މިއަދު ހެނދުނު ލަންކާގެ ބޮޑުވަޒީރުގެ އޮފީހުގައި ޑިނިޝް ގުނަވަރްދެނަ ވަނީ އެގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރައްވާފަ އެވެ. ޑިނިޝް ގުނަވަރްދެނަ އަކީ 1983 ވަނަ އަހަރުން ފެށިގެން ލަންކާގެ އެމްއީޕީގެ ލީޑަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ.
ޑިނިޝް ގުނަވަރްދެނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންވީ 1989 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ގޮނޑިއެއް ދެން ކާމިޔާބު ކުރައްވާފައި ވަނީ 2000 ވަނަ އަހަރު އެވެ.
ޑިނިޝް ގުނަވަރްދެނަ އެންމެ ފުރަތަމަ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވީ، ޓްރާންސްޕޯޓް މިނިސްޓްރީގަ އެވެ. އޭގެ ފަހުން ޑިނިޝް ގުނަވަރްދެނަ ވަނީ، އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ކަމުގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ. އޭގެ ފަހުން އެމަނިކުފާނު ވަނީ، ފެނާއި ނަރުދަމާ އާއި ގުޅޭ ކަންކަން ބަލަހައްޓާ މިނިސްޓަރު ކަމުގެ މަގާމުވެސް އަދާ ކުރައްވާފަ އެވެ.
މީގެ އިތުރުން 2019 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ޑިނިޝް ގުނަވަރްދެނަ އަންނަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުންނެވެ.