ލަންކާގެ ރައްޔިތުން ނުކުމެ ނުރުހުން ފާޅުކޮށް އަޑު އުފުލައި މުޒާހަރާތައްކޮށް ދައުލަތުގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭން ފެށުމުން އިއްޔެ ވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާދީފާ ދެއްވާފަ އެވެ. އަދި ބޮޑިވަޒީރު ރަނިލް ވަނީ ވަގުތީ ރައީސް ކަމަށް އައްޔަން ކުރައްވާފަ އެވެ.
ލަންކާގެ މަސްރަހު ހޫނުވެ ރައްޔިތުން އަޑު އުފުލަމުން ދިޔައީސް ވެސް ރައީސް ގޮޓަބަޔާ އާއި ރަނިލް އިސްތިއުފާ ދެއްވުމަށެވެ.
ލަންކާގެ ވަގުތީ ރައީސް އިންތިޚާބު ކުރާނީ ގާނޫނު ހަދާ މަޖިލީހުން ކަމަށްވާއިރު މަޖިލީހުގެ މެޖޯރިޓީވެސް މީގެ ކުރިން އޮތީ ރައީސް ގޮޓަބަޔާގެ ޕާޓީއަށެވެ. ނަމަވެސް ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ އެ ގައުމުގައި މިވަގުތު އަގުލަބިއްޔަތު އޮތީ ގޮޓަބަޔާ އަށް ނޫން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ރައީސް ގޮޓަބަޔާ އާއި މަހިންދަ ރާޖަ ޕަކްސާ އިސްކޮށް ހުންނަވައި އުފައްދާފައިވާ ޕާޓީ އެސްއެލްޕީޕީ އިން ސްރީލަންކާގެ ރައީސް ކަމަށް ނެރޭނެ ކެންޑިޑޭޓަކީ ރަނިލް ކަމަށް އިއުލާނުކޮށްފައިވަނީ އެޕާޓީގެ ޖެނެރަލް ސެކެރެޓަރީ އެވެ.
ރަނިލް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ޕާޓީގެ ލީޑަރު މަހިންދްރަ ރާޖަޕަކްސަ ވެސް މިކަމާ ގުޅޭ ގޮތުން ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ.
ރައީސް ގޮޓަބަޔާ ކުރިން އިސްތިއުފާދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމުން ވެސް ލަންކާގައި ވަނީ އިތުރަށް މައްސަލަތައް ހޫނުވެފަ އެވެ. ގޮޓަބަޔާ ރާއްޖޭގައި މަޑު ކުރެއްވުމަށް ފަހު ފިއްލަވައިގެން ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި އެގައުމުގައި ހުންނަވައިގެން އިސްތިއުފާ ދެއްވާފަ އެވެ.