ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދެންމެ ބުނީ ޔާމީން ރަޝީދު މަރާލި މައްސަލައާއި, އަހުމަދު ރިލްވާން ޢަބްދުﷲ ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އިތުރަށް ތަހުގީގުކޮށް މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން (މަރު ކޮމިޝަން) އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި އިތުރު ދައުވާތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އައި މި ދެ މައްސަލަ އަށް ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވާ ކަމަށެވެ.
ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރުގެ މައްސަލައާއި ގުޅިގެން އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ)ގެ އިތުރުން، މއ. ފާގަފިލާ، އަހްމަދު އިސްމާއިލް 39، އާއި ދަފްތަރު، އަހްމަދު މުއާޒް، 40 ވަނީ ހައްޔަރުކޮށްފަ އެވެ. ކޯޓުން ވަނީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އެ ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފަ އެވެ.
ނޫސްވެރިޔާ ރިލްވާނެ މަރުގެ މައްސަލަ އާއި ގުޅިގެން ފުލުހުން އިސޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުގަ އެވެ. އޭނާ މަރުކޮމިޝަނުގެ ތަހުގީގަށް ހާޒިރުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ.
ރިލްވާންގެ މައްސަލައިގައި އިޝޫ ގެ މައްޗަށް ދައުލަތުން ކުރާ ދައުވާ
- ދައުލަތުން ދައުވާ ކުރާ ސަބަބުގެ ތެރޭގައި 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މ. ޝައިނިންގސްޓަރ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް، އަޙްމަދު ރިޟުވާން ޢަބްދުﷲ އަށް ފާރަލައި، އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީ ގާނޫނު ނަންބަރު: 10/90 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި 3 ވަނަ މާއްދާއާ ހަވާލާދީ އެ ގާނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.
ޔާމީން ރަޝީދުގެ މައްސަލައިގައި އިޝޫ ގެ މައްޗަށް ދައުލަތުން ކުރާ ދައުވާ
- ޔާމީން ރަޝީދުގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާތީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އެވެ.
ރިލްވާންގެ މައްސަލަިއގައި އަޙްމަދު އިސްމާޢީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ
- އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު އިސްމާޢީލްއާއި، އަޙްމަދު އިސްމާޢީލްގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ)އާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ
ޔާމީންގެ މައްސަލަިއގައި އަޙްމަދު އިސްމާޢީލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ
- 23 އޭޕްރީލް 2017 ދުވަހުގެ ރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީން ރަޝީދަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް މީނާ އެހީތެރިވެދީފައިވާތީ ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އެވެ.
ރިލްވާންގެ މައްސަލައިގައި ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒުގެ މައްޗަށް ކުރާ ދައުވާ
- އަޙްމަދު ރިޟްވާން ޢަބްދުﷲ މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އަޙްމަދު މުޢާޒުއާއި، އަޙްމަދު މުޢާޒުގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، 8 އޯގަސްޓް 2014 ދުވަހުގެ ދަންވަރު އަހްމަދު ރިޟްވާން ޢަބްދުﷲ ރަހީނުކޮށް މަރާލާފައިވާތީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ގެ (ހ) އާއި، (ށ) އާއި، (ކ) އާއި، އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން, ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ.
މަރު ކޮމިޝަނުން އެންމެ ފަހުން ރިލްވާންގެ މައްސަލަ ނިންމައި އެކުލަވާލި ރިޕޯޓު ނެރެފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެރިޕޯޓުގައި ވަނީ އޭނާ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށެވެ.
ނޫސްވެރިޔާ ރިލްވާން އަށް ވީނުވީއެއް ނޭނގި ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ހަތް ވަނަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ.