ads
ފުށިދިއްގަރު ފަޅު:
ފުށިދިއްގަރު ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާ ނުދެއްކުމުން އޭޖީ އަށް
ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދެއް އެރި މައްސަލައިގައި ކުރި 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވުމުން އެންވާރަމަންޓު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅައިފި އެވެ.

ފުށިދިއްގަރު ފަރަށް 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެރީ، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑް އިން އޮޕަރޭޓް ކުރާ މުތާ ރޯރަލް ނަމަކަށް ކިޔާ ޓަގް ބޯޓެއްގެ އިތުރުން، މުތާ ގްރޭސް ނަމަކަށް ކިޔާ ބާޖެކެވެ. އުޅަނދުތައް ނަގައި އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް އަންގާފައިވަނީ 19 މާރޗު 2017 ގައެވެ.

ފަރަށް އެ ދެ ބޯޓު އެރުމުގެ ސަބަބުން އެންވާރަމަންޓު ޕްރޮޓެކްޝަން އޭޖެންސީއިން ކުރި ތަހުގީގަށްފަހު މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރީ، 2018 ވަނަ އަހަރުގެ މާޗް މަހު އެވެ. 

ތިރީސް ދުވަހުގެ މުއްދަތެއްގެ ތެރޭ އެ ފައިސާ ދައްކާ ހަލާސް ކުރުމަށް މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މިނިސްޓްރީޏް އެންގި ނަމަވެސް، އެ ކުންފުނިން ވަނީ އެ މައްސަލަ އެންވާރަމަންޓު މިނިސްޓްރީގައި އިސްތިއުނާފް ކޮށްފަ އެވެ. އެންވާރަމަންޓު މިނިސްޓްރީން ވެސް ވަނީ އީޕީއޭއިން ކުރި ޖޫރިމަނާ ދެމެހެއްޓުމަށް ނިންމާފަ އެވެ. އަދި 15 ދުވަހުގެ ތެރޭ އެފައިސާ ދެއްކުމަށް އެންވާރަމަންޓު މިނިސްޓްރީން މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެންގީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. 

އެހެން ނަމަވެސް ދިން މުއްދަތު ފަހަނާ އަޅާ ދިޔައިރުވެސް އެ ކުންފުނިން ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވެ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދިން އީޕީއޭގެ އޮފިޝަލަކު މިރޭ ވިދާޅުވީ، ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެކުންފުންޏަށް އެންގިތާ އެތައް ދުވަހެއް ވެފައި ވާއިރު، އެ ކުންފުނިން އަދި މިހާތަނަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި، އެކަމާއި ގުޅިގެން އަދި އެއްވެސް ޖަވާބެއްވެސް ދީފައި ނުވާ ކަމަށެވެ. އަދި އެކަމާއި ގުޅުގެން އެކުންފުންޏަށް ގުޅަން ކުރި އެއްވެސް މަސައްކަތެއް އަދި މިހާތަނަށް ކާމިޔާބު ވެފައި ނުވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑުން ޖޫރިމަނާގެ ފައިސާ ދައްކާފައި ނުވާތީ، އެ ކަމާއި ގުޅިގެން ދެން ކަން ކުރަންވީގޮތުގެ ލަފާ ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް މައްސަލަ މިހާރު ހުށަހަޅާފައި ވާކަމަށެވެ. 

އުޅަނދުތައް ފަރަށް އެރުމުގެ ސަބަބުން ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވިކަން އީޕީއޭއިން ފާހަގަކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް