އަންގާރަ ދުވަހު ސިޑްނީ ޝެރެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމް އިންޑަކްޝަން ސެރެމަނީގައި މި ޝަރަފު، ޝަމާލްއަށް ލިބިވަޑައިގެންނެވިކަމުގެ ލިޔުމާއި، އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ މެމެންޓޯ ހަވާލުކޮށްދެއްވީ ނޭޝަނަލް ޑިފެންސް ޔުނިވަސިޓީގެ ރައީސް، ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ލެފްޓިނެންޓް ޖެނެރަލް މައިކް ޕްލެއިން އަދި މޭޖަ ޖެނެރަލް ޝަމާލް ވަނީ އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޗީފް އޮފް ޑިފެންސް ފޯސްގެ ފޮޓޯ ކަޝްފުކޮށްދެއްވާފަ އެވެ.
އިންޓަނޭޝަނަލް ފެލޯސް ހޯލް އޮފް ފޭމްގެ ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަސިޓީން ރަންވަނަތައް ހޯދައި، މަތީ ފެންވަރުގައި ދަސްވެނިވުމަށްފަހު އަސްކަރިއްޔާތަކުގެ ޗީފުންގެ މަޤާމަށް އައްޔަނުކުރެވޭ ފަރާތްތަކުގެ އިތުރުން، ސަރުކާރުގެ އިސް މަޤާމުތަކާއި، އިންޓަނޭޝަނަލް އޯގަނައިޒޭޝަންތަކުގެ އިސް މަޤާމުތައް އަދާކުރައްވާ ފަރާތްތަކުގެ ތެރެއިން، އިންޓަނޭޝަނަލް ޕީސް އެންޑް ސްޓެބިލިޓީއަށް ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަތަކަށް އެރުވޭ ޝަރަފެކެވެ.
މި ޝަރަފަކީ ނޭޝަނަލް ޑިފެންސް ޔުނިވަސިޓީން އެ ޔުނިވަސިޓީގެ ދަސްވެނިންނަށް އަރުވާ ޝަރަފުތަކުގެ ތެރެއިން އެންމެ މަތީ ޝަރަފެވެ. ނޭޝަނަލް ޑިފެންސް ޔުނިވަސިޓީން ދަސްވެނިވެފައިވާ ދިވެހިންގެ ތެރެއިން މި ޝަރަފު އެރުވުނު އެންމެ ފުރަތަމަ ބޭފުޅަކީ ޝަމާލްއެވެ.
ޝަމާލްއަކީ،2011 އިން 2012 އަށް ނޭޝަނަލް ޑިފެންސް ޔުނިވަސިޓީގައި ހިންގި މާސްޓަ އޮފް އާޓްސް އިން ސްޓްރެޓީޖިކް ސެކިއުރިޓީ ސްޓަޑީސް ޕްރޮގްރާމުގައި ރަންވަނަތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މޭޖަ ޝަމާލް ވަނީ މި ޕްރޮގްރާމުގެ ހުރިހާ މާއްދާއަކުން "އޭ ޕްލަސް" ހޯއްދަވައި، 4.0 ގެ ގްރޭޑް ޕޮއިންޓް އެވަރެޖް ހޯއްދަވާފަ އެވެ. އަދި މި ކޯހުގެ "ޑިސްޓިންގްއިޝްޑް އޮނަގްރެޖުއޭޓްގެ" މަޤާމު ހާސިލުކުރެއްވުމުގެ އިތުރުން "އޮނާޑްތީސަސް" ގެ ގޮތުގައި މޭޖަ ޝަމާލް ހުށެހެޅުއްވި ތީސިސް ވަނީ ހޮވިފައި އެވެ.
ޝަމާލުގެ އިތުރުން، ހަތަރު ޤައުމަކުން ހަތަރު ބޭފުޅަކަށް މި ޝަރަފުއަރުވާފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިފެންސް ޔުނިވަސިޓީގެ ރައީސް ވަނީ ޝަމާލްގެ އަސްކަރީ ހަޔާތުގެ އިތުރުން އިލްމީ ދާއިރާއިން ހޯއްދަވާފައިވާ މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވައި އެކަމަށްޓަކައި ނޭޝަނަލް ޑިފެންސް ޔުނިވަސިޓީ ފަހުރުވެރިވާކަމަށް ވިދާޅުވެފަ އެވެ.