ads
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
މިވަގުތަށް ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު: މަހުލޫފް
ދިވެހިންނަށް މިވަގުތަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމުގެ ބަހުސް ގަދަވެފައި މިވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ރައީސް މުހައްމަދު ނަޝީދު ފެއްޓެވުމާއި ގުޅިގެންނެވެ. އެމަނިކުފާނު ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނަށް ގެނައުމަށް ނިންމާފައިވާ އިސްލާހުގެ ޑުރާފްޓު ހިއްސާ ކުރައްވާފަ އެވެ. 

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބާރުތައް ބޮޑުވަޒީރަށް ދިނުމަށް ރައީސް ނަޝީދު ތާއީދު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނު ވަނީ މިކަމަށް ހުރިހާ ފަރާތްތަކެއްގެ ރުހުންވެސް ބޭނުން ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒް އާއި ފޮރިން މިިނިސްޓަރު އަބްދުﷲ ޝާހިދު އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ބަރުލަމާނީ ނިޒާމަށް އެބޭފުޅުންގެ ތާއީދު ނެތް ކަމަށް ވިދާޅުވެފަ އެވެ. 

ވެރިކަމުގެ ނިޒާމުގެ ވާހަކަ ދެކެވެމުން ދާއިރު، މިކަމާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ނިޒާމާއި މެދު ގެންގުޅުއްވާ ވިސްނުންފުޅަށް އެބޭފުޅާގެ ތާއީދު އޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. 

"ރައީސް ސޯލިހު ރިޔާސީ ނިޒާމާމެދު ގެންގުޅުއްވާ ވިސްނުންފުޅަށް ތާއީދުކުރަން. މިވަގުތާއި ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ނިޒާމެއްގައި ކުރިއަށްދިއުން ކަމުގައިދެކެން." މަހުލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުމަށް ނިންމަވާފައިވާ، ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އިސްލާހުގެ ޑްރާފްޓުގައި ވާގޮތުން، ރާއްޖޭގެ ރައީސް ކަމަށް އައްޔަން ކުރައްވާ ބޭފުޅަކީ ރައްޔިތުންގެ 35 އިންސައްތަ ވޯޓު ލިބޭ ބޭފުޅަކަށް ވާންޖެހެ އެވެ. 

މިކަން ތަފްސީލް ކޮށްދެއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމު އޮންނަ ދުނިޔޭގެ އެހެން ގައުމުތަކުގައި ރައީސް އަކީ މަޖިލީހުން އައްޔަން ކުރާ މީހެއް ކަމަށާއި، ރައީސް އަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ދީފައިވަނީ ހަމައެކަނި ރަމްޒީ ބާރުތަކެއް ކަމަށެވެ.

އެހެން ނަމަވެސް ރާއްޖެއަށް ތައާރަފްކުރު ނިޒާމުގައި ދައުލަތް ހިންގުމުގެ ގިނަ ބާރު ތަކެއް ރައީސް އަށް ދީފައި ވާނެ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމަށް މަޖިލީހަށް ނަން ފޮނުވުމުގެ ބާރާއި، ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރާއި، ސިފައިންގެ އެންމެ މަތީ ވެރިޔާ ކަމާއި، ހަނގުރާމަ ނުވަތަ ސުލްހަ އިއުލާންކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރުގެ އިތުރުން ގިނަ ބާރުތަކެއް ރައީސް އަށް މި އިސްލާހުގައި ދީފައި ވާނެ ކަމަށެވެ. 

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީސް އުވާލެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ގާނޫނަށް ގެނައުމަށް މަސައްކަތް ކުރާ އިސްލާހުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް