ads
ރައީސް ޔާމީން އަދި އަދީބް
ޤާނޫނު އަސާސީއަށް ގެނައި ގެނައި މަކަރުވެރި ބަދަލު
އަމަލު ކުރެވެމުން މިދާ ޤާނޫނު އަސާސީއަށް މިއަދު ސާދަ އަހަރު ފުރުނީއެވެ. ފެހި ގާނޫނު އަސާސީގެ ގޮތުގައި މަޝްހޫރިވި މި ގާނޫނު އަސާސީ ތަސްދީގު ކުރެވުނީ، ދެހާސް އަށްވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު ހެނދުނުއެވެ.

މިހާރު މި އަމަލު ކުރެވެމުންދާ ޤާނޫނުއަސާސީއަށް އަމަލު ކުރަން ފެށިތާ މިއަދަށް ސާދަ އަހަރުވީއިރު، ހަ ފަހަރެއްގެ މަތިން ޤާނޫނު އަސާސީ އިސްލާހުކޮށްފިއެވެ. ގާނޫނު އަސާސީ އިސްލާހު ކުރުމަކީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ ތިންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. މި ބަލާލަނީ، ވޭތިވެދިޔަ ސާދަ އަހަރުގެ ތެރޭގައި ގާނޫނު އަސާސިއަށް ގެނެވުނު އިސްލާހުތަކަށެވެ.

ފުރަތަމަ އިސްލާހު: މައުމޫން އަދި ގާސިމްއަށް ހުރަސް އަޅައި، އަދީބު ނާއިބު ރައީސްކަމަށް ގެނައުމަށް ގެނައި އިސްލާހު

ގާނޫނު އަސާސީއަށް އެންމެ ފުރަތަމަ އިސްލާހެއް ގެނެވުނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެރިކަމަށް ކުރިމަތިލެވޭނެ ދޮރުތައް ބަންދުކުރުމަށާއި، އަހްމަދު އަދީބަށް ނާއިބު ރައީސްކަން ދިނުމަށެވެ. 2015 ވަނަ އަހަރުގެ ޖޫން މަހުގެ ފަންސަވީސްވަނަ ދުވަހު، ގާނޫނު އަސާސީއަށް ގެނައި މި އިސްލާހުތަކަކީ، ރައީސްކަމަށް އިންތިހާބުކުރެވޭ މީހާގެ އުމުރާ ގުޅޭ އިސްލާހުތަކެވެ. މި އިސްލާހުތައް ގެންނެވީ ރައީސް އަބްދުﷲ ޔާމީންއެވެ.

މައުމޫން އަބްދުލްގައްޔޫމާ، ގާސިމް އިބްރާހީމަކީ ވެރިކަމަށް އަތުވެދާނެ ކަމަށް އޭރު ވެރިކަމުގައި ތިބި މީހުންނަށް ބިރު ހީވެފައި އޮތުމުން، އެ މަގު ބަންދުކުރުމަށް ރައީސްކަމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރަކީ ފަސްދޮޅަސް ފަސް އަހަރުކަމުގައި ކަނޑައަޅައި ގާނޫނު އަސާސީ އިސްލާހުކުރިއެވެ. އަދި އޭރު އުމުރުން ތިރީސް ފަސް އަހަރު ނުވާ، އަހްމަދު އަދީބު އަބްދުލްގަފޫރަށް ނާއިބު ރައީސްކަން ދިނުމަށްޓަކައި، ރައީސްކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރަކީ ތިރީސް އަހަރުކަމަށް ގާނޫނު އަސާސީގައި ލިޔުނެވެ.

ދެވަނަ އިސްލާހު: ބޭރު މީހުންނަށް ރާއްޖޭގެ ބިން މިލްކުރެވޭ އިސްލާހު

ގާނޫނު އަސާސީއަށް ގެނައި ދެވަނަ އިސްލާހަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ. މި އިސްލާހުވެސް ގެނައީ ރައީސް ޔާމީން އެވެ. 23 ޖުލައި 2015 ގައި ގެނައި މި އިސްލާހަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް ގެނައި އިސްލާހެވެ. މި އިސްލާހުގެ ތެރޭގައި އެއް ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރާ ޕްރޮޖެކްޓްތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގު ދޫކޮށްލުމާ ގުޅޭ ވާހަކަތައް ހިމެނެއެވެ.

މި އިސްލާހުތައް ޕީޕީއެމުން ގެނައީ، އެމްޑީޕީގެ ބައެއް މެންބަރުންގެ އެހީތެރިކަމާވެސް އެކުއެވެ. މި އިސްލާހުތައް، އިތުރު ބާބެއްގެ ގޮތުގައި ގާނޫނު އަސާސީގައި ލިޔުނެވެ. އެއީ ފަނަރަވަނަ ބާބެވެ.

ތިންވަނަ އިސްލާހު: ވެރިކަން ބަދަލުވެ، އިހު ހުރި ގޮތަށް ބަދަލުކުރަން ގެނައި އިސްލާހު

ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަވެސް ކުރައްވަން ޖެހިވަޑައިގެންނެވި އެއް ކަމަކީ، ރައީސް މައުމޫނާ، ގާސިމް އިބްރާހީމަށް ވެރިކަމަށް އައުމުގެ ދޮރުތައް ބަންދު ކުރެވިފައިވާ ކުރުން ނިމުމަކަށް ގެނެސް އެ ދޮރުތައް ހުޅުވާލުމުވެ. 

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގާނޫނު އަސާސީއަށް ގެންނެވި އެންމެ ފުރަތަމަ އިސްލާހަކީ، ފުރަތަމަ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު އިރު އޮތް ގޮތަށް ރައީސްކަމަށް އަންނަ މީހެއްގެ ޝަރުތުތައް ބަދަލު ކުރުމެވެ. މިއީ ގާނޫނު އަސާސީއަށް ގެނެވުނު ތިންވަނަ އިސްލާހެވެ. މި އިސްލާހު ގެނެވުނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު 28 ވަނަ ދުވަހުއެވެ. ވެރިކަމުގެ އެންމެ ކުރީކޮޅުއެވެ.

ހަތަރުވަނަ އިސްލާހު: ބިން މިލްކު ކުރެވޭ އިސްލާހު އަލުން އިހު އޮތް ގޮތަށް ބަދަލުކުރުން

ގާނޫނު އަސާސީގައި އިތުރު ބާބެއް ހިމަނައި، ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް އޮތް އިސްލާހުތައް ބާތިލުކޮށް އިހު އޮތް ގޮތަށް ގާނޫޏު އަސާސީ ބަދަލު ކުރީ ދެހާސް ނަވާރަވަނަ އަހަރުގެ އޭޕްރީލް މަހުގެ ތޭވީސްވަނަ ދުވަހު އިބްރާހީމް މުހައްމަދު ސާލިހުއެވެ. މި ބަދަލާއި އެކު ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ބޭރުގެ އެއްވެސް ބަޔަކަށް މިލްކު ނުކުރެވޭނެ ގޮތަށް އަލުން ކަނޑައެޅުއްވިއެވެ.

ފަސްވަނަ އިސްލާހު: ކައުންސިލްގެ ތަކުގެ އުމުރު ދިގުކުރުން

އިހު އޮތް ގޮތަށް ގާނޫނު އަސާސީ ބަދަލުކުރުން ފިޔަވައި، އިބްރާހިމް މުހައްމަދު ސާލިހު ގާނޫނު އަސާސީއަށް ގެންނެވި ފުރަތަމަ ބަދަލަކީ، ކައުންސިލްތަކުގެ ދައުރާ، އިންތިޚާބާ ގުޅޭ ގޮތުން ގެންނެވި ބަދަލުތަކެވެ. ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެފަހަރު ގެންނެވި އިސްލާހުތަކުގެ އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިހާބު ކުރެވޭ ކައުންސިލްގެ އުމުރަކީ ތިން އަހަރުކަމުގައި އޮތް އޮތުން ފަސް އަހަރަށް ބަދަލު ކުރުމެވެ.

ހަވަނަ އިސްލާހު: ކޮވިޑުގެ ބަލިމަޑުކަމާހެދި ކައުންސިލްތަކުގެ ދައުރު ދަންމައިލުން

ގާނޫނު އަސާސީއަށް ގެނެވުނު އެންމެ ފަހު އިސްލާހަކީ، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވިގެން އިންތިހާބު ބޭއްވި އާ ކައުންސިލްތައް ހުވައި ކުރެވެންދެން ކުރިން އޮތް ކައުންސިލްތައް ދެމި އޮންނާނެ ކަމަށް ކަނޑައެޅި އިސްލާހެވެ. މިއީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގެންނެވި އިސްލާހެކެވެ. މިއީ މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީއަށް ގެނެވުނު އެންމެ ފަހު އިސްލާހެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް