ބަނގުލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގިރު އާއެކު އިތުރު ދެފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ރޭ ވަނީ ވީޑިއޯއާއި ފޯޓޯވެސް ދައުރުވާ ފަށާފަ އެވެ.
ދައުރުވަމުންދާ ވީޑިއޯތަކާއި ގުޅިގެން އެކި ފަރާތްތަކުން ނުރުހުން ފާޅުކޮށްފައިވާއިރު ގިނަ ބަޔަކު ބުނެފަިއވަނީ އެ ވީޑިއޯއިންނާއި ފޮޓޯއިންވެސް ފެންނަނީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ ގާޒީ ސްކޫލުގެ ޓީޗަރެއް ކަމަށެވެ.
ނަމަވެސް ގާޒީ ސްކޫލުން ވަނީ ވީޑިއޯއިން ފެންނަ އެއްވެސް ފަރާތަކީ އެ ސްކޫލުގައި އެއްވެސް އިރެއްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެއް ނޫން ކަމަށްވެސް ބުނެފަ އެވެ.
ބައެެއް ފަރާތްތަކުން ވަނީ ވީޑިއޯއިން ފެންނަ ޓީޗަރު ކަމަށް ބުނާ މީހާގެ ނަމާއި ވަނަވަރުވެސް ސޯޝަލް މީޑިޔާގައި ހާމަކޮށްފަ އެވެ.
މި ވީޑިއޯއާއި ގުޅިގެން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ "މިހާރު" ނޫހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އާ ހަވާލާދީ ބުނެފަިއ ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
އަދި ބުނެފައިވަނީ އެމީހާ އަކީ އިމާދުއްދީން ސްކޫލުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެއް ކަމަށެވެ.
"ސީއެންއެމް" އިން އިއްޔެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އާއި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުގެ މާހައުލުގައި ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ އެކަކުވެސް އެއްވެސް ސްކޫލެއްގައި ނުބަހައްޓާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއްވިޔަސް ހާއްސަކޮށް ޖިންސީ މައްސަލައެއްގެ ތުހުމަތުގައި ވެފައިވާ ފަރާތެއް ކަމުގައި ވިނަމަވެސް އެފަރާތަކަށް އަލުން އެއްވެސް ސްކޫލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތެއްވެސް ނެތް ކަމަށެވެ.