އަލަމްގީރް އާއި އެކު އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.
އޭނާ އާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭ ސަރުކާރުގެ އެކި މުވައްސަސާތަކުގައި މަސައްކަތް ކުރަމުން އަންނަ އިސްފަރާތްތައް ހިމެނެ އެވެ. އަދި ފުލުހުން އެ މައުލޫމާތު އެ މުވައްސަސާތަކާއި ހިއްސާ ކުރުމުން އެ މީހުން މަގާމުން ސަސްޕެންޑު ކުރަމުން އަންނަކަންވެސް ފާހަގަ ކޮށްލެވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ޕާސްޕޯޓު ހިފަހައްޓާފައިވާ ދެ މީހެއް އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިއުމުގެ ވަގުތީ ހުއްދައެއް ދީފައި ވާކަމަށެވެ. އަދި އެ ދެ މީހުންނަކީ، އުމްރާގެ އަޅުކަން އަދާ ކުރުމުގެ އިންތިޒާމް މީގެ ކުރިން ހަމަޖައްސައިފައި ތިބި ދެ މީހުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު، މި ކަމުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުން ވަނީ މައްސަލަ ތަހުގީގު ކުރަން ފެށުމާއި އެކު ރާއްޖެއިން ބޭރަށް ގޮސްފަ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެއްޖިންސުން އަލަމްގީރް އާއި އެކު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ އިތުރުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އާއި، ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ އިތުރުން ފުލުހެއް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން ނާޒިމް ސައްތާރު އާއި ފުލުސް މީހާގެ މައްޗަށް ދައުވާ ކުރުމަށް މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.