ރާއްޖޭގައި ފުރަތަމަ ފައިބަ އޯޕަން އެކްސަސް ނެޓްވޯކް ގާއިމް ކުރި ފަންބޮނޑި މޯލްޑިވްސްއިން އެލްޖީއޭއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެލްޖީއޭ އިން އެކުންފުންޏަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން އެކުންފުންޏާއި ދޭތެރޭ ތަފާތުކޮށް ހުއްދަ ނުދީ ހިފަހައްޓާފައި ވާތީ ފޮނަދޫ ކައުންސިލާއި ދެކޮޅަށް އަދުލްވެރި ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ވެސް އެކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
ލާމް އަތޮޅު ކައުންސިލުން ވެސް ވަނީ ނެޓްވޯކް އެޅުމުގެ ހުއްދަ ފަންބޮނޑިއަށް ނުދީ ފޮނަދޫ ކައުންސިލުން ހިފަހައްޓާފައި ވަނީ އުސޫލެއް ހަމައެއްނެތި، ގަވައިދާ ހިލާފަށް ކަމަށް ކުރިން ބުނެފަ އެވެ.
އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަން ވެސް ކުރައްވާ ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒު ސޮއިކުރައްވާ ފަންބޮނޑިއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެރަށުގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަ އޯޕަން އެކްސަސް ނެޓްވޯކެއް ގާއިމްކޮށް ހިދުމަތް ދެމުންދާތީ ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެން ނަމަވެސް ފަންބޮނޑި މޯލްޑިވްސް އިން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެރަށުގައި ހަމައެކަނި ފައިބަ ނެޓްވޯކެއް ގާއިމްކޮށްފައި ވަނީ ދިރާގުން ކަމަށެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ބޭނުން ކުރާ ފައިބަ އޯޕަން އެކްސަސް ނެޓްވޯކަކީ ޓެކްނޮލޮޖީގެ އެތައް ހިދުމަތްތަކެއް އެންމެ ކަނެކްޝަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަ ނިޒާމެކެވެ.
ފަންބޮނޑިން ގެންދަނީ މިހާރު ވެސް އިތުރު ހަތް ރަށުގައި މިފަދަ ނެޓްވޯކްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.