ads
ކުރީގެ ނައީބް ރައީސް އަހުމަދު އަދީބު އަދި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު-
އާރަށު މައްސަލަ: އަދީބާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނަގަނީ
ވ. އާރަށް ތަރައްގީ ކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިން ކަމަށްވާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއްދުވަހެއްގައި ނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިއަދު މި މައްސަލަ އާއި ގުޅިގެން ކޯޓުގައި އޮތީ، ޒިޔަތުގެ ހެކިބަސް ނެގުމެވެ. އެހެން ނަމަވެސް މި މައްސަލާގައި ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވަނީ އެކަމަށް އިއުތިރާޒްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ވަކީލު ވިދާޅުވީ، އެ ދެ ހެކިންގެ ހެކިބަސް ދެ ދުވަހެއްގައި ނަގާނަމަ ހެކި އެއްގޮތަށް ފަރުމާ ކޮށްގެން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެހެން ކަމުން އަދީބު އާއި ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް އެދޭ ކަމަށެވެ. 

މިކަމާއި ގުޅިގެން މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން ވަނީ މިދިޔަ އާދީއްތަ ދުވަހު އެކަން ބަޔާންކޮށް ކޯޓަށް ސިޓީއެއް ހުށަހަޅާފައި ވާކަމަށް ވިދާޅުވެފަ އެވެ. އަދި މި ދެ ފަރާތަކީ ރައީސް ޔާމީން އާއި މެދު އަދާވާތްތެރި ކަމެއް އޮވެދާނެ ދެ ބޭފުޅުން ކަމަށްވުމުން ވަކިގޮތަކަށް ހެކި ބައްޓަން ކުރަން ކިރިޔާވެސް ފުރުސަތެއް އޮތް ނަމަ އެކަމަށް ފުރުސަތު ނުދިނުމަށް ވަނީ އެދިފަ އެވެ. 

ދިފާއުގެ ވަކީލުން މިކަން ފާހަގަ ކުރެއްވުމުން ދައުލަތުގެ ފަރާތުން ވިދާޅުވީ، މީގެ ކުރިންވެސް މި މައްސަލައިގެ ޝަރީއަތުގައި ހެކިންގެ ހެކިބަސް ދެ ދުވަހެއްގައި ނަގާފައި ވާކަމަށާއި، އޭރު ދިފާއުން އެކަމަށް އިއުތިރާޒް ކޮށްފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ދިފާއުން މި ދެ ހެކިންގެ ހެކިބަސް އެއް ދުވަހަކު ނެގުމަށް އެދުނު އެދުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ. 

މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވަނީ. މި ދެ ހެކިންގެ ހެކިބަސް މިމަހުގެ 30 ވަނަ ދުވަހު ނެގުމަށް ތާވަލްކޮށް އަޑުއެހުން ނިންމަވާލައްވާފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް