ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ޒިޔަތު އާއި އެކު ދައުލަތުން ހެދި އެއްބަސްވުމުގެ ދަށުން ޒިޔަތު ވަނީ 32 ދައުވާއަކަށް އިއުތިރާފްވެފަ އެވެ.
ޒިޔަތު އޭނާގެ މައްޗަށް ކޮށްފައިވާ 32 ދައުވާއަކަށް އިއުތިރާފްވެފައި ވަނީ ޅ.މާބިންހުރާގެ މައްސަލާގައި އަށް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރުމުން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގަ އެވެ.
ދެހާސް ވިހި ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި އޮތް މި އަޑުއެހުމުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ޑރ.މުހައްމަދު އިބްރާހީމް ވަނީ ޖަލު ހުކުމުގެ އިސްތިއުނާފް އަނބުރާ ގެންދިއުމަށް އެދި ޒިޔަތުގެ ފަރާތުން ސިޓީއެއް ފޮނުވާފައިވާކަމަށް ވިދާޅުވެފަ އެވެ. އެފަދަ ސިޓީއެއް ފޮނުވާފައިވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ޒިޔަތު ވަނީ އެފަދަ ސިޓީއެއް ފޮނުވާފައިވާކަމަށް ބުނެފަ އެވެ. އަދި އެއީ އަމިއްލަ އިހުތިޔާރުގައި އެއްވެސް މަޖުބޫރުކަމެއް ނެތި ފޮނުވާފައިވާ ސިޓީއެއްކަމަށާއި، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން ނިންމެވި ނިންމުމެއްކަމަށްވެސް ޒިޔަތު އެދުވަހު ބުންޏެވެ.
ޒިޔަތާއެކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެއްބަސްވުމެއް ހަދާފައިވަނީ ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަޝްވަރާކުރުމަށްފަހު އެވެ. އަދި މިކަމުގެ ބަދަލުގައި ޒިޔަތުގެ އަދަބަށް ލުއި ގޮތެއް ހެދުމަށް ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.
އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުލަތުން ޒިޔަތުއާއި އެކު ހެދި އެއްބަސްވުން ވަނީ އުވާލާފަ އެވެ. އެހެން ނަމަވެސް ދައުލަތުން އެއްބަސްވުން އުވާލީ ކޮން ސަބަބަކާއި ހުރެ ކަމެއް އަދި ސާފެއް ނުވެ އެވެ.
މިކަމާއި ގުޅުގެން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު މިރޭ "ސީއެންއެމް" އަށް ވިދާޅުވީ، މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރެއްވުމަށްފަހު ހިއްސާ ކުރައްވާނެ ކަމަށެވެ.
ޒިޔަތުއާއި އެކު ދައުލަތުން ހެދި އެއްބަސްވުމުގެ ދަށުން ޒިޔަތަކީ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެކެވެ.