އާރުޑީސީން އިއްޔެ ކުރި އިއުލާނުގައި އެދިފައި ވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.
ކަޅު ބާޒާރުގައި އާރުޑީސީން ޑޮލަރު ގަންނަ ކަމަށް ބުނެ އެކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްޓުވާފައިވާ ހަބަރާއި ބެހޭގޮތުން އެކުންފުނިން ބުނީ މިފަދަ މުއާމަލާތްތައްް ކުރިއަށް ގެންދަނީ އެކުންފުނީގެ ފައިނޭސް ޑިޕާޓްމަންޓުން ކަމަށާއި، އެ ޑިޕާޓްމަންޓުގެ ގިނަ ބަޔަކު ޗުއްޓީގައި މިވަގުތު ތިބުމުން މާބޮޑަށް ނުބެލި އިއުލާނު ކުރެވުނީ ކަމަށެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުންތައް މީސް މީޑިޔާގައި ވަނީ އާރުޑީސީ އަށް އަމާޒުވެފަ އެވެ. އާރުޑީސީން ޑޮލަރު ގަތުމަށް ބޭނުންވެގެން ކޮށްފައިވާ އިއުލާނު މިހާރު ވަނީ އެމްއެމްއޭ އިން ބާތިލްކޮށްފަ އެވެ.
އާރުޑީސީގެ މި އިއުލާނާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފަިއވަނީ ކަޅު ބާޒާރުގައި ޑޮލަރު ގަންނަ ކަމަށެވެ. އަދި މިކަމަކީ ކޮމިޝަން ހިމަނައިގެން ބަޔަކަށް މަންފާ އެކުލެވޭ ގޮތަށް ކުރާ ކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.
އާރުޑީސީން މިފަދަ އިއުލާނެއް ކޮށްފައިވާއިރު މީގެ ކުރިން ވެސް ބައެއް ކުންފުނިތަކުން ޑޮލަރު ވިއްކާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފައި ވާކަން ފާހަގަ ކުރެވެ އެވެ.
ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރެވޭނީ އެމްއެމްއޭގެ ހާއްސަ ހުއްދައިގެ ދަށުން ލައިސެންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަނި އެވެ. އެ ނޫން ގޮތަކަށް ކަޅު ބާޒާރުގައި މިފަދަ ވިޔަފާރި ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.