ads
ކުޑަހުވަދޫ ރައްޔިތުން ކުރަމުން ދިޔަ މުޒާހަރާ: ފޮޓޯ--- ޔުނައިޓަޑް ކުޑަހުވަދޫ
ކުޑަހުވަދޫގެ ތާރީހުން ކަޅު ދުވަހެއް
ދ. ކުޑަހުވަހުދޫ އެއާޕޯޓުގެ ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ރެއިން ފެށިގެން މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުން ގޮވަމުން ދިޔައީ، ބަލި މީހަކު މާލެއަށް ފޮނުވައި ދިނުމަށެވެ.

ރޭގަނޑު 19:30 އިން ފެށިގެން މުޒާހަރާގެ ބައިވެރިން އެއާޕޯޓް ސަރަހައްދުގައި އަޑުއުފުލަމުން ދިޔަ އިރު، ބައެއް ފަރާތްތަކުން ވަނީ، އެއާޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުވާ، އެއާޕޯޓުން ބޭރުވާން އިން މަގު ކޮނެ ދަތުރު ނުކުރެވޭނެ ގޮތް ހަދާފަ އެވެ. އަދި ބަލި މީހާ މާލެ ގެންދެވޭނެ ގޮތް ހަދާ ނުދޭނަމަ ދަތުރު ނުކުރެވޭނެ ކަމަށް އެފަރާތްތަކުން ދިޔައީ ގޮވަމުންނެވެ. 

އެހެން ނަމަވެސް މަންޓާ އިން ވަނީ، އެއްވެސް އިރަކު ބަލި މީހަކު މާލެ ގެންގޮސްދިނުމަށް އެދިފައި ނުވާކަމަށް ބުނެފަ އެވެ. އަދި މަންޓާއިން އެތެރޭގެ އުދުހުން ތަކަށް ބޭނުން ކުރަމުން އަންނަ ބޯޓުތަކަކީ ސްޓެރެޗާގައި ގެންދާ ބަލިމީހުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް ނޫން ކަމަށް މަންޓާއިން އިން ދިޔައީ، ރައްޔިތުންނަށް އަންގައި ދެމުންނެވެ.

އެހެން ނަމަވެސް ރަށު ރައްޔިތުންގެ ތެރެއިން މީހަކު ހާލުދެރަވެ ކުއްލި ފަރުވާ ދިނުމަށް މާލެ ގެންދަން ޖެހުމުން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް ދިޔައީ އުތުރި އަރަމުންނެވެ. ބައެއް ފަހަރު މުޒާހަރާގެ ބައިވެރިން މަންޓާ އިން އިތުރު ފުލައިޓް އޮޕަރޭޓަރަކަށް އެއާޕޯޓްގައި ޖެއްސުމަށް ހުއްދަ ނުދޭ ކަމަށްވެސް ގޮވަމުން ދިޔަ އެވެ. 

އެކަމާއި ގުޅިގެން ފުލައިޓުން ދަތުރު ކުރި 12 ފަތުރުވެރިޔަކު އަނެއް ދުވަހުގެ އިރު އަރަންދެން ތިބެން ޖެހުނީ، އެއާޕޯޓް ތެރޭގަ އެވެ. މަންޒިލަށް ދެވޭނެ ގޮތް ނުވެފަ އެވެ. ޓިނު ޖަހާ އެއާޕޯޓްވެސް ބަންދު ކުރީ އެވެ. ރައްޔިތުންގެ ޑިމާންޑަކަށްވީ، މަންޓާއިން ބަލި މީހުން އުފުލައި ދިނުމެވެ. 

ކޮންމެއަކަސް މި މުޒާހަރާތައް ހޫނުވެ އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓުމަކަށް އައުމުން ފުލުހުން އެ ސަރަހައްދަށް ގޮސް މުޒާހަރާގެ ބައިވެރިން ފޮނުވާލުމަށް މަސައްކަތް ކުރަން ފެށި އެވެ. އެހެން ނަމަވެސް ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާއި، އެކު މުޒާހަރާގެ ބައިވެރިންވެސް ފުލުހުންނާއި ދިމާލަށް ވެއްޔާއި ގާ އުކަން ފެށި އެވެ. މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހެން ބޭނުން ނުވީ، މަންޓާއިން ބަލި މީހާ ފޮނުވައިދޭން އެއްބަސް ނުވުމުންނެވެ. 

ފުލުހުން މުޒާހަރާ ރޫޅާލާ އެ ސަރަހައްދުން މީހުން ދުރައް ޖައްސާ ދަތުރުތައް އަލުން ކުރެވޭނެ ގޮތް ހެދި އެވެ. އެހެން ނަމަވެސް ދެން ކުރިމަތިވީ ރަށުގެ ރައްޔިތުން އުއްމީދުކޮށްގެން ތިބި ކަމެއް ނޫނެވެ. ރެއިން ފެށިގެން ފުލުހުން ކޯޓު އަމުރު ހިފައިގެން ރަށުގެ މީހުން ހައްޔަރު ކުރަން ފެށުމުން ރައްޔިތުން ތިބީ ނުތަނަވަސް ކަމެއްގަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ރިސޯޓްތަކާއި އެއާޕޯޓްތަކުގައި، ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެން ނޫނީ، މުޒާހަރާ ކުރުމަކީ މަނާކަމެކެވެ. އެހެން ކަމުން ގާނޫނާއި ހިލާފުވުމުން ފުލުހުންގެ ޒިންމާ ފުލުހުން އަދާ ކުރަން ފެށީ އެވެ. 

ރޭ ހަ މީހަކު އެރަށުން ހައްޔަރު ކުރި އިރު، މިއަދު އިރުއަރައިގެން އައި އިރު އަޑުއިވިގެން ދިޔައީ، ރަށުގެ އެހެން ބައެއްވެސް ފުލުހުން ހައްޔަރު ކުރާ ވާހަކަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖުމްލަ 11 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. އެހެން ނަމަވެސް ކުޑަހުވަދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، 16 މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ވާކަމަށެވެ. އަދި އެ ރަށު ކައުންސިލް މެމްބަރެއް ކަމަށްވާ، އިސްމާއިލް ފާރިޝްވެސް ވަނީ 16 މީހަކު ހައްޔަރު ކޮށްފައި ވާކަމަށް ބުނެފަ އެވެ. 

މަންޓާގެ ވެރިންނާއި ކުޑަހުވަދޫ ރައްޔިތުން ބައްދަލުކުރުން:

ހަމަނުޖެހުން ހިނގާ ދަތުރުތައް ހުއްޓުމުން މަންޓާ އެއާގެ ސީއީއޯ ހަލީލް އާއި މަންޓާގެ އިސްވެރިން ރޭގެ ވަގުތެއްގައި ކުޑަހުވަދޫއަށް ގޮސް ރަށުގެ ކައުންސިލާއި ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރަށުގެ 15 ރައްޔިތެއް ބައިވެރިވި އިރު، ކައުންސިލަރުންވެސް ވަނީ ބައިވެރިވެފަ އެވެ. ތިން ގަޑިއިރަށް ވުރެ އިތުރަށް ދިގުދެމިގެން ދިޔަ މި ބައްދަލުވުމަށް ފަހު ރައްޔިތުން އެދުނު ކަންކަން މަންޓާއިން ކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. 

"ރަށު ރައްޔިތުން އެދުނު ކަންކަން ކޮށްދިނުމަށް މަންޓާއިން ވަނީ އެއްބަސްވެފަ. މަންޓާއިން ބުނަނީ، މަންޓާއިން ބޭނުން ކުރާ ބޯޓުތަކަށް ސްޓެރެޗާގައި ބަލި މީހާ ނޭރުވޭ ކަމަށާއި، އެހެން ނަމަވެސް ދެން ގެންނަ ބޯޓު ތަކުގައި ސްޓެރެޗާގައި ބަލި މީހާ އުފުލޭނެ ގޮތް ހަދާނެ ކަމަށް ބުނި. އަދި ގޮނޑީގައި އިނދެވޭ ބަލިމީހަކު ނަމަ ގެންގޮސް ދޭނެ ކަމަށާއި، އެމީހާއަށް ބޭނުންވާ އޮކްސިޖަން ސިލިންޑަރު ހަރުކުރާނެ ކަމަށްވެސް ބުނި. އަދި ހަލީލް ވަނީ ފަތުރުވެރިން ރަހީނު ކުރެވޭ ފަދަ ގޮތަކަށް މީޑިއާއަށް މައުލޫމާތު ދެވުނީތީ އެކަމަށްވެސް މާފަށް އެދިފަ." ކައުންސިލް މެމްބަރު ފާރިޝް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ބައިވެރިވި އިތުރު ފަރާތަކުން ބުނީ، ބައްދަލުވުމުގައި ރައްޔިތުން އެދުނު ކަންކަން ކޮށްދިނުމަށް މަންޓާއިން އެއްބަސްވި ކަމަށާއި، އަދި ރަހީނު ކުރެވުނު ފަދަ މޭރުމަކުން ވާހަކަ ދެއްކުނީތީ މާފަށް އެދޭ ކަމަށް މަންޓާއިން ބުނި ކަމަށެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވި މަންޓާ އެއާގެ އިސް އޮފިޝަލަކު ވިދާޅުވީ، ރޭގެ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން އެދުނު ކަންކަން ކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް މަންޓާގެ ފަރާތުން އެއްބަސްވެފައި ވާނެ ކަމަށާއި، އެކަމާއި ގުޅޭ ތަފްސީލްތައް ފަހުން ހިއްސާ ކުރާނެ ކަމަށެވެ. އަދި މަންޓާއިން މިހާރު ގެންގުޅޭ ބޯޓު ތަކަކީ، ސްޓްރެޗާ ނޭރުވޭ ބޯޓު ތަކެއް ކަމަށާއި، އެ ބޯޓުތަކަށް ސްޓްރެޗާ އެރުވޭނެ ގޮތަށް ބަދަލު ކުރުމުގެ ކުރިން ބޯޓު ތަކަކީ ކުއްޔަށް ނަގާފައިވާ ބޯޓު ތަކެއް ކަމުން ކުއްޔަށް ދިން ފަރާތުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. 

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، ބަލި މީހުން އުފުލަން މޯލްޑިވިއަން އާއި އާސަންދަ އާއި ދެމެދު އެއްބަސްވުމެއް ހެދިފައި ވާކަމަށާއި، ބަލި މީހުން ކުއްލި ހާލަތުގައި އުފުލަން ޖެހޭނަމަ ބަލި މީހާ އުފުލަމުން ދަނީ، މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކުގަ އާއި ސީއެމްބިއުލާންސް ނުވަތަ ސީޕްލޭންތަކުގައި ކަމަށެވެ. 

މުޒާހަރާ ކުރާ ފަރާތްތަކުގެ ބަސް:

މުޒާހަރާ ކުރަމުން ދިޔަ ފަރާތްތަކުން ދައްކަމުން ދަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހިނގި ހާދިސާގެ ވާހަކަ އެކަންޏެއް ނޫނެވެ. އެފަރާތްކުން ވަނީ، މަންޓާއިން އެއާޕޯޓް ތަރައްގީކޮށް ހިންގަމުން އަންނަތާ ފަސް އަހަރު ވެފައި ވާއިރު، މިއަދާއި ހަމައަށް ފުލައިޓުގައި ބަލި މީހުން އުފުލޭނެ އިންތިޒާމް ހަމަޖައްސާދީފައި ނުވާ ވާހަކަ އެވެ. 

މިވީ ފަސް އަހަރު ދުވަސް ތެރޭ މަންޓާގެ ފުލައިޓުތަކުން ބަލި މީހުން ނުއުފުލޭތީ ދޭންޖެހޭ ފަރުވާ ނުލިބި ހަތަރު ފުރާނައެއް ގެއްލުނު ވާހަކަ އަކީވެސް ރަށުގެ ރައްޔިތުން ދައްކަމުން އަންނަ ވާހަކަ އެވެ. ކިތައްމެ މޫސުން ގޯސްވެ ކަނޑު ގަދަވިނަމަވެސް މަންޓާ ފުލައިޓް ތަކުގައި ސްޓްރެޗަރު ނޭރުވޭތީ ބަލި މީހާ ނޭރުވޭ ވާހަކަ އެވެ. 

މީހުން ހައްޔަރު ކުރަން ފެށުމާއި އެކު ރަށުތެރޭގެ ހާލަތު: 

މިހާތަނަށް ކުޑަހުވަދޫއިން އެންމެ ގިނަ މީހުން އެއް ފަހަރާ ހައްޔަރު ކޮށްފައިވަނީ، ސިޔާސީ ހަމަނުޖެހުންތަކާއި ގުޅުގެން ކަމަށް އެރަށުން ވާހަކަދެއްކި ފަރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ ފަހަރު 13 މީހަކު ހައްޔަރު ކޮށް އެމީހުން ބަންދުގައި ބަހައްޓާފައި ހުރީ ފ. ނިލަންދޫގައި ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

ކުޑަހުވަދޫގައި މިދިޔަ ހޯމަ ދުވަހު ކުރަން ފެށި މުޒާހަރާ ރޫޅާލާ، ބައެއް މީހުން ހައްޔަރު ކުރަމުން އަންނަ އިރު، ފުލުހުން މުޒާހަރާ ރޫޅާލީ ދޭންޖެހޭ އިންޒާރު ނުދީ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން ކައުންސިލުން ފުލުހުންނާއި ބައްދަލުކުރުމުން ދޭންޖެހޭ ގާނޫނީ އިންޒާރު ދިން ކަމަށް ފުލުހުން ބުނި ނަމަވެސް އެ އިންޒާރު ދިން އަޑު އެހި މީހަކު ނެތް ކަމަށް ކައުންސިލްގެ މެމްބަރު ފާރިޝްވެސް ވަނީ ބުނެފަ އެވެ. 

"ފުލުހުން ބުނޭ ގާނޫނީ އިންޒާރު ދިނުމަށްފަހު އޭ މުޒާހަރާ ރޫޅާލަން ޕެޕާ ސްޕްރޭ ޖެހީ. އެކަމު އަޅުގަނޑުމެނަކަށް ނިީވޭ އިންޒާރެއް ދިން އަޑެއް. ކުއްލިއަކަށް ފުލުހުން އައިސް ޕެޕާ ސްޕްރޭ ޖެހީމަ ރައްޔިތުންވެސް އެރި ޖޯޝުން ކޮންމެސް ވަރަކަށް ހަލަބޮލިވީ." ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ރަށުގެ ރައްޔިތުން މިއަދު ގޮވަމުން ދަނީ ރަށުގެ ރައްޔިތުންގެ ހައްގުގައި ނިކުތުމުން ފުލުހުން ބަޔަކު ހިފާ ހައްޔަރު ކުރުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ހައްޔަރު ކުރި މީހުން ދޫކޮށްލުމަށް ރަށުގެ ގިނަބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް