ads
މުޒާހަރާގެ ބައިވެރިން ކޯޓުން ދޫކޮށްލުމުން އުފާފާޅުކުރަނީ:ފޮޓޯ---ޔުނައިޓެޑް ކުޑަހުވަދޫ
ކުޑަހުވަދޫ މުޒާހަރާ: ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި
ދ. ކުޑަހުވަދޫގައި މަންޓާ އެއާ އާއި ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކުރި 17 މީހުން ދޫކޮށްލައިފި އެވެ.

ކުޑަހުވަދޫގައި ރައްޔިތުން މުޒާހަރާ ކުރަން ފެށީ މިދިޔަ ހޯމަ ދުވަހުގެ ރޭ ހާލު ދެރަވި ބަލި މީހަކު ފޮނުވުމަށް މަންޓާ އެއާ އިން އެއްބަސްނުވި ކަމަށް ބުނެ އެވެ. ކުޑަހުވަދޫ ގިނަ ބަޔަކު ވަނީ އެކަމާއި ގުޅިގެން އެއާޕޯޓް ހުރި ސަރަހައްދަށް ގޮސް އަޑުއުފުލާފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެއާޕޯޓުން ބޭރަށް ނުދެވޭނެ ގޮތަށް މަގު ކޮނެ، ޓިނުވެސް ޖަހާފަ އެވެ. 

އެކަމާއި ގުޅިގެން ބައެއް ދަތުރުތަށް ކެންސަލްވެ އެއާޕޯޓްގެ އޮޕަރޭޝަނަށް ހުއްޓުން އައެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާ ތަކާއި ގުޅިގެން 17 މީހަކު ހައްޔަރު ކުރި ކަމަށާއި، އެ މީހުންގެ ތެރެއިން 14 މީހަކު ބަންދާއި މެދަށް ގޮތެއް ނިންމުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައި ވާކަމަށެވެ. އަދި އެ މީހުން ދޫކޮށްލީ ޝަރުތުތައް ކުރުމަށް ފަހު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. 

މުޒަހަރާގެ ބައިވެރިން ވަނީ، މުޒާހަރާ ރޫޅާލުމަށް ދިޔަ ފުލުހުން ކަރުނަ ގޭސް ޖެހުމުން ފުލުހުންނާއި ދިމާލަށް ގަލާއި ވެލި އުކާފަ އެވެ. 

މުޒާހަރާ ކުރި ފަރާތްތަކުން ވަނީ، މަންޓާއިން ބަލި މީހުން އުފުލޭނެ ގޮތް ހަދާނުދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމާއި ގުޅިގެން މަންޓާ އިން ވަނީ ބަލި މީހުން އުފުލައި ދިނުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ކުޑަހުވަދޫ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ބުނެފަ އެވެ. 

މި ބައްދަލުވުމުގައި މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް އާއި މަންޓާގެ އިސްވެރިން ބައިވެރިވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް