ads
ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ޖަލްސާ--
ޖަމާލުއްދީން ސްކޫލުގެ ކާމިޔާބީތަކާ މެދު މުޅި ގައުމު ފަހުރުވެރިވޭ: ނައިބު ރައީސް ފައިސަލް
ޖަމާލުއްދީން ސްކޫލުން ދައްކުވައިދީފައި ވަނީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ކަންތައްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޖަމާލުއްދީން ސްކޫލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އެ ސްކޫލުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ އެ ސްކޫލުގެ ކާމިޔާބީތައް ފާހަގަކުރައްވާފަ އެވެ.

އެގޮތުން އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަދަރުސީ ތަޢުލީމު ދިނުމަށްޓަކާ އެންމެ ފުރަތަމަ އެ މަސައްކަތް ކުރެވުނު ސްކޫލަކީ ޖާމާލުއްދީން ސްކޫލުކަމާއި އަދި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވަރަށް ކުރިއްސުރެ އެ ސްކޫލުން ނަމޫނާ ދައްކުވައިދީފައިވާކަން ފާހަގަކުރައްވި އެވެ. 

ހާއްސަކޮށް 1997 ވަނަ އަހަރު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރުމުގެ އަގުވަޒަންކޮށް އޭރުގެ ރައިސުލްޖުމްހޫރިއްޔާގެ ތިމާވެށީގެ ފެހިފަތް އެ ސްކޫލުން ޙާޞިލުކޮށްފައިވާކަމީ އެ ސްކޫލުގައި މީގެ 35 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް މަސައްކަތް ކުރި ފަރާތްތަކުގެ މައްޗަށް ފަޚުރުވެރިވާން ޖެހޭކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައު ކުރައްވަމުން މިހާރުގެ ސްކޫލު ދަރިވަރުންނަށް ވަނީ ނަޞޭހަތްތަކެއް ދެއްވާފަ އެވެ. 

އެގޮތުން ކުދިކުދި ކަންކަން ވެސް ރަނގަޅަށް ކުރަން އާދަކުރުމާއި އެކުގައި މަސައްކަތް ކުރުމާއި މުދައްރިސުންނާއި މައިންބަފައިންނާއި ބޮޑެތި މީހުންނަށް އިޚްތިރާމު އަދާ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. 

ހަމަ އެހެންމެ ސްކޫލުގެ އަހަރީ ދުވަސް ފަދަ ދުވަހެއްގައި އަޒުމު ކަނޑައަޅަންވީ އެއް ކަމަކީ ޓީޗަރުންނާއި އުނގަންނައިދޭ ފަރާތްތަކަށް އިޙްތިރާމު އަދާކުރުމާއެކު އެފަރާތްތަކާ ގާތްގުޅުމެއް ބޭއްވުމާއި ޓީޗަރުން ދެއްވާ ފިލާވަޅުތައް ރަނގަޅަށް ދަސްކުރުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޖަމާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި މި ޖަލްސާގައި ޖަމާލުއްދީން ސްކޫލުގެ އިސް މަޤާމުތަކަށް ހޮވިފައިވާ ދަރިވަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ސްކޫލުގެ އަހަރީ ދުވަހުގެ ކޭކު ފެޅުމުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް