ads
ސާފިންގ އިވެންޓެއްގައި ރައީސް ކުރިން ބައިވެރިވެވަޑައިގެން
ބޮޑީ ބޯޑިން ޓީމާ ރައީސް ބައްދަލު ކުރައްވައިފި
އަންނަ ހަފްތާގައި މާލޭގައި ފަށާ ވިޒިޓް މޯލްޑިވްސް ޕްރޯ-2022 ގައި ވާދަކުރާ ގައުމީ ބޮޑީބޯޑިންގ ސީނިއަރ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.

މިއީ މުޅިން އަލަށް އެކުލަވާލެވުނު ގައުމީ ބޮޑީ ބޯޑިން ސީނިއަރ ޓީމެވެ. ރައީސް، މި ޓީމާއެކު ބޭއްވި ބައްދަލުވުމުގައި އައިބީސީ ބޮޑީބޯޑިންގ ވޯލްޑު ޓުއަރގައި، ރާއްޖޭގައި ބާއްވާ މުބާރާތްކަމުގައިވާ، ވިޒިޓް މޯލްޑިވްސް ޕްރޯ-2022ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިންގ ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސްއަށް ހަދިޔާކޮށްފައިވެއެވެ.

ޓީމާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި، މިމުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ހިއްވަރުދެއްވިއެވެ.

ބޮޑީ ބޯޑިންގއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްޤީކުރުމަށް ފުރުޞަތު އޮތް ކުޅިވަރެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮތް ޤައުމަކަށް ވާއިރު، ރާއްޖޭގައި މޫދުކުޅިވަރުތައް ކުރިއަރުވައި ތަރައްޤީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި 2 އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަޤުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފާއި އެމިނިސްޓްރީގެ އިސްވެރިންނާއި، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަންގެ އިސްބޭފުޅުންނާއި، ނެޝަނަލް ބޮޑީ ބޯޑިންގ ސީނިއަރ ޓީމްގެ މެމްބަރުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 ވުރެ ގިނަ އިންޓަރނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވެއެވެ. އޭނގެ ތެރޭގައި ބޮޑީބޯޑިންގ ގެ ވޯލްޑް ޗެމްޕިއަނުންވެސް ހިމެނެއެވެ. މިހާތަނަށް ދުނިޔޭގެ 13 ޤައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. މިމުބާރާތް ކުރިޔަށްދާނީ، ޖުލައި 29 އިން އޮގަސްޓް 7ށް މާލޭގައެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް