރާތްތަށް ހިންގުން ހަރުދަނާކުރުމަށްވުރެ، ސަރުކާރުން އިސްކަންދެނީ ދަނޑު އެޅުމަށެވެ. އެފް.އޭ.އެމް ގެ 2022 ވަނަ އަހަރުގެ 88.9 މިލިއަން ރުފިޔާގެ ބަޖެޓެއް އިއުލާނުކުރިއިރު ސަރުކާރުން ލިބޭ ސަބްސިޑީއަކީ އެންމެ 3.7 މިލިއަން ރުފިޔާކަމަށް އެޖަމިއްޔާއިން ބުނެއެވެ. އެހެންނަމަވެސް ދަނޑު އެޅުމަށް އެތައްސަތޭކަ މިލިއަން ރުފިޔާ އެއް ހަރަދުކުރެއެވެ. އެފް.އޭ.އެމް ގެ ބަޖެޓްގައި، ދަނޑު އެޅުމުގެ ހަރަދު ނުހިމަނަނީ، އެއީ ސީދާ ސަރުކާރުން ބަންޑާރަ ބިމުގައި ކުޅުންތެރިންނަށް އަޅައިދޭ ތަންތަންކަމަށްވާތީ އެވެ.

ކުޅުުންތެރީންނަށް ސަރުކާރުން އަޅައިދޭނެކަމަށް މިނިސްޓަރު އެވިދާޅުވާ 85 ދަނޑު އެޅުމުގެ ކޮންޓްރެކްތަކުން، ގުޅިފައިވާ ފަރާތްތަކަށް ލިބޭ އިގްތިސާދީ، އަދި ސިޔާސީ ފައިދާާއަށް ބުރަވުމަކީ ފުޓުބޯޅައިގެ މަސްލަހަތަށް ފަހިކަމެއްނޫނެވެ. ދަނޑު އެޅުމަށް  ހަރަދުކުރަންޖެހޭ އެންމެ ކުޑަމިނަކީ ދަންޑުގެ ސަބްބޭސް ކަމަށް ބެލިނަމަވެސް އެއީ ދަނޑަކަށް ދޮޅު މިލިއަން ރުފިޔާއެވެ. މިރޭޓުން އަށްޑިހަ ފަސް ދަނޑު އަޅަން 127،500،000 ރުފިޔާ އަރާނެއެވެ.  

127 މިލިއަން ރުފިޔާއަކީ ސަރުކާރުން ކުޅިވަރާއި ޒުވާނުން ބާރުވެރިކުރުވުމަށް އަހަރަކު ހޭދަކުރާ 400 އެއްހާ މިލިއަން ރުފިޔާގެ 30 އިންސައްތަ އަށްވުރެ ބޮޑު އަދަދެކެވެ. ވޯޓަށް ދަންޑު އެޅުމުގެ ރޭހުގައި ވަލުތެރެ ހާވާލާއިފައި ވެސް ދަނޑެއް އަޅާފާނެ އެވެ. އެހެންނަމަވެސް، މިއަށްވުރެ ހަރުދަނާ އުސޫލަކުން، މިއަށްވުރެ ހަރަދުކުޑަ ގޮތަކަށް ކުޅިވަރު އިންފްރާސްޓަކްޗަރ އަޅާ ބެލެހެއްޓުމަށް، ސަރުކާރުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނެއް އޮވެއެވެ. ވީމާ، ދަނޑު އެޅުން، މިކޯޕަރޭޝަނާއި ހަވާލުކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހެއް ހުށަހެޅި އެވެ. އެހެންނަމަވެސް ކޯލިޝަންގެ "މައިޕާޓީ" ގެ ޕާލިމެންޓަރީ ގްރޫޕްގެ ވަކި "މެޖޯރިޓީ" އަކުން މިއަހަރުގެ ޖޫންމަހު ރައްޔިތުންގެ މަޖިލިސް ގައި 35 މެމްބަރުން މިކަމަށް ހުރަސްއެޅި އެވެ. އެ މެޖޯރިޓީގެ ދަށުގައި އޮތް އިޖްތިމާއީ ކޮމިޓީން ދަނޑުއެޅުން ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރުމުގެ ނުކުތާއަށް ރިއާއަތް ކުރިކަން ކޮމިޓީ ރިޕޯޓުން ފެންނާން ވެސް ނެތެވެ! ފެންނަނީ، ކްލަބްތަކާއި، ކުޅުންތެރިން ބާރުވެރިކުރުވުމަށް ހޭދަކުރާ ހަރަދަށްވުރެ އެތައްގުނަ ބޮޑު އަދަދެއް ދަންޑު އެޅުމަށް އެއްފަރާތްކޮށްފައިވާތަނެވެ. އަދި މިބަޖެޓުން ނާޖާއިޒް ފައިދާ ނަގަން ދޫކޮށްލާފައި އޮތްތަނެވެ.

your imageއެފްއޭއެމްގެ އެކުވެނި ދަނޑުގެ ކޮންސްޓްރަކްޝަން ސައިޓު----ފޮޓޯ: ހާމިދު ޢަބްދުލް ޢަފޫރު/ސީއެންއެމް

ޕެޓްރަނޭޖް ނިޒާމެއްގައި ކަން ހިނގާގޮތް

ކުޅިވަރުގެ ނާޖާއިޒް ފައިދާ ނެގުމަށް މެދުވެރިވާ ގޮތް ދެނެގަތުމަކީ ކުޅިވަރު އެޑްމިނިސްޓްރޭޓަރުންނަށް ބޭނުންތެރިކަމަކަށް ވާނެއެވެ. މިޒަމާނަކީ ޕެޓްރަނޭޖް (ގާތް ތިމާގެ މީހުނަށް ބުރަވާ) ނިޒާމަކުން މެރިޓް ބޭސްޑް (ގާބިލްކަމަށް ބުރަވާ) ނިޒާމަކަށް ރާއްޖޭގެ ވެރިކަން ފުރޮޅެމުންދާ ޒަމާނެކެވެ. ކުރީގެ ޕެޓްރަނޭޖް ނިޒާމުން މިންޖުވާން އެދޭ އައު ޖީލެއްގެ އުއްމީދުތައް ހަގީގަތަކަށް ހަދަން ބޭނުންވެފައިވާ ދުވަސްވަރެވެ. އެހެން ނަމަވެސް އަދިވެސް ކަން ހިނގާ ގޮތަކީ، ސަރުކާރާއި އެކު ޕާޓީ ބަދަލުވާ ކޮންމެ ފަހަރަކު، އެޕާޓީގެ ސަޕޯޓަރުން، ގިނަ މަގާމްތަކަށް އައްޔަންކުރުމެވެ. ވީމާ، އަލަށް މަގާމަށް އަންނަ "ޕާޓީ ޕޭޓްރަން" ނުވަތަ "އެކްޓިވިސްޓް" ގެދައުރުގައި، ގައުމަށްވުރެ، އެވެރިންގެ ޖީބަށް ބުރަވާގޮތަށް ކަންކަން ކުރުމަށް ދޫކޮށްލަ އެވެ. މި ނިޒާމަށް "ޕެޓްރަނޭޖް ސިސްޓަމް"، ނުވަތަ "ސްޕޮއިލްސް ސިސްޓަމް" އޭ ވެސް ކިޔާއުޅެއެވެ. ޕާޓީ އެކްޓިވިސްޓުންނަށް ގިނަ ސިޔާސީ މަގާމްތައް ދެއެވެ. އެއީ ވެރިކަން ކާމިޔާބު ކޮށްދިނުމުން ދެވޭ ހަދިޔާއެއްގެ ގޮތުގަދެކިގެންނެވެ. ކޮންމެހެން އެކަމަކަށް ގާބިލްވެގެނެއް ނޫނެވެ. ގާތް ތިމާގެ މީހުނަށާއި ޕާޓީ އެކްޓިވިސްޓުންނަށް ސިޔާސީވަޒީފާ ދިނުން ކޮންމެ ދައުރެއްގައިވެސް ދަނީ ތަކުރާރުވަމުންނެވެ. ވީމާ ސަރުކާރަށް ދެންއަންނަ ޕާޓީއަކުންވެސް އަމަލުކުރަނީ މިގޮތަށެވެ. ނަތީޖާއަކަށް ވަނީ، މުޅި ދައުލަތް ކަރަޕްޝަނާ ދިމާލަށް ހޭރިޔާ ކުރުމެވެ. މިސަބަބުތަކަށްޓަކާ، ޕެޓްރަނޭޖް ސިސްޓަމް ދޫކޮށް، މެރިޓް ބޭސްޑް ސިސްޓަމަކަށް ރައްޔިތުން އެދެއެވެ. 

ކުޅިވަރު ޖަމިއްޔާތަކަށްވެސް ޕެޓްރަނޭޖް ނިޒާމްގެ ނޭދެވޭ އަސަރު ފޯރައެވެ. މިވަގުތު ދިމާވެގެން މިއުޅޭ ކަމަކީ، ގާނޫނުން އުފައްދާފައި އޮތް ސްޕޯޓްސް ކޯޕަރޭޝަންއާ ދަނޑު އެޅުން ހަވާލުކުރުމުގެ ބަދަލުގައި، ސީދާ މިނިސްޓަރު، އެކަން ކުރައްވަން ހިއްޕުޅާ ހަމަކުރެއްވުމެވެ. އެއީ ވަޒީރަށް ފެނިވަޑައިގަންނަވާ ބަޔަކާ ދަނޑު އެޅުން ހަވާލުކުރުމެވެ. އަދި ހަމަ މިފަދައިން، ވަޒީރަށް ފެނިވަޑައިގަންނަވާ ބަޔަކު އެސޯސިއޭޝަންތަކުގައިވެސް ބޭތިއްބުމެވެ. ދެފުއް ފެންނަ އިންތިހާބެއް ކޮންމެހެން ބޭނުމެއް ނުވެ އެވެ. މައްސަލަ ދިމާވާ ހިސާބަކީ މެމްބަރުކްލަބްތަކުގެ ފައިދާއަށްވުރެ ޕޭޓްރަންގެ ފައިދާއަށް ހުރިހާކަމެއްވެސް ދީލާލުމުން ނެވެ. ވައްކަން ކުރަން ފެށުމުން ނެވެ. 

ޕެޓްރަނޭޖް ނިޒާމުން އުފެދޭ ކަރަޕްޝަނުން މިންޖުވުމަށް ދުރުވިސްނާ ސިޔާސީ ވެރިން މަސައްކަތްވެސް ކުރެ އެވެ. މިގޮތުން، އެފަދަ ވެރިން ކުރާ އެއްކަމަކީ، ގާނޫނު މެދުވެރިކޮށް، މެރިޓް ބޭސްޑް އުސޫލުން ވަޒީފާތަކަށް އެންމެ ރަނގަޅު މުވައްޒޮފް ހޯދަން ލާޒިމްކުރުމެވެ. އަދި ކޮރަޕްޝަން އިންވެސްޓިގޭޓްކޮށް، ޖަވާބުދާރީކުރުވުމަށް، މުއައްސަސާތަކާއި ކޮމިޝަންތައް ގާއިމްކުރަނީއެވެ. އެއިރުން، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، އައްޔަންކުރަންޖެހޭ ސިޔާސީވެރިން މަދުކުރަމުން ބާރަކަށްވާނެކަމުގެ އުއްމީދުގައެވެ. ރާއްޖެ ތަހްޒީބު ގައުމަކަށްވެވެން އަންނަނީ، ޕެޓްރަނޭޖް ނިޒާމަކުން (ހުދުމުހުތާރު ވެރިކަމަކުން)، މެރިޓް ބޭސްޑް ނިޒާމަކަށް (ޑިމޮކްރެޓިކް ވެރިކަމަކަށް) ބަދަލުވެވޭ މިންވަރުންނެވެ. 

ކުރިއަރާފައިވާ މުއްސަނދި ޑިމޮކްރަސީތަކުގައި، އެގައުމުތަކުގެ ކުޅިވަރު އެސޯސިއޭޝަންތައް ހިންގަނީ ދެފުއް ފެންނަ އިންތިހާބުތަކުން ހޮވޭ ވެރިން ނެވެ. އަދި އިންތިހާބުކުރެވޭ ވެރިން، އެސޯސިއޭޝަން ހިންގަން، މެރިޓް ބޭސްޑް އުސޫލުން "ޕްރޮފެޝަނަލް" މުވައްޒޮފުންހޯދައެވެ. އެފަދަ ގައުމުތަކުގައި، ދަނޑު އެޅުންވެސް އޮންނަނީ ވަޒީރުގެ ގާތްބަޔަކު ކުރާކަމެއްގޮތުގައެއް ނޫނެވެ. ދަނޑު އަޅަނީ އެކަމަށް އެންމެ ގާބިލް ފަރާތްތަކުން ނެވެެ. ވީމާ މިފަދަ ގައުމުތަކުގެ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާވެފައި ކާމިޔާބެވެ. ގައުމީޓީމުގެ ކާމިޔާބުތައްވެސް ގިނަ އެވެ. 

ކޮންމެއަކަސް، ކުޅިވަރު ދާއިރާގެ ކަންކަން ރާއްޖޭގައި އަދި އޮތީ ވަރަށް ނިކަމެތިކޮށެވެ. ކުޅިވަރު ބަޖެޓް އެތައް ގުނައެއް ބޮޑުވެއްޖެ އެވެ. އެހެންނަމަވެސް  މިއަދުވެސް ޑޮމެސްޓިކް ލީގެއް ގާއިމްކުރުމުގެ ފިކުރެއް، ވިސްނުމެއްވެސް ނެތެވެ. ދަނޑު އަޅާ ޕްރޮޖެކްޓްތަކުން ވަގުތުން ޖީބަށް ވަންނަ ފައިސާ މާގިނަ އެވެ. 

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް