މިހާރު ކާނިވާ ސަރަހައްދުގައި ކުރިއަށް ދާ "ހަވާލޭ ވަތަން" ޖަލްސާގައި ރާއްޖޭގެ ހުރިހާ ރަށެއްގެ މަންދޫބުންގެ އަތުން 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން އާއި ހަވާލު ކޮށްދެއްވީ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
ގިނަ ބަޔަކު ބައިވެރިވަމުން އަންނަ މި ޖަލްސާގައި ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި އެކު ގިނަ ބަޔަކު ވަނީ ތަރުހީބު ދެއްވާފަ އެވެ.
ރައީސް ޔާމީން އަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމަށް އެ ޕާޓީގެ ސެނެޓުން ނިންމީ، މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.
ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓު ހަވާލު ކުރައްވާފައި ވާއިރު، މިހާރުވެސް އެމަނިކުފާނާއި ދެކޮޅަށް ކޯޓުގައި އަންނަނީ ޝަރީއަތް ހިންގަމުންނެވެ. އެހެން ކަމުން އެމަނިކުފާނަށް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަން އަދި ޔަގީނެއް ނޫނެވެ.
އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ، 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ.