ads
ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމް ސިންހަ..
މުޒާހަރާކޮށް ގާނޫނާ ހިލާފު އަމަލު ހިންގާނަމަ ފިޔަވަޅު އަޅާނަން: ރަނިލް
ސްރީލަންކާގެ ވެރިކަން ވައްޓާލުމަށް ގޮވާލައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާއި ގުޅިގެން ގާނޫނާއި، ހިލާފު އަމަލުތައް ކުރަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ދީފި އެވެ.

ލަންކާގެ އާ ރައީސް އަކަށް އިންތިހާބުކުރި ރަނިލް ވިކްރަމް ސިންހަ އެގައުމުގެ ރައީސް ކަމުގެ ހުވާ ކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. 

ރަނިލް ރައީސް ކަމަށް އިންތިހާބު ކުރުމާއެކު އެގައުމުގެ ގިނަ ރައްޔިތުން ދަނީ މިކަމަށް ހިން ހަމަ ނުޖެހި އަޑު އުފުލަމުންނެވެ. 

މީގެ ކުރިން ލަންކާގެ ރައީސްގެ މަގާމުގައި ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދީފައިވަނީވެސް އެގައުމުގެ ރައްޔިތުން ރުޅިގަދަވެ ހޫނު މުޒާހަރާތަކެއް ކުރުމުން ގައުމު ދޫކޮށް ފިލައިގެން ރާއްޖެ އަށް އައިސް ރާއްޖެއިން ފުރައިގެން ސިންގަޕޫރަށް ގޮސް އެގައުމުގައި ހުރެގެން އީމެއިލް މެދުވެރިކޮށެވެ.  

ލަންކާގައި ކުރަމުންގެންދާ މުޒާހަރާ ތަކާއި ގުޅިގެން އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވަނީ މުޒާހަރާ ކުރުން ކުރިއަށް ގެންގޮސް ހަމަނުޖެހުންވެސް ބައެއް ފަރާތްތަކުން ހިންގާ ކަމަށާއި، އެފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މުޒާހަރާ އިސްކޮށް ހަރަކާތްތެރިވާ ނާޒްލީ ހަމީމް އާއި ހަވާލާދީ ބީބީސީ ގައި ބުނެފައި ވަނީ ލަންކާގެ ރައީސް ކަމަށް ބޭނުންވަނީ އާ މޫނެއް ކަމަށެވެ. އަދި ރަނިލް މަގާމުން އިސްތިއުފާ ނުދެއްވާނަމަ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.  

ރަނިލްގެ އިސްތިއުފާއަށް ގޮވައި އަދިވެސް މުޒާހަރާކުރާނެ ކަމަށް އެގައުމުގެ މުޒާހަރާގެ ބައިވެރިންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާއިރު މިފަހަރު ރަނިލް އިސްތިއުފާ ދެއްވާތޯ ކުރާނީ ސުލްހަވެރި މުޒާހަރާއެއް ކަމަށްވެސް ވަނީ ބުނެފަ އެވެ. 

ގާނޫނު ހަދާ މަޖިލީހުގެ ތާއީދާއެކު ރަނިލް ރައީސް ކަމަށް އިންތިހާބުވެފައިވަނީ ވޯޓުގައި ބައިވެރިވި 225 މީހުންގެ ތެރެއިން 134 ވޯޓު ހޯދައިގެންނެވެ. 

ރައީސް ކަމަށް ދެން ވާދަކުރެއްވި ދުލާސް އައްލަހަޕެރޫމާއަށް 82 ވޯޓު ލިބުނުއިރު، އަނޫރާ ކުމާރާ ޑިސަނަޔަކައަށް ލިބުނީ ތިން ވޯޓެވެ.

މި އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު ރަނިލް ވިކްރަމްސިންހަ އަކީ ލަންކާގެ އަށް ވަނަ ރައީސް ކަމަށް އެގައުމުގެ މަޖިލީހުން ވަނީ އިއުލާން ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް