ads
އެހެން ނޫސްތަކުގެ ކޮންޓެންޓުތައް ބޭނުންކޮށްގެން ވިޔަފާރި ކުރަމުންދިޔަ އެފްބީ ޕޭޖު——
ނޫސްތަކުގެ ލިއުންތައް ވިޔަފާރި އުސޫލުން ބޭނުންކުރި ވެބްސައިޓެއްގެ މައްސަލަ ފުލުހަށް
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ނޫސްތަކުގެ ކޮންޓެންޓުތައް އެ ނޫސްތަކުގެ ހުއްދަނެތި، އަމިއްލަ ފަރާތެއްގެ ވެބްސައިޓުގައި ވިޔަފާރި އުސޫލުން ބޭނުންކުރަމުންދިޔަ މައްސަލަ ފުލުހަށް ހުށަހަޅަން، މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.
Advertisement

"ކޮޕީރައިޓާ އެއާއި ގުޅޭ ހައްގުތަކުގެ ގާނޫނު" ބުނާގޮތުން، އެއްވެސް ނޫހެއްގެ ނުވަތަ މީހެއްގެ އަމިއްލަ ލިއުމެއް އަދި އެހެންވެސް ކޮންޓެންޓެއް ހުއްދަ ނެތި ބޭނުންކުރުމަކީ 50,000 ރުފިޔާ އާއި 300,000 ރުފިޔާ އާއި ދެމެދުގެ އަދަދަކުން އެ ބޭނުންކުރި މީހަކު ޖޫރިމަނާ ކުރެވިދާނެ ޖިނާއީ ކުށެކެވެ. 

މި ގާނޫނުގެ ދަށުން މީޑިއާ ކައުންސިލުން މައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ މީހަކު ފޭސްބުކު ޕޭޖެއްގައި "މީސް މީޑިއާ" ނަމުގައި ހިންގަމުން އަންނަ ވެބްސައިޓަކާއި ދެކޮޅަށެވެ. މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ، އެ ވެބްސައިޓުގައި ރާއްޖޭގެ އެތައް ނޫސްތަކެއްގެ ކޮންޓެންޓުތައް ބޭނުންކުރަމުންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ލިއުންތައް އެ ވެބްސައިޓުން ބޭނުންކުރަމުންދަަނީ މަހަކު 30 ރުފިޔާގެ ސްބްސްކްރިބްޝަން ފީއެއް އަމިއްލަ މީހެއްގެ އެކައުންޓަށް ޗާޖު ކުރާ ގޮތަށް ކަމަށް ވިދާޅުވި އެވެ. 

" އަޅުގަނޑުމެން އެމައްސަލަ ފާހަގަވެގެން ބެލެއިރު ފައިސާ ޖަމާކުރުމަށް ވެބްސައިޓުގައި ހިމަނާފައިވާ އެކައުންޓު ނަންބަރަކީ އަމިއްލަ މީހެއްގެ އެކައުންޓެއް. ފޭސްބުކު ޕޭޖުގައި ކުޑަލިއުންކޮޅަކާއިއެކު ވެބްސައިޓު ލިންކު ހިމަނާފައި އިންނަނީ. އެއަށްވަދެ އިތުރަށް ކިޔާލެވެނީ 30 ރުފިޔާގެ ސަބްސްކްރައިބް ފީ އަކާއިއެކު، އޭގައި ހުންނަނީ އެހެން ނޫސްތަކުގެ ކޮންޓެންޓުތައް" ޝަފާއު ވިދާޅުވި އެވެ.

ޝަފާއު ވިދާޅުވީ އެމައްސަލަ އިއްޔެ ބޭއްވި އެކައުންސިލުގެ ބައްދަލުވުމުގައި ބެލުމަށްފަހު، މިއަދު ފުލުހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެވެބްސައިޓު ހިންގަމުންދާ ފަރާތާއިމެދު ގާނޫނުގައި އޮންނަ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

ނޫސްތަކުގެ ކޮންޓެންޓުތައް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ހިންގަމުންދިޔަ މި ވެބްސައިޓު މިހާރު ވަނީ ޑައުންކޮށްފަ އެވެ. 

ނޫސްތަކުގެ ހަބަރުތަކާއި ރިޕޯޓުތައް ފޭސްބުކް ޕޭޖުތަކުގައި ވެސް ބައެއް ފަހަރު އެ ނޫސްތަކުގެ ހުއްދަނެތި އަދި ރިފަރެންސް ނުދީ ހިމަނާފައި ހުންނަކަން ފާހަގަކުރެވެ އެވެ. ނޫސްތަކާއި، މީހެއްގެ އަމިއްލަ އުފެއްދުންތައް ހުއްދަނެތި، އެހެން ބަޔަކު އަމިއްލަ ބޭނުމަށް ނުވަތަ ފިޔަފާރި ބޭނުމަށް ބޭނުންކުރާނަމަ ޖިނާއީ ދައުވާގެ އިތުރުން މަދަނީ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގުވެސް ލިއުމުގެ ވެރިފަރާތައް އޮވެ އެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް