ads
އާތިފް ޝަކޫރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް
އާތިފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި
އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަދަނީ މިންގަނޑަށް ފެތޭ ކަމަށް ކަނޑައަޅައި މައްސަލަ ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
Advertisement

ދައުލަތުން އޭނާ އާއި ދެކޮޅަށް މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފްވުމުގެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އާތިފްގެ ފަރާތުން ވަކާލާތު ކުރައްވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިތައް ހާމަކޮށްދިނުމަށް އެދި އަމުރެއް ނެރެދިނުމަށެވެ. 

އެކަމާއި ގުޅިގެން ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ، މިކަމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ހުށަހަޅަންޖެހޭ ކަމެއް ކަމަށާއި، މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިނގާ އިބުތިދާއީ މަރުހަލާގައި މިކަން ހުށަނޭޅޭނެ ކަމަށެވެ. 

ދައުލަތުގެ ވަކީލުގެ ވާހަކައަށް ތާއީދު ކުރައްވާ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ، ދައުލަތުގެ ފަރާތުން މި މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅާފަ އެވެ. އަދި ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއް ހުށަހަޅަން ބޭނުންވޭތޯ ގާޒީ ވަނީ އައްސަވާފަ އެވެ. 

އެކަމާއި ގުޅިގެން އާޒިމާ ވިދާޅުވީ، މަދަނީ މިންގަނޑަށް ދައުވާ ފެތުމާއި ގުޅޭ ގޮތުން ދިފާއުން ގިނަ ކަންކަން ފާހަގަ ކުރުމަށް ބޭނުން ވާކަމަށާއި، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމީ، ދެ ފަރާތުންވެސް ފާހަގަކުރުމަށް ބޭނުންވާ ގާނޫނީ ނުކުތާތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ ކަމަށެވެ. 

މިކަމާއި ގުޅިގެން އިސް ގާޒީ ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންދަނީ، ދެ ފަރާތަށްވެސް ހަމަހަމަ ކަމާއި އެކު އެއް އުސޫލަކުން ކަމަށާއި، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދަން ޝަރީއަތުން ނިންމުމުން ދެން އެކަމަށް އިތުރު ފުރުސަތު ނެތް ކަމަށެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެ ފަރާތަށްވެސް 10 ދުވަސް ދެއްވާ ކަމަށާއި، މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 14:00 ގައި މި މައްސަލައިގެ އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ގާޒީ ވަނީ ނިންމަވާލައްވައިފި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް