އިންޑިއާ ސްސްޕެންޑް ކުރި ސަބަބު ކަމަށް ފީފާއިން ބުނެފައިވަނީ "ތިންވަނަ ޕާޓީ" ނުފޫޒު ކަމަށެވެ. އެބުނާ ތިންވަނަ ޕާޓީ ކަމުގައި ފެންނަން އޮތީ އިންޑިއާގެ ސުޕްރީމް ކޯޓެވެ.
އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއަކާއިއެކު، ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން، ބާރު ސްޕީޑްގައި ކުރިއަރަމުން އަންނަ ގައުމެކެވެ. އަދި މިފަހަކުން އެގައުމުގެ ފުޓުބޯޅައިގެ ފެންވަރު ކުރު މުއްދަތެއްގައި އުފުލިފައި ވެއެވެ. އަންނަ އަހަރުގެ އޭ.އެޕް.ސީ ކަޕަށް ފިރިހެނުންގެ ސީނިއަރ ޓީމް ކޮލިފައިވުމުގެ އިތުރުން 17 އަހަރުން ދަށުގެ އަންހެނުންގެ ވާލްޑްކަޕް ވެސް ހޯސްޓްކުރަން ހަމަޖެހިފައިވަނީ އިންޑިއާގައެވެ.
ކަން ހިނަގާ ދިޔަގޮތް
ކަން ހިނަގާ ދިޔަގޮތް މިވަގުތު އޮތީ، ސުރުހީގެ ފަހަތުގައި ތަފްސީލް ނުވެއެވެ. އިންޑިއާ ސަސްޕެންޑްކުރި ކަން ފީފާއިން އިއުލާނުކުރީ މިއޯގަސްޓް މަހުގެ 15 ވީ ހޯމަ ދުވަހު ކަމުގައި ވުމުން، މިހިގާދިޔަ ތިން ދުވަހުގެތެރޭ، އިންޑިއާގެ ނޫސްތަކުގެ އިތުރުން ދުނިޔޭގެ ބޮޑެޓި މީޑިއާތަކުންވެސް މިހަބަރު ދަނީ ހޫނުކަންމަތީ ރިޕޯޓްކުރަމުންނެވެ. ވީމާ އިންޑިއާ ސަސްޕެންޑް ކުރިސަބަބާއި ބެހޭގޮތުން މިހާތަނަށް ސާފުވެފައިވާ ކަންކަމަށް ބަލާލުމަކީ ބޭނުންތެރިކަމަކަށް ވާނެއެވެ.
ކޮމިޓީ އޮޕް އެޑްމިނިސްޓްރޭޝަން؛ މައްސަލަ ތިލަވީ، ހަތަރު ވަނަ ޓާމްގެ އިންތިހާބަށް ގާތްވެފައި ވަނިކޮށް، އެސޯސިއޭޝަންގެ ރައީސް، ޕްރަފުލް ޕަޓޭލް އަސާސީ ގަވާއިދާބެހޭ ބައެއް ކަންކަން ސާފުކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުންނެވެ. އެއީ މީގެ ދޮޅު އަހަރު ކުރިންނެވެ. ނަތީޖާއަކަށް ވީ އިންޑިއާގެ ސުޕްރީމް ކޯޓުން، އިސްލާހް ކުރެވިފައިވާ އަސާސީ ގަވާއިދެއްގެ ދަށުން އެސޯސިއޭޝަންގެ އިންތިހާބު މެނޭޖްކުރާނެ ތިން މެމްބަރުން އެކުލެވޭ "ކޮމިޓީ އޮފް އެޑްމިނިސްޓްރޭޝަަން" (ސީ.އޯ.އޭ) އެއް ގާއިމްކޮށް، މިކޮމިޓީގެދަށަށް އޯލްއިންޑިއާ ފުޓްބޯލް ފެޑެރޭޝަން ގެނައުމަށް އަމުރުކުރުމުންނެވެ. މިފަދަ އިންތިގާލީ ކޮމިޓީ ތަކަކީ އާއްމުގޮތެއްގައި ފީފާއިން އެޕޮއިންޓްކުރާ ކޮމިޓީތަކަކެވެ. ވީމާ، މިހިސާބުން ފީފާ އާއި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން އެކުލެވޭ ޑެލިގޭޝަނެއް އިންޑިއާއަށް ޒިޔާރަތްކޮށް، ސްޕޯޓްސް މިނިސްޓްރީއާއި މަޝްވަރާކުރަން ފަށާފައިވެއެވެ. މަޝްވަރާކުރެވެމުންދަނީ ސުޕްރީމްކޯޓުގެ ނިންމުމާއިގުޅިގެން އަރާ ފުށުއެރުންތަކާބެހޭގޮތުންނެވެ. އަދި މިމަޝްވަރާ ތައް މިވަގުތުވެސް ދަނީ ކުރިއަށެވެ. ސުޕްރީމް ކޯޓުން އައްޔަންކުރި ކޮމިޓީއޮފް އެޑްމިނިސްޓަރޭޝަން އިން ފީފާގެ ސަސްޕެންޝަންއާއިމެދު ހައިރާންކަން ފައުޅުކޮށް ބަޔާނެއްވެސް ވަނީ ނެރެފައެވެ.
ސްޕޯޓްސް ކޯޑް؛ އެއް މައްސަލައަކީ އިންޑިއާގެ ސްޕޯޓްސް މިނިސްޓްރީން 2011 ވަނައަހަރުންފެށިގެން ތަމްފީޒުކުރަން ފަށާފައިވާ "ސްޕޯޓްސް ކޯޑް" އާއި ފީފާގެ އަސާސީ ގަވާއިދާ ތައާތަޒްވުމެވެ. އިންޑިއާގެ ސްޕޯޓްސް ކޯޑުގައި ބުނަނީ ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ރައީސުންގެ ޓާމްލިމިޓެއް އޮންނަން ވާނެކަމަށެވެ. އަދި އެއީ 4 އަހަރުގެ ތިން ޓާމްކަމަށެވެ. އެއީ، ވިދިވިދިގެން 12 އަހަރަށްފަހު ރައީސްކަމަށް ކުރިމަތިނުލެވޭނެކަމަށެވެ. އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް، ޕްރަފުލް ޕަޓޭލް މިހާރުވަނީ ވިދިވިދިގެން 3 ޓާމް ފުރިހަމަކޮށްފައެވެ.
އިލެކްޓޯރަލް ކޮލެޖް: ތިލަވި އަނެއް މައްސަލައަކީ، ސުޕްރީމްކޯޓުން ޝަރުތުކުރި، އިންތިހާބުގެ ވޯޓުލެވޭ "އިލެކްޓޯރަލް ކޮލެޖް" ގެ ނިސްބަތާމެދު ހިލާފު އުފެދުމެވެ. ސުޕްރީމް ކޯޓުން ކަނަޑައެޅީ ކޮންމެ ސްޓޭޓް އެސޯސިއޭޝަނަކަށް (36 އެސޯސިއޭޝަން)، އެއްވޯޓް ދިނުމަށްފަހު، ހަމައެއަދަދަށް ކުޅުންތެރިންނަށް ވޯޓު ލުމުގެ ހައްގު ދިނުމަށެވެ. މިފަދަ ކުޅުންތެރިންނަކީ "އެމިނަންޓް ޕްލެޔާސް" ނުވަތަ އިހްތިތާމް ލިބިގެންވާ ކުޅުންތެރިންނަށް ވާންޖެހެއެވެ. ސުޕްރީމް ކޯޓުން އިލެކްޓޯރަލްކޮލެޖް 50-50 ނިސްބަތަށް ދަމަހައްޓަން އަމުރުނެރުނުނަމަވެސް، އިންޑިއާގެ ސްޓޭޓް ތަކުން ބުރަވީ، ކުޅުންތެރިންނާއި އެހެނިހެން މެމްބަރުންގެ ނިސްބަތް 25 އިންސައްތައަށް ދަށްކުރުމަށެވެ. ފީފާ އިން ބުރަވީ ސްޓޭޓް ތަކުގެ ރައުޔޫއަށެވެ.
ފަސް މަންޒަރު
ބައިނަލްއަގުވާމީ ކުޅިވަރުގެ ދާއިރާ އެކުލެވިގެންވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި، ވަކިވަކި ކުޅިވަރުތަކުގެ ދުނިޔޭގެ ފެންވަރުގެ ޖަމިއްޔާތައް އެކުލެވޭ ނިޒާމެއްގެ ތެރޭގައެވެ. ތަފާތު ކުޅިވަރުތަކުގެ "ވާލްޑް ކަޕް" ތައް އުފެދިގެން އައިއިރު، ދޭދޭ ގައުމުތަކުގެ މެދުގައި ގައުމީ ޓީމްތަކާއި ކްލަބްޓީމްތައް ވާދަކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލްތައް އުފެދިފައި އޮތީ އެކުޅިވަރަކާބެހޭ ބައިނަލް އަގުވާމީ ޖަމިއްޔާއަކުން އެކުލަވާލި ހަމަތަކުގެ މައްޗަށެވެ. ނަތީޖާއަކަށްވީ ބައިނަލްއަގުވާމީ ވާދަކުރުންތަކުގައި ދިމާވާ މައްސަލަތައް، ގައުމީ ސަރުކާރުތަކާއި، ކޯޓްތަކުގެ އިހްތިސާސްއިން ބޭރުން ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުން ނިންމަން ފެށުމެވެ. މިއަދުގެ ދުނިޔޭގައި، އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ފީފާ ފަދަ ބޮޑެތި ކުޅިވަރު ޖަމާއަތްތަކަކީ ވަކި ގައުމެއްގެ ސަރަުކާރަކަށްވުރެ، ޔުނައިޓްޑް ނޭޝަންސްގެ ނިޒާމާ ގާތްގުޅުން އޮންނަ ޖަމާއަތްތަކެކެވެ. މިސާލަކަށް ފީފާގެ މެމްބަރުން، އޫ.އެން ގެ މެމްބަރު ގައުމުތަކަށްވުރެ ގިނައެވެ.
ބައިނަލްއަގުވާމީ ކުޅިވަރުގައި ދިމާވާ މައްސަލަތައް ގައުމުތަކުގެ ކޯޓްތަކަށް ހުށަހެޅުމުގެ ބަދަލުގައި، އިންޓަރނޭ ޝަނަލް ކޯޓެއްގެ ހިޔާލު އުފެދުނީ ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ސްޕެއިންގެ ޔުއާން އެންޓޯޓިއޯ ސަމަރާންޗް ހޮވުމާއިގުޅިގެންނެވެ. އަދި އިންޓަރނޭޝަނަލް ކައުންސިލް އޮފް އާބިޓްރޭޝަންސް ފޯ ސްޕޯޓްސް ގެދަށުން ކޯޓްއޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އުފެދުނީ 1984 ގައެވެ.
މިފަސްމަންޒަރުގައި، ވެއަތުވެދިޔަ ސަތާރައަހަރުތެރޭ ރާއްޖޭގެ ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ކަންކަމުގައިވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ދައުރު ބޮޑުވާން ފަށާފައިވެއެވެ. 2008 ވަނަ އަހަރު، ފީފާގެ އިންޓަރިމްކޮމިޓީއެއްގެ ބެލުމުގެ ދަށުން ފުޓުބޯޅަ އެސޯސިއޭޝަން އިންތިހާބު ކުރަންޖެހުނެވެ. 2009 ގައި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ އިންތިހާބުކުރުމުގައި އިންޓަރނޭޝަންލް އޮލިމްޕިކް ކޮމިޓީގެ ދައުރުބޮޑެވެ. މިފަހަކުން ވޮލީބޯޅަ އާއި އެހެނިހެން ކުޅިވަރުއެސޯސިއޭޝަންތަކުގެ އިންތިހާބުތައް ބޭއްވުމުގައިވެސް އެކުޅިވަރުތަކުގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ދައުރު ފައުޅުކަން ބޮޑުކޮށް ފެންނާންފަށާފައި ވެއެވެ. 2019 ވަނަ އަހަރު ދިވެހި ފުޓުބޯޅަ ކުޅުންތެިޔާ/ކޯޗް/އެޑްމިނިސްޓްރޭޓަރެއް ކަމުގައިވާ މަރިޔަމް މުހަންމަދު ހުށަހެޅި މައްސަލައެއް ކޯޓް އޮފް އާބިޓްރޭޝަންސް ފޯ ސްޕޯޓްސް އިންބެލިއެވެ. ސަރުކާރުން ސްޕޯޓްސް ކޮމިޝަނަރެއް ކަނޑައަޅަންޖެހުނީވެސް މިފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތްކުރާނެ މުއައްސަސާއެއް ގާއިމްކުރުމުގެ މުހިންމުކަން ދެނެގަނެވުމުންކަމުގައި ބަލަންޖެހެއެވެ.
އިންޑިއާ ސަސްޕެންޑްކުރި ކުރުމަކީ ބައިނަލްއަގުވާމީ ކުޅިވަރުދުނިޔޭގައި އުފެދެމުންއަންނަ ކުޅިވަރާގުޅޭ އައު ގާނޫނީ މަފްހޫމްތައް (ޖޫރިސްޕްރޫޑަންސް އޮފް ސްޕޯޓްސް) މެދުވެރިކޮށް، ކުޅުންތެރިގެ ހައްގުތަކާއި، ޖުމްލަގޮތެއްގައި ކުޅިވަރުގެ ހަމަތަކެއް ހިފެހެއްޓުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގެންގުޅޭ އުސޫލްތަކާއި، ވަކިވަކި ގައުމުތަކުން ގެންގުޅޭ އުސޫލްތައް ފުށުއެރުން ރަމްޒުކޮށްދޭ ހާދިސާއެކެވެ. އިންޑިއާ ސަސްޕެންޑް ކުރީ ސުޕްރީމްކޯޓުން އިލެކްޓޯރަލް ކޮލެޖް ކަނަޑައަޅާ، އެސޯސިއޭޝަންގެ ހިންގުމާއި ހަވާލުވެ އިންތިހާބު ކުރިއަށް ގެންދިއުމަށް ނިންމުމުންނެވެ.
އިންޑިއާގެ އެސޯސިއޭޝަނާއި ޕްރަފުލް ޕަޓޭލް
ޕްރަފުލް ޕަޓެލް އަކީ އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްގެ އިތުރުން ފީފާ ކަނއުންސިލްގެ މެމްބަރެއްވެސް މެއެވެ. އަދި ކިއެއްތަ ޕާލިމެންޓް މެމްބަރެއްވެސް މެއެވެ. ރައްޔިތުންގެ މަޖިލިސް މެމްބަރުން ގައުމީ ކުޅިވަރު ޖަމިއްޔާތަކުގެ ރައީސްކަން ކުރުމަކީ އޭޝިއާއާއި އެފްރިކާގެ ބައެއް ގައުމުތަކުގައި ފެންނަ ޝަގާފަތަކަށް ވީނަމަވެސް، ބައިނަލްއަގުވާމީ ކުޅިވަރުގައި ވިދާ ޑިމޮކްރަސީތަކުގައި އޮންނަ ޝަގާފަތެއް ނޫނެވެ.
އިންޑިއާގެ ފަސްޓް ޕޯސްޓް ނޫހުގެ ދިރާސާއެއްގައި ފާހަގަކޮޑްފައިވާގޮތުގައި، މަޖިލިސް މެމްބަރު އަދި އެސޯސިއޭޝަންގެ ރައީސް ޕްރަފުލް ޕަޓޭލް އާއިއެކު ހޮވިފައިވާ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ އަކީ ޒަމާނާއިއެއްގޮތަށް ވިޔަފާރިއުސޫލަށް ފުޓުބޯޅައިގެ ހިންގުން ބަދަލުވެގެންއައި އިރު، ނިންމަންޖެހޭ މިލިއަން ރުފިޔާގެ ބޮޑެތި މައްސަލަތައް ނިންމުމު ގާބިލްކަން ހުރި ހިންގާކޮމިޓީއެއް ނޫންކަމަށެވެ. އަދި މިސަބަބުތަކަށްްޓަކައި، އެސޯސިއޭޝަން އޮތީ ނުކުޅެދިފައި ކަމަށެވެ. އެސޯސިއޭޝަންގެ ހިންގާ ކޮމިޓީ ނުކުޅެދިފައި އޮތްނަމަވެސް، ވިޔަފާރިތަކުން ފުޓުބޯޅައިގެތެރެއަށް ވަނުމުން، އިންޑިއާގެ ލީގް މިވަނީ ކުރިއަށްވުރެ މާހަލުވިކޮށް ކުރިއަރާފައެވެ. މީޑިއާ ކޮންސަލްޓިންގް ކުންފުންޏަކާ ހަވާލާދީ، އިންޑިއާގައި ފުޓުބޯޅަ ބަލާ 23 މިލިއަން މީހުންގެ އާބާދީއެއް އޮތްކަމަށް ބީ.ބީ.ސީ އިން ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާގެ ފުޓުބޯޅަ އެސޯސިއޭޝަނަށް ދިމާވެގެން މިއުޅޭ މައްސަލަ ކަމަށް ބެލެވެނީ، ޒަމާނާއި އެއްފެންވަރަށް އެސޯސިއޭޝަން ނުހިންގުމެވެ. އެއްކޮޅުން ފުޓުބޯޅަ އަކީ ވިޔަފާރިއުސޫލުން ހިނގާ ހަރަކާތަކަށް ބަދަލުވެއްޖެއެވެ. އެހެންނަމަވެސް އެސޯސިއޭޝަން، އެފެންވަރަށް ތަރައްގީއެއް ނުވެއެވެ.
މިފަދަ މައްސަލަތައް ގިނަފަހަރަށް ވަރަށް އަވަހަށް ހައްލުވެނިމިނުމަމަވެސް، ދިގުދެމިގެންދާފަހަރުވެސް އާދެއެވެ. އާއްމުގޮތެއްގައި މިފަދަ މައްސަލަތައް ނިންމަންޖެހެނީ ކޮމްޕްރޮމައިޒް ގެއުސޫލުންނެވެ. އެއީ އެއްކޮޅުން، ނުވަތަ ދެކޮޅުންވެސް ދޫދިނުމުގެ ހަމައެއް ހޯދައިގެނެވެ.
އެޑިޓަރުގެ ނޯޓް:
ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެއްޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ހާމިދަކީ މިހާރު ވެސް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނަވާ ބޭފުޅެކެވެ.