ads
މިފަހުން ލާއިންސާނީ އެތައް އަނިޔާތަކެއްކޮށް މަރާލާފައިވާ އަންހެންކުއްޖާގެ ހަށިގަނޑު ގެންދަނީ
"މީހުން މެރުން "ނޯމަލައިޒް" ކޮށްފި، ބަލަން ނުތިބެ ހުއްޓުވާ، ގިސާސް ހިފާ"
"ނަފްސުގެ ހުރުމަތްތެރިކަން" މިމައުލޫއަށް ހާއްސަކޮށްފައިވާ މިއަދުގެ ހުކުރު ހުތުބާގައި ވަނީ، އިންސާނާ ގަތުލުކުރުމަކީ އެންމެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާއިރުވެސް، އެކަމަކީ ވަރަށް ކުޑަކުޑަކަމަކަށް މިއަދު ރާއްޖޭގައި ހަދާފައިވާތީ އެކަމުގެ ބިރުވެރިކަމާއި، އެހެންވެއްޖެނަމަ މުޖުތަމައުއަށް އޮތް މާތްﷲގެ ކޯފާގެ ވާހަަކައިން ނަސޭހަތްތެރިވެފަ އެވެ.
Advertisement

އެއްވެސް ރަހުމެއްނެތި އިންސާނާ މަރާލުމަށްފަހު މިހާރު ރާއްޖޭގައި އެ އިންސާނާ ދޫކޮށްލަނީ ނޫންކަން ވެސް ފާހަގަކޮށް އެކަމުގެ ނުބައިކަމުގެ ވާހަކައިންވެސް ނަސޭހަތްތެރިވެފަ އެވެ. ހުތުބާގައި ބުނީ، ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމުކުރައްވާފައިވާ "މުޡްލާ" ގެ ނުބައި އަމަލު ވެސް މިހާރު މިރާއްޖޭގައި ކުރަމުންދާ ކަމަށެވެ.

" މިއަދު އަހަރެމެންގެ މުޖުތަމައިން މި ބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަކަމެއްގެ ގޮތުގައި. އެއްވެސް ރަހުމެއް، ބިރުވެރިކަމެއްނެތި އިންސާނާ މަރާލުމަށްފަހު ދޫކޮށްލަނީއެއް ނޫން. ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމުކުރައްވާފައިވާ އަމަލެއްކަމުގައިވާ މުޡްލާ ކުރުމުގެ އަމަލެއް ކަމުގައިވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރަނީ." ހުތުބާގައި ބުންޏެވެ.

ނުހައްގުން އެންމެ ނަފްސެއްވެސް މަރާލުމަކީ ހުރިހާ އިންސާނުން މެރުންފަދަ ނުބައި ފާފައެއް ކަން ކީރިތި ޤުރުއާނުގައި ވަނީ ބަޔާންކޮށްދެއްވާފަ އެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. "ނަފްސެއް މަރައިގެން ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް ނަފްސެއް މަރައިފި މީހަކު ހުރިހާ މީސްތަކުން މެރިފަދައެވެ. އަދި އެ ނަފްސު ދިރުވައިފި މީހާ(އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) ހުރިހާ މީސްތަކުން ދިރުވިފަދަ އެވެ. 

ހުތުބާގައި ބުނީ ރާއްޖޭގައި ބޮޑު ފާފައެއް އެއީ ކުޑަކަމެއްކަމުގައި ދެކި އެއްވެސް ރަހުމެއްނެތި މީހުން މަރަމުން ދިޔަނަމަވެސް އަދި އެފަދަ ކަމެއް ކުރަމުންދާއިރު ފެންނައިރުވެސް މުޖުތަމައުގައި ތިބޭ މީހުން އެކަން ހުއްޓުވަން މަސައްކަތް ނުކުރިނަމަވެސް އަދި އިލާހީ ޝަރީއަތުގައިވާ ގިސާސް ހިފުމާއި މަރުގެ ހުކުމް ތަންފީޒު ނުކޮށް ތިބިނަމަވެސް، މާތްﷲގެ ހަޒްރަތުގައި އެއީ ކުޑަކަމެއް ނޫންކަމަށެވެ. 

އަދި ކުޅިބަލަންތިބުމާއި، ތަންފީޒީ އިދާރާތަކުން ޝަރީއަތް ތަންފީޒުނުކުރުމުން އެކުށުގައި މުޅި މުޖުތަަމައު ބައިވެރިވާފަދަ ކުށަކަށް އެކުށް ވެދާނެކަމަށްޓަކައި އަދި އާއްމުވެގެންވާ ކޯފާއެއް އަތުވެދާނެ ކަމަށްޓަކައި މާތްﷲ އަށް ބިރުވެތިވުމަށް އިލްތިމާސްކޮށްފައިވެއެވެ.

"ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: މީހަކު ގަތުލުކުރުމަށްވުރެ މުޅި ދުނިޔެ ހަލާކުވެ ނެތިދިއުން ވަނީ މާތްﷲގެ ހަޒްރަތުގައި ވަރަށް ކުޑަކަމެއްގެ ގޮތުގަ އެވެ. އުޑުތަކުގެ އަހުލުވެރިންނާއި، ބިމުގެ އަހުލުވެރިން އެންމެ މުއުމިނަކު ގަތުލުކުރުމުގައި ބައިވެރިވި ކަމުގައިވިޔަސް މާތްﷲ އެއެންމެން ނަރަކަށްއަށް ވައްދަވާ ހުއްޓެވެ."

އިންސާނީ ހައްގުގެ ނަމުގައި ހޯދަދެނީ ގާތިލެއްގެ ހައްގު އެކަނި

ދިރިހުރުމުގެ ހައްގަކީ އިންސާނާގެ އެންމެ އަސާސީ ހައްގުކަމަށްވާއިރު، އެންމެންގެ ލޯމަތީގައި އަނިޔާކޮށް މަރަމުންދާއިރު އަނިޔާ ލިބޭ މީހާގެ ދިފާއުގައި އެއްވެސް ކަމެއް ނުކޮށް ކުޅިބަލަން ތިބެނީ ކިތައް ރައްޔިތުންތޯ މިއަދުގެ ހުތުބާގައި ވަނީ ސުވާލުއުފައްދާފަ އެވެ. ހުތުބާގައި ބުނީ މިއީ ރަހުމެއްހުރި އިންސާނީ މުޖުތަމައުގެ ކޮންމެ މީހަކު ކަރުނައަޅާ ރޯންޖެހޭވަރު ކަމެއްކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)އިން 2017 ވަނަ އަހަރު އާއްމުކުރި ރާއްޖޭގައި މަރާލެވިފައިވާ މީހުންގެ ލިސްޓަށް ބަލާއިރުވެސް 60 އަށްވުރެ ގިނަ ގަތުލު ރިކޯޑުކުރެވިފައި ވެއެވެ. ބައެއް މައްސަލަތައް ފައިލު ދަށުގައި ހިރަފުސްފޮޅާލާނެ މީހަކުވެސް ނެތިފަ އެވެ. 2022 އާއި ހަމަޔަށް އާއިއިރު މިއަދަދު ދެގުނަވެ، ގަތުލުތައް ރަހުމުކުޑަވެސް ވެއްޖެ އެވެ. 

އެވާހަކަ މުޖުތަމައުގައި ދައްކަނީ ހަފްތާއަކަށެވެ. ކުށްވެރިވި މީހަކު ދުވަހަކު ނުވެސް ފެނެ އެވެ. ސާބިތުނުވެގެން ހިނިތުންވެލައިގެން ގާތިލުންތަކެއް އަނެއްކާވެސް މުޖުތަމައުއަށް ދޫވެގެންދާއިރު، ސާބިތުވެ މަރުގެ ހުކުމް އިއްވާފައި ތިބި ބަޔަކުވިއްޔާ ތިބީ "އިންސާނީ ހައްގުތަކުގެ" ނަމުގައި ޖަލުތަކުގައި ކުޑަ އަދަބެއް ތަންފީޒުކޮށްލަ ކޮށްލަ އެވެ. މަރުވި މީހާއާއި، އޭނާގެ އާއިލާގެ ހައްގުތަކުގެ ވާހަކަ އެއީ އޮތް އެއްޗެއް ކަމަކަށްވެސް ނުވެ އެވެ. ނަފްސާނީވި އެތައް ރައްޔިތުންގެ ހައްގެއްވެސް ނެތެވެ. ހަމައެކަނި ކުށެއްނެތް ފުރާނައެއް މަރާލި ކުށްވެރިޔާގެ ހައްގުފިޔަވަ އެވެ. 

ހަމައެކަނި އޮތް ހައްލަކީ ގިސާސް

ހުރުމަތްތެރި ކުރެވިގެންވާ ނަފްސެއް ހައްގަކާއި ނުލާ މަރާލުންފަދަ ބޮޑެތި ކުށްތައް މުޖުތަމައުއިން މަދުކުރުމަށް އިލާހީ ޝަރީއަތް ގާއިމުކުރުން ފިޔަވައި އިތުރު ހައްލެއް ނެތްކަން ހުތުބާގައި ފާހަގަކުރި އެވެ. އެއީ ގިސާސް ހިފުމެވެ.

މީހުން މަރާމީހާގެ މައްޗަށް އޮތީ ބޮޑުވެގެންވާ ކޯފާއާއި، ލައުނަތެވެ. އެފާފައިން ތައުބާވެ އަމަލު އިސްލާހު ނުކުރިނަމަ އެވެ. އަދި އަނިޔާ ލިބޭމީހާގެ އާއިލާއިން ގިސާސް ހިފަން ބޭނުންވާ ހިދު އެ ގިސާސް ހިފުން ވެރިންގެ މައްޗަށް އިސްލާމީ ޝަރީއަތުގައި ވަނީ ފަރުޟުކުރައްވާފަ އެވެ. 

މާތްﷲ ވަހީކުރައްވާފައި ވެއެވެ. " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ގަތުލުކުރެވޭ މީހުންނާއިމެދު ގިސާސް ހިފުން ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެވިއްޖެ އެވެ. މިނިވަނަކަށް މިނިވަނެކެވެ. އަޅަކަށް އަޅެކެވެ. އަންހެނަކަށް އަންހެނެކެވެ. ފަހެ އެމީހާގެ އަހާގެ ފަރާތުން ގިސާސްގެ ބައެއް މާފުކުރެވުނު މީހާ ދަންނާށެވެ. ފަހެ އެމީހާގެ ކިބައިން މަރުގެ ދިޔައަށް ވާރުތަވެރިޔާ އެދުން ހުއްޓެވެ. އަދި އިހުސާންތެރި ކަމާއިއެކު މާފުކުރި ފަރާތައް(މާފުކުރެވުނު މީހާ) އެދިޔަ އަދާކުރުން ހުއްޓެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒްރަތުން ތިޔަބައިމީހުނަށް ދެއްވި ލުޔެކެވެ. އަދި ރަހުމަތެކެވެ. އެއަށްފަހު ދެކޮޅުވެރިވެ، އަދާވަތްތެރިވެއްޖެ މީހާ ދަންނާށެވެ. ފަހެ އެމީހާއަށް ވޭންދެނިވި އަޒާބު ހުއްޓެވެ."
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް