ads
މަޖިލީސް---
ހޭދަ ބޮޑުކޮށް އިންތިހާބު ބޭއްވުން، އަޅުވެތިކަމުގެ އާ އުކުޅެއް!؟
ރާއްޖޭގައި އިންތިހާބުތައް ބާއްވަމުން އަންނަތާ ޒަމާންތަކެއް މާޒީވެ ދިޔައިރު ވެސް އިންތިހާބުތައް ބާއްވަމުން އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ހަރަދު ބޮޑުކޮށެވެ. ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅެން ޖެހިފައިވާ ދިވެހިންނަށް ގޮތް ނިންމަށް ކަމަށް ބުނެ ދެމުން އަންނަ އިންތިހާބުތައް ހަރަދު ބޮޑުކޮށް ބޭއްވުން ވެފައިވަނީ ނުލިބޭ ފައިސާއިން ހޭދަ ކުރަން މަޖުބޫރުކުރުވި ކަމަށެވެ.
Advertisement

ރާއްޖެ މިހާރު މި ކުރާ ދަތުރަށް ފޮށިތަންމަތި ބަންނަމުންދިޔަ އިރު ވެސް އިންތިހާބުތަކަށް ކުރާ ހަރަދު ކުޑަ ކުރުމަށް ވާހަކަ ދެއްކި އެވެ. އެ ވާހަކަތަކުގައި އޮށްޓަރެއް ނުލުމުގެ ސަބަބުން ރާއްޖެ ތަރުތީބުވަމުން މި ދަނީ ހަރަދު ބޮޑުކޮށް އިންތިހާބު ބޭއްވުމަށެވެ. އެކަން ކޮށްފައިވަނީ  ދައުލަތުން އެންމެ ބޮޑު މުސާރައެއް ނަންގަވާ މަޖިލިސް މެމްބަރުންނެވެ. އެ ނިންމުމުގައި ސިއްކަ ޖެއްސެވީ ރައްޔިތުންގެ އެންމެ އިސް ހާދިމް، ރައީސުލްޖުމްހޫރިއްޔާ އެވެ.

ޒަމާނުންސުރެ ރާއްޖޭގައި ރިޔާސީ އިންތިހާބަކާއި އާންމު އިންތިހާބާއި އަތޮޅު ކޮމެޓީއަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބެއް އޮތެވެ. އަދި ރަށްކުރިއަރުވާ ކޮމެޓީ އާއި އަންހެނުން ކުރިއަރުވާ ކޮމެޓީ ހޮވުމަށް އިންތިހާބެކޭ ކިޔައިގެން ނުބޭއްވި ނަމަވެސް އެ ދެ ކޮމެޓީއަށް މެމްބަރުން ހޮވަމުން ދިޔަ އެވެ. ރަށްކުރިއަރުވާ ކޮމެޓީ އާއި އަންހެނުން ކުރިއަރުވާ ކޮމެޓީ ހޮވުމަށް މާ ބޮޑު ހަރަދެއް ކުރީގައި ނުކުރި ނަމަވެސް ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިސްލާހާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ ހޮވުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ގޮތަށް އެ އިންތިހާބު އިންތިޒާމު ކުރި އެވެ. އެކަން ކުރީ ރައްޔިތުންނާއި ގައުމު ދެކެ ނުހަނު ލޯބިވާކަމަށް ވިދާޅުވާ ރައްޔިތުންގެ މަންދޫބުން ކަމަށްވާ މަޖިލީސް މެމްބަރުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން އިންތިހާބު ކުރުން އިލެކްޝަން ކޮމިޝަން (އީސީ) އާ ހަވާލުކޮށް އެ ކޮމިޝަނުން ހުރިހާ ކަމެއް ކުރަން ޖެހޭގޮތަށް ހެދުންވީ އިންތިހާއަށް ފައިސާ ހަރަދުކުރަން ޖެހުނު ކަމަކަށެވެ. އެ ކޮމެޓީން މެމްބަރަކު އިސްތިއުފާ ދިނުމާއެކު ބައި އިލެކްޝަނެއް ބާއްވަންޖެހެ އެވެ. އެ ބައި އިލެކްޝަން ވެސް ބާއްވަން ޖެހެނީ އީސީ އާ އެވެ. މިއީ ރަށްރަށުގައި ހަރަކާތްތެރިވާ ކޮމެޓީ އެކެވެ. އެ ކޮމެޓީގެ ބައި އިލެކްޝަނަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެ އެވެ. ނަމަވެސް މަޖިލިސް މެމްބަރުންނަކަށް ބޮޑު މައްސަލައަކަށްނުވި އެވެ.

އިންތިހާބުތައް ގިނަވެގެންދިޔަ ނަމަވެސް ވޯޓްލާން ނިކުންނަ މީހުންގެ އަދަދުވަނީ މަދެވެ. އެންމެ ގިނައިން މިހާރު ބާއްވަން ޖެހޭ އެއް އިންތިހާބަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނެވެ. ކުރާ ހަރަދާ އެއްވަރަށް ވޯޓްލާން ނުނިކުންނަކަން އީސީން ފާހަގަ ކުރެ އެވެ. އެކަމުގެ ކަން ބޮޑުވުން އީސީން ފާހަގަ ކުރެ އެވެ.

އައްޑޫ ސިޓީ ގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ސ. ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުން އިއްޔެ ބޭއްވި އިރު އެ އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ 12099 މީހުން ތިބިކަމަށް ތަފާސްހިސާބުން ދައްކަ އެވެ. ނަމަވެސް 12099 މީހުންގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވެ ވޯޓުލާފައި ވަނީ ޖުމްލަ 1009 މީހުންނެވެ.

އެއީ ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ އަށް ޕަސެންޓެވެ. އެންމެ އަށް އިންސައްތަ މީހުން ވޯޓުލީ އިރު އެ އިންތިހާބަށް އެތައް ލައްކަ ރުފިޔާއެއް ހޭދަ ކުރިކަމަށް ވެ އެވެ. ހާހެއްހާ މީހުން ވޯޓްލި އިންތިހާބަށް ލައްކައިން ރުފިޔާ ހަރަދު ކުރަން ޖެހުމުން ކަން ބޮޑުވި ހާދިމަކު ނެތް ކަހަލަ އެވެ. ކަން ބޮޑުވުން ފާޅުކޮށްލީ އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް އެވެ.

ވޯޓު ލުމަށް އަދި މިކަމަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެތަކެއް ލައްކަ ރުފިޔާ ހަރަދުކޮށްފި. އަދި މިފައިސާތައް މިވީ އިސްރާފު. މިފަދަ މައްސަލަތަކަށް ވިސްނައި މިކަންކަމަށް ހައްލު ގެންނަން ޖެހޭ. ޑަބްލިޔޫ.ޑީ.ސީ، ސ. ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ 12099 މީހުންގެ ތެރެއިން، 1009 (%8.34) މީހުން ވޯޓުލާން، އެތައް ލައްކަ ރުފިޔާ ހަރަދު ކުރުމަށްވުރެ ބޮޑު އިސްރާފެއް ކޮބައިތޯ؟ މިކަމަށް އަވަސް ހައްލެއް ގެންނަން އެބަޖެހޭ- ހަބީބް

ހަބީބުގެ އިތުރުން އީސީގެ ރައީސް ފުއާދު ތައުފީގު ވެސް ވަނީ އިންތިހާބުތަކަށް ކުރާ ހޭދައިގެ ބޮޑު ވާހަކަ ދައްކާފަ އެވެ. އެހެން ބޭބޭފުޅުން ވެސް ފަހަރުގައި އެ ވާހަކަތައް އެގޮތަށް ދައްކާފައިހުރެދާނެ އެވެ. ނަމަވެސް މައްސަލައަކީ އެކަމަށް ހައްލެއް ނުގެނެސް ލަސްވާ ލަސްވުމެވެ.

ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އަބަދުވެސް ދަރަނި ނަގައިގެން ރާއްޖެ ހިންގަން އުޅޭ އިރު އިންތިހާބުތަކަށް ކުރާ ހޭދަ ކުޑަކުރުމުގެ ވިސްނުން ރައްޔިތުންގެ މަންދޫބުން ކަމަށްވާ ސިޔާސީ ވިސްނުމުގައި އުޅޭ މަޖިލިސް މެމްބަރުން ނުގެންގުޅެނީ ބާއްވަ އެވެ.

ތަހުޒީބީ ގައުމުތަކުގައި ވޯޓްލުން ވެސްގެންދަނީ ހަރަދު ކުޑަކޮށްގެންނެވެ. ދެތިން އިންތިހާބު އެއްކޮށްލައިގެންނެވެ. ކައުންސިލަރުންނާއި އަންހެންނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވޯޓް އަޅަނީ އެ ރަށެއްގައި ދިރިއުޅޭ މީހުންނެވެ. އެ އިންތިހާބުތައް މިހާރަށްވުރެ އެތައް ތަނަކުން ހަރަދު ކުޑަކޮށް ބޭއްވިދާނެ އެވެ. އަންހެނުންގެ ކޮމެޓީގެ އިންތިހާބަކީ ވެސް ހަރަދު ކުޑަކޮށް ބާއްވައިގެން ގެއްލުމެއް ލިބޭނެކަމެއް ކަމަށް ނުފެނެ އެވެ. ނަމަވެސް ރައްޔިތުންގެ މަންދޫބުންނަށް ފެންނަނީ ހުރިހާ ކަމެއް ރަނގަޅަށް ދާނީ އެމީހުންގެ ސީދާ ބާރު ހިނގާ އީސީން އެކަންކޮށްގެންނެވެ. ނަމަވެސް އެއީ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ނުވާކަން ނިމިދާ އިންތިހާބުތަކުންނާއި ލިބޭ އެއްޗަކުން ދެކޮޅު ނުޖެހިގެން ދައްކާ ވާހަކަތަކަށް ވިސްނާލުމުން އެނގެ އެވެ.

ރާއްޖެ ފަދަ ގައުމެއްގައި އިންތިހާބުތައް ބޭއްވުމަށް ބޮޑެތި ހަރަދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ތަޖުރިބާކާރުން ވިދާޅުވި ނަމަވެސް ރަށްރަށުގެ ބާރުވެރިކަން ނަގާލައި މާލޭގައި ހަރު ޖަހައިގެން ތިއްބަވާ ސިޔާސީ ބާރު ހުރި މަދު ބޭބޭފުޅުންގެ އެ ވާހަކަތަކެއް ގަބޫލެއް ނުކުރައްވަ އެވެ. ހަރަދު ބޮޑުކޮށް އިންތިހާބުތައް ބާއްވަނީ ސިޔާސީ ބާރު ހުރި ބޭބޭފުޅުންގެ ނުކިއްސަރު ކަންކަމަށް މަގުފަހިކޮށް އެ ބޭބޭފުޅުން ބޭނުންވާ ނަތީޖާއެއް ހާސިލު ކުރަން ކަމަށް ވެދާނެ އެވެ. ނުވަތަ އެއީ އަޅުވެތި ކުރުވުމުގެ އާ އުކުޅެއް ކަމަށް ވެސް ވެދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް