ads
ވެކްސިން ޑޯޒްތައް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިޔާތުގެ ތެރެއިން--
ރާއްޖެއަށް 99,450 ޑޯޒް ވެކްސިން އެމެރިކާއިން ހަދިޔާކޮށްފި
ކޮވިޑް-19 އިން ދިފާއުވުމަށް ބޭނުންކުރާ ކޮވިޑް ވެކްސިންގެ 99450 ޑޯޒް އެމެރިކާއިން ރާއްޖެއަށް މިއަދު ހަވާލުކޮށްފި އެވެ.

މީގެ ދެމަސް ކުރިން ވެސް އެމެރިކާއިން ވަނީ ފައިޒާ ވެކްސިނުގެ 100,620 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިޔާތުގައި މިއަދު ހަދިޔާ ކުރި 99450 ވެކްސިން ޑޯޒާއި ހަވާލުވެވަޑައިގަތީ މިނިސްޓަރު އަހްމަދު ނަސީމެވެ. މިއަދު ހަދިޔާކޮށްފައިވަނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ. 

އެމެރިކާއިން ވަނީ މީގެ ކުރިންވެސް ރާއްޖެއިން ކޮވިޑުގެ ބަލިމަޑުކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އެހީވެދިނުމުގެ ގޮތުންނާއި، ސިއްހީ ދާއީރާ އިތުރަށް ހަރުދަނާ ކުރުމަށް ހަތް މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރު ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި މިހާރު ބޫސްޓަޑޯޒުގެ ދެވަނަ ޑޯޒް(ހަތަރުވަނަ ބޫސްޓަ) ވެސް އަންނަނީ ޖަހަމުން ނެވެ. ރާއްޖޭގައި މިހާތަނަށް ވެކްސިން ޖަހާފައިވާ ގޮތަށް ބަލާއިރު، ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 399،25 މީހަކު ޖަހާފައި ވެއެވެ. މިއީ ވެކްސިން ޖެހޭ މީހުންގެ އާބާދީގެ 88.12 އިންސައްތަ އެވެ. 

ދެވަނަ ޑޯޒް 384،784 މީހުން ޖަހާފައިވެއެވެ. މިއީ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އުމުރުފުރާގެ 87.98 އިންސައްތަ އެވެ. 

އަދި ތިންވަނަ ޑޯޒް(ބޫސްޓަ ޑޯޒް 1) 166،064 މީހުން ޖަހާފައިވެއެވެ. މިއީ ވެކްސިންޖެހުމަށް ޝަރުތު ހަމަވާ މީހުންގެ 36.28 އިންސައްތަ އެވެ. މީގެ އިތުރުން ބޫސްޓަ ޑޯޒްގެ ދެވަނަ ޑޯޒް 973 މީހުން ޖަހާފައި ވެއެވެ. މިއީ 0.21 އިންސައްތަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް