ލަންކާގެ އައު ރައީސަކަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އިންތިހާބު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ރަނިލް ލަންކާގެ ރައީސް ކަމަށް އިންތިހާބު ކުރީއްސުރެން އެގައުމުގެ ރައްޔިތުން ބުނަމުން ގެންދަނީ އިސްތިއުފާދެއްވަން ޖެހޭނެ ކަމަށެވެ. އަދި އިސްތިއުފާ ނުދެއްވަނީސް މުޒާހަރާ ކުރުން ހުއްޓައި ނުލާނެ ކަމަށެވެ.
މީގެ ކުރިން ހޫނުގަދަ މުޒާހަރާތަކެއް ކޮށް ލަންކާގެ ރައީސްގެ ގެކޮޅާއި، ދައުލަތުގެ މީޑިޔާ ހިސޯރުކޮށް މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ގިނަ ހަމަނުޖެހުންވެސް އުފައްދާފަ އެވެ.
ލަންކާގައި ކުރަމުންގެންދާ މުޒާހަރާ ތަކާއި ގުޅިގެން ބީބީސީ ނިއުސްގައި މުޒާހަރާ އިސްކޮށް ހަރަކާތްތެރިވާ ނާޒްލީ ހަމީމް އާއި ހަވާލާދީ ބީބީސީ ގައި ބުނެފައި ވަނީ ލަންކާގެ ރައީސް ކަމަށް ބޭނުންވަނީ އާ މޫނެއް ކަމަށެވެ. އަދި ރަނިލް މަގާމުން އިސްތިއުފާ ނުދެއްވާނަމަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މީގެ ކުރިން ލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދީފައިވަނީވެސް އެގައުމުގެ ރައްޔިތުން ރުޅިގަދަވެ ހޫނު މުޒާހަރާތަކެއް ކުރުމުން ގައުމު ދޫކޮށް ފިލައިގެން ރާއްޖެ އަށް އައިސް ރާއްޖެއިން ފުރައިގެން ސިންގަޕޫރަށް ގޮސް އެގައުމުގައި ހުރެގެން އީމެއިލް މެދުވެރިކޮށެވެ.
ރަނިލްގެ އިސްތިއުފާއަށް ގޮވައި އަދިވެސް މުޒާހަރާކުރާނެ ކަމަށް އެގައުމުގެ މުޒާހަރާގެ ބައިވެރިންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާއިރު މިފަހަރު ރަނިލް އިސްތިއުފާ ދެއްވާތޯ ކުރާނީ ސުލްހަވެރި މުޒާހަރާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތާއީދާއެކު ރަނިލް ރައީސް ކަމަށް އިންތިހާބުވެފައިވަނީ ވޯޓުގައި ބައިވެރިވި 225 މީހުންގެ ތެރެއިން 134 ވޯޓު ހޯދައިގެންނެވެ.
ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ ތިން ވޯޓެވެ.
މި އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު ރަނިލް ވިކްރަމްސިންހަ އަކީ ލަންކާގެ އަށް ވަނަ ރައީސް ކަމަށް އެގައުމުގެ މަޖިލީހުން ވަނީ އިއުލާން ކުރައްވާފަ އެވެ.