އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައި މިވަނީ، ދުވާފަރު ކައުންސިލް އިން އެ ކައުންސިލްގެ ބައެއް ކައުންސިލަރުންނާއި ކައުންސިލްގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ފައިސާ ތަފްސީލްއެއް ނެތި ޖަމާކޮށްފައި ވާކަމަށް ބުނެ އެލްޖީއޭއިން ރިޕޯޓެއް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ.
އެލްޖީއޭއިން ނެރެފައިވާ ރިޕޯޓްގައި މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ އެކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަމަށެވެ. އަދި މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ.
ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ބަހަން ބޭނުންވާ 45،000 ރުފިޔާ ދީފައިވަނީ، ، ކައުންސިލް މެމްބަރު ޒުހާދު އާދަމް އަށް ކަމަށާއި، އޭނާ އާއި ހަވާލު ކުރި ނަގުދު ފައިސާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ، ކައުންސިލް އިދާރާތައް މެދުވެރިކޮށް ކޮންމެ އަހަރަކު ފިތުރު އަދި މުދަލު ޒަކާތުގެ ފައިސާ އޭގެ ހައްގުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާއިރު، ކައުންސިލްތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހިގޮތުގެ ރިޕޯޓްތައް ކައުންސިލްތަކުން ހޯދުމަކީ، މި މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަކަމެއް ކަމަށެވެ.
އެގޮތުން ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިތުރު އަދި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް އޭގެ ހައްގުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފްސީލު ހިމެނޭ ރިޕޯޓު މިނިސްޓްރީން އަންގާފައިވާ ތާރީހަށް ފޮނުވާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މި ލިޔުންތަކަކީ ޒަކާތުގެ ހައްގުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ލިޔެކިޔުންތަކެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ
މީގެ އިތުރުން، މިނިސްޓްރީން ވަނީ، ޒަކާތުގެ ފައިސާއާ މެދު އާންމުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށާއި، އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ހަބަރު ފަތުރާ ފަރާތްތަކުން އެކަން ނުކުރުމަށާއި ކަމާގުޅުންހުރި އިދާރާތަކުން މައުލޫމާތު ކަށަވަރުކުރެއްވުމަށްފަހު ނުނީ މިފަދަ ހަބަރުތައް އާންމުނުކުރެއްވުމަށް ނަސޭހަތްތެރިވެފަ އެވެ.
މިނިސްޓްރީން މިހެން ބުނެފައި ވާއިރު، އެ ކައުންސިލް އިން ގަވައިދާއި ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ފާހަގަކޮށް ރިޕޯޓް ނެރެފައިވަނީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭއިން ނެވެ. އެލްޖީއޭއިން ނެރެފައިވާ ރިޕޯޓުގައި، ކައުންސިލުން އެއްވެސް ވަރަކަށް ލިޔެކިޔުމެެއް ނަހަދާ ދެ މިލިއަނެއްހާ ރުފިޔާ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރުންގެ އިތުރުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ބަހާފައި ވާކަން ވަނީ ފާހަގަ ކޮށްފަ އެވެ.