ads
ގިޔާސުއްދީން ސްކޫލުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ
14711 ދަރިވަރަކަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދެވިއްޖެ: ރައީސް
ސަރުކާރުން ޑިގްރީއަށް ކިޔަވައިދޭ ސްކީމުގައި 14711 ދަރިވަރަކަށް ފުރުސަތު ހޯދަައިދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް، ރައީސް ދެއްވާ ހާއްސަ ސްކޮލަޝިޕާއި، ހައި އެޗީވާސް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމަށް ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯލުގައި މިރޭ ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދާއި ހަމައަށް 14711 ދަރިވަރަކަށް ޑިގްރީއަށް ކިޔެވުމުގެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ޑިގްރީއަށް ކިޔަވައިދިނުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި، އެގޮތުން 4696 ދަރިވަރަކު ފުރަތަމަ ޑިގްރީ ހާސިލްކޮށް ދަސްވެނިވެފައިވާ ކަމަށެވެ. 

ތައުލީމަށް ދޭ ހާއްސަ އަހަމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވައި ރައީސް ވިދާޅުވީ މިސަރުކާރުން ރާއްޖޭގެ ހަތް ރަށެއްގައި އަލަށް ސާނަވީ ތައިލީމުދޭން ފަށާފައިވާ ކަމަށާއި، އިތުރު ތިން ރަށެއްގައި އަލަށް މަތީ ސާނަވީއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ހުނަރުވެރި ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ރާއްޖޭގައި އިތުރުކުރެވިފައިވާ ކަމަށެވެ. އަދި ޓިވެޓް ސެންޓަރަކާއި ޖޫނިއާ ކޮލެޖެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ދެ ރަށެއްގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ. 

ރައީސް ވަނީ މިފަދަ މަރުކަޒުތައް އެހެން ރަށްރަށުގައިވެސް ލަސްނުކޮށް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާފައިވާ ހަ ދަރިވަރަކަށް ރައީސް ވަނީ މިރޭ އެމަނިކުފާނުގެ ހާއްސަ ސްކޯލަޝިޕްވެސް ދެއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް