
ފިޝަރީޒް މިނިސްޓްރީން އިއްޔެ ގެޒެޓުގައި އާއްމުކޮށްފައިވާ މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާބެހޭ ގަވާއިދު ގައި ބުނެފައވަނީ، މިގޮތަށް ބޭރުގެ އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސް ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމީ، ރާއްޖެއިން ބާނާ ކަނޑުމަސް ބޭރުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމުގެ ގަވާއިދުގައި ވާގޮތުން، ލައިސެންސް އަށް އެދި ހުށަހަޅަންޖެހޭ ފޯމާއި، ފޯމު ހުށަހެޅުމުގައި އަމަލު ކުރާނެ ކަންކަން މިނިސްޓްރީގެ ވެބްސައިޓުގައި އާއްމު ކުރާނެ ކަމަށްވަނީ ބުނެފަ އެވެ.
އަދި މަސްގަންނަ ބޭރުގެ އުޅަނދަށް ލައިސެންސް ދެވޭނީ، 12 މަސް ދުވަހަށް ކަމަށާއި، މި އުޅަނދުތަކުގައި އެ މިނިސްޓްރީން ކަނޑައަޅާ ވެސަލް ލޮކޭޓިން ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓެމެއް ހަރުކުރަން ޖެހޭނެ ކަމަށްވެސް ވަނީ ގަވައިދުގައި ބުނެފަ އެވެ.
އަދި އެއްވެސް ސަބަބަކާއި ހުރި މި ޑިވައިސް ހަލާކުވެއްޖެނަމް ނުވަތަ މެދުކެނޑިއްޖެނަމަ ކަނޑުމަސް ގަތުމުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ގަވައިދުގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ގަވައިދުގައި ބުނެފައިވަނީ، މަސްގަންނަ ބޭރުގެ ބޯޓުގައި 500 މެޓްރިކްޓަނުގެ ކެޕޭސިޓީ ހުންނަން ޖެހޭނެ ކަމަށާއި، އެ އުޅަނދަކީ އެއްވެސް ކަހަލަ ޖިނާއީ، ކުށެއް ދުނިޔޭގެ އެއްވެސް ގައުމެއްގެ އިދާރާއަކުން ލިސްޓުކޮށްފައިވާ އުޅަނދަކަށް ވެގެން ނުވާނެ ކަމަށެވެ.
އިތުރަށް ގަވައިދުގައި ބުނެފައިވަނީ، ލައިސެންސް ނެތި މަސް ގަންނަ ބޭރުގެ އުޅަނދުތައް އަށް ލައްކަަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށާއި، މިނިސްޓްރީން ދޫކުރާ ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި ވެސަލް ލޮކޭޓިން ޑިވައިސް ނިއްވާލައިފި ނަމަވެސް އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކަން ޖެހޭނެ ކަމަށް ގަވައިދުގައި ވަނީ ބުނެފަ އެވެ.