ads
ގާސިމް ހަސަން (ކ) ގައި އަދި އަދުހަމް މުހައްމަދު (ވ)ގައި
ޝަރީއަތުގައި އިއުތިރާފްވުމަށްފަހު އަދުހަމް މިއަދު ދައުވާއަށް އިންކާރުކޮށްފި
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ދައުވާ ލިބޭ މުހައްމަދު އަދުހަމް ޝަރީއަތުގައި އިއުތިރާފުވުމަށްފަހު މިމައްސަލައިގައި މިއަދު ބޭއްވި އަވަސް ނިޔާ ޝަރީއަތުގެ މަޖިލީހުގައި އޭނާ ދައުވާއަށް އިންކާރުކޮށްފި އެވެ.
Advertisement

ޝަރީއަތުގެ މަޖިލީހުގައި މިއަދު ވާހަކަދައްކަމުން އަދުހަމް ބުނީ އޭނާ ގަސްދުގައި މީހަކު މަރަލާފައި ނުވާނެ ކަމަށާއި މީގެކުރިން ކުށަށް އިއުތިރާފްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދުހަމް ބުނީ އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށެވެ. އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށްވެސް ބުންޏެވެ. އެވަގުތު ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ވާރިސުންނާއި ފުލުހުން ވެސް ހާޒިރުވެ ތިއްބެވެ. 

ގާސިމް މަރާލި ކަމަށް އަދުހަމު މީގެކުރިން ވަނީ ފުލުހުންގެ ތަހުގީގުގައިވެސް އިއުތިރާފްވެފަ އެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުކުރުމުން އެ ދުވަހުވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އޭނާ އެއްބަސްވުމެއް ހެދުމަށްފަހު އެވެ.

ޝަރީއަތުގެ މަޖިލީހުގައި އެ ދުވަހު ދައުލަތުން ދައުވާ އިއްވުމުން އަދުހަމް ބުނީ ދައުވާ ސާފުވެއްޖެ ކަމަށާއި ގާސިމް މަރާލި ކަމަށް އިއުތިރާފްވާ ކަމަށެވެ. އޭނާއަށް އެކަން ކުރެވުނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވާތީ އެކަމާ މިހާރު ދެރަވެ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ. ކުރެވުނު ކުށަށް ތައުބާވުމުގެ ގޮތުން ތައުބާގެ ނަމާދުވެސް ކޮށްފައިވާ ކަމަށާއި އޭނާއަށް ކުރެވުނު ކުށަށް ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް އެ ދުވަހު ބުންޏެވެ. އެވަގުތު ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ބައެއް ވާރިސުން ތިއްބެވެ.  

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އެވެ.  އަދުހަމްގެ މައްޗަށް މައްސަލަ ސާބިތުވެއްޖެނަމަ އަދި އޭނާ މެރުމަށް ހުރިހާ ވާރިސުން އެއްބަސްވެއްޖެނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާނެ އެވެ. ނަމަވެސް އަދުހަމް މެރުމަށް އެއްވެސް ވާރިސަކު ދެކޮޅު ހަދައިފިނަމަ އޭނާ ދައުލަތާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން އަދުހަމްގެ މައްޗަށް އިއްވާނީ 17 އަހަރާއި ހަމަސް ދުވަހަށް ޖަލަށްލުމުގެ ހުކުމެކެވެ. 

ގާސިމް މަރާލި ކަމަށް އަދުހަމް މީގެކުރިން އިއުތިރާފްވެފައިވާތީ މިއަދުގެ އަޑުއެހުން ތާވަލްކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަދުހަމްގެ މައްޗަށް ހުކުމް އިއްވައިި، ވާރިސުންގެ ބަސް ހޯދައި، އަދަބު ކަނޑައެޅުމަށެވެ. ނަމަވެސް އަދުހަމް ކުށަށްވީ އިއުތިރާފް އަނބުރާ ގެންގޮސްފައިވާތީ ދައުލަތުން މިއަދު ވަނީ އަދުހަމާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މިމައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް އެދިފަ އެވެ. އެހެންކަމުން މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ރަޝީދު ވަނީ މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައި ހެކި ހުށަހަޅައިގެން މައްސަލައާއި މެދު ގޮތެއް ނިންމުމަށް ނިންމަވާފަ އެވެ.

ގާސިމް މަރާލުމަށްފަހު ފިލައިގެން އުޅެނިކޮށް ފުލުހުން އަދުހަމް ހޯދައި ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.  

އަދުހަމަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. ގާސިމް މަރުގެ މައްސަލައިގައި އަދުހަމަށް ވަކީލަކު ހަމަޖައްސައިދީފައިވަނީ ދައުލަތުގެ ފަރާތުން ބަންޑާރަނައިބްގެ އޮފީހުންނެވެ. 

ގާސިމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ހުޅުމާލެއިން ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގަ އެވެ.

13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
88%
ވަރަށް ސަލާމް
ކޮމެންޓްސް